Roadha Mihaaru
"ރައީސް، މުއިއްޒަށް ހަމަލާ އެ ދެއްވަނީ ބަލިވާތީ"

ރައީސް، މުއިއްޒަށް ހަމަލާ ދެއްވަން ފެއްޓެވުމަކީ ބަލިވުމުގެ އަލާމާތެއް: ޝަހީމް

28 އޯގަސްޓް 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބަހުގެ ހަމަލާތަކެއް އިދިކޮޅު އެންމެ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައްދު ކުރައްވަން ފެއްޓެވުމުން އެނގެނީ މި ފަހަރުގެ ރިޔާސީ އިންތިހާބުން ރައީސް ބަލިވެފައިވާކަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބަހުގެ ހަމަލާތަކެއް އިދިކޮޅު އެންމެ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައްދު ކުރައްވަން ފެއްޓެވުމުން އެނގެނީ މި ފަހަރުގެ ރިޔާސީ އިންތިހާބުން ރައީސް ބަލިވެފައިވާކަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ މުއިއްޒަށް ފާޑުވިދާޅުވެ، އިއްޔެ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. ތަރައްގީގެ މަޝްރޫއުތައް މުއިއްޒަށް ނުހިންގޭނެ ކަމަށާއި ދައުލަތުގެ ފައިސާ ޖަމާކުރާނީ އަމިއްލަ އެކައުންޓަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އެފަދަ ވާހަކަތަކެއް ރައީސް ދެއްކެވުމުން އެކަން ކުށްވެރިކުރައްވައި ގދ. ތިނަދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިހާބު އެއްބުރުން މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމުގެ އަލާމާތްތަައް ފެންނަން ފަށައިފި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އާންމުކޮށް ބަހުގެ ހަމަލާތައް ރައްދު ކުރައްވައި، އެފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ނުވާއިރު، އެ ހާލަތަށް ރައީސް ވަޑައިގެންނެވީ އިންތިހާބު ގެއްލުނު ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށް ޝަހީމް ސިފަކުރެއްވި އެވެ.

"ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވުމުން އެކަމުގެ އިހުތިރާމް އަޅުގަނޑަށް އެ މަނިކުފާނަށް ކުރަން. އެކަމަކު ރައީސްގެ ވާހަކަތައް އަޅުގަނޑު ކުށްވެރި ކުރަން. އެކައުންޓަށް ލާރި ޖަމާކުރާނެ ކަމަށް ބުނެ އެ ވާހަކަތައް އެ ދެއްކެވީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ ހަރަކާތެއް މި އުޅެނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ ރައީސްގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، މުއިއްޒުގެ އަނބިކަނބަލުންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތައް ވެސް ކުށްވެރި ކުރައްވައި އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް ސިފަކުރައްވައިފަ އެވެ. އެފަދަ ވާހަކަތަކަކީ އެމްޑީޕީގެ ތެރޭގައި އޮންނަ ކަމެއް ކަމަށާއި އެކަމުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ރައްޔިތުން އެބަ ޖެހޭ އަތުގުޅާލަން. މި ގައުމު ސަލާމަތް ކުރުމަށް ނުކުންނަން. އެކަކު އަނެއްކަކު ކިބައިން ބާރު ހޯދައިގެން މި ކުރަން އެބަ ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

"ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވުމުން އެކަމުގެ އިހުތިރާމް އަޅުގަނޑަށް އެ މަނިކުފާނަށް ކުރަން. އެކަމަކު ރައީސްގެ ވާހަކަތައް އަޅުގަނޑު ކުށްވެރި ކުރަން. އެކައުންޓަށް ލާރި ޖަމާކުރާނެ ކަމަށް ބުނެ އެ ވާހަކަތައް އެ ދެއްކެވީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ ހަރަކާތެއް މި އުޅެނީ،"--- ޝަހީމް

"މި ގައުމުގަ އޮންނަން ޖެހޭނީ ފަހުރުވެރިވާ ފަދަ ޒައާމަތެއް. މިނިވަންކަން ކޮންޕްރޮމައިސް ނުކުރާނެ ޒަމާއަމަތެއް އޮންނަން ޖެހޭނީ. މި ގޮވާލަނީ ރައްޔިތުން މަސައްކަތް ކޮށްދޭށޭ މި އިންތިހާބު [މުއިއްޒަށް] ކާމިޔާބު ކޮށްދޭން."

ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒާއި ޝަހީމް - ފޮޓޯ: ނިޝާން އަލީ | މިހާރު

ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒާއި ޝަހީމް - ފޮޓޯ: ނިޝާން އަލީ | މިހާރު

ޝަހީމް ވިދާޅުވީ ތިނަދުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރެއްވި ރަށެއް ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެ މަޝްރޫއުތައް ވީރާނާވާން ދޫކޮށްލާފައި ތަން ކަމަށެވެ. ތިނަދޫގައި ގާއިމްކުރި އިސްލާމީ މަރުކަޒަށް މިހާރު އެއްވެސް އަޅާނުލެއް ނެތި ދޫކޮށްލާފައި އޮތް އޮތުން ޝަހީމް ކުށްވެރި ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ތިނަދޫގެ އިސްލާމީ މަރުކަޒަކީ ވަރަށް ބޮޑު ތަސައްވަރަކާ އެކު އިސްލާމީ ޔުނިވާސިޓީ ހިންގުމަށް ހެދި ތަނެއް ކަމަށެވެ. ނަމަވެސް. އެކަން ހާސިލްވެ ނުދިޔުމަކީ ހިތަށް ވަރަށް އަސަރު ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ މި ރަށުގެ އިސްލާމީ މަރުކަޒު އަޅުގަނޑުމެންނަށް އެދި ގޮވަމުންދާ ތަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، މި ސަރުކާރާ ހިލާފަށް ޔާމީނަކީ ރައްޔިތުންގެ ކުރިއެރުމަށް ވަރަށް ބޮޑު ތަސައްވުރެއް ގެންގުޅެއްވި ރައީސެކެވެ. އެކަން އެ މަނިކުފާނު އިމާރާތް ކޮށްދެއްވި ދަރުމަވަންތަ ހޮސްޕިޓަލުން ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ. އެ މަޝްރޫއު ރާވާފައި އޮތް ގޮތަށް ހިންގުނު ނަމަ، އެއީ އެތައް ކްލިނިކްތަކާ އެކު ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހޮސްޕިޓަލަކަށް ވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.