Roadha Mihaaru
މުއިއްޒު ނިންމާފައިވަނީ އިތުރަށް ހިއްކައިގެން ގޯތި ދޭން

ގުޅިފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރު ފަޅު 6-12 މަސްތެރޭގައި ހިއްކައި ނިންމާނަން: މުއިއްޒު

06 ސެޕްޓެމްބަރ 2023

މާލޭގެ މީހުންނަށް ގޯތި ދިނުމަށްޓަކައި ގުޅިފަޅާއި ގިރާވަރުފަޅުން މިހާރު ނުހިއްކާ އޮތް ސަރައްހަދު އަދި ފުށިދިއްގަރުފަޅު އޭނާގެ ވެރިކަމުގައި ފުރަތަމަ އަހަރު ހިއްކައި ނިންމާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނަށް ގޯތި ދިނުމަށްޓަކައި ގުޅިފަޅާއި ގިރާވަރުފަޅުން މިހާރު ނުހިއްކާ އޮތް ސަރައްހަދު އަދި ފުށިދިއްގަރުފަޅު އޭނާގެ ވެރިކަމުގައި ފުރަތަމަ އަހަރު ހިއްކައި ނިންމާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ޖަގަހައެއްގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މި ސަރުކާރުން ހިއްކާފައިވާ ވަރަށް ވުރެ ބޮޑު ސަރަހައްދެއް ގުޅިފަޅުން ހިއްކައިދޭނެ ކަމަށެވެ. ވިދާޅުވީ، ގުޅިފަޅުގައި ނުހިއްކައި ބާއްވާނީ ބަނދަރަކަށް ބޭނުންވާ ޖާގަ އެކަނި ކަމަށާއި އެ ބޭފުޅުންގެ މާސްޓަޕްލޭންގައި ވެސް އޮތް ގޮތް ކަމަށެވެ. އޭނާ ނިންމަވާފައި ވަނީ މުޅި ގިރާވަރާއި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކާށެވެ.

"މި ހުރިހާ ހިއްކުމެއް ނިންމައިދޭނަން ފުރަތަމަ އަހަރުގެ ހަ މަސް ތެރޭގައި ނޫނީ 6-12 މަސް ތެރޭގައި އެންމެ ގިނަ ވެގެން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި މާލެ ސަރަހައްދުން އަލަށް ހިއްކާ ތަންތަނުން އޭނާގެ ވެރިކަމުގެ ފުރަތަމަ އަހަރު ގޯތި ދޫކުރަން ފަށާނެ އެވެ. އަދި ލުއި ލޯނު ދީގެންނާއި ސަރުކާރުގެ ކުންފުނި މެދުވެރިވެގެން ގެދޮރު އެޅޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން އެމްޑީޕީގެ ސަޕޯޓަރުންތަކަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން އެމްޑީޕީގެ ސަޕޯޓަރުންތަކަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

"ދާއިމީ ހައްލެއް މާލޭގެ ރައްޔިތުންނަށް ހޯދައި ދޭނަން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވަނީ މި ސަރުކާރުން މާލޭގެ މީހުންނަށް ދޫކުރި ބިންތަކުގައި ގެދޮރު އެޅުމަށް އޭނާގެ ސަރުކާރެއްގައި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ތަކުރާރު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، އިންތިހާބަށް ދެ ދުވަހަށް ނުވަތަ އެއް ދުވަހަށް ވުމުން ވަގުތީ އެހީތެރިކަން ފޯރުކޮށްދޭން މީހުން އަންނާނެ ކަމަށެވެ. އެކަމަކު، ގައުމީ ކަންކަމުގައި ވަގުތީ އެހީތެރިކަމަށް ވުރެ ގައުމު އިސްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ވެމްކޯގެ އަގުތައް އަތްފޯރާފަށަށް

މުއިއްޒު މިއަދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ވެމްކޯގެ މައްސަލަތަކެވެ. އޭނާ ވިދާޅުވީ، މާލޭގެ ގޭގެ އިން ކުނި އުކުމަށް ވެމްކޯ އިން ބޮޑު ފީއެއް ނަގާ ކަމަށާއި އެ މަސައްކަތް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ބައެއް ކުދި ކުންފުނިތައް ވެސް ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒަށް ތާއީދުކުރާ ޒުވާނުންތަކަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒަށް ތާއީދުކުރާ ޒުވާނުންތަކަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް

"އަޅުގަނޑު ދޭ ޔަގީންކަމަކީ އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރައްވައި މި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި މި މާލެ ސިޓީން ވޯޓު ދެއްވައި އަޅުގަނޑު އިންތިހާބު ކޮށްފި ނަމަ މި ވެމްކޯގައި މި ހުރި އެއްވެސް ގޮތަކަށް ބަލައި ނުގަނެވޭނެ ބޮޑު އަގުތައް ކުޑަކޮށްދީ، ރައްޔިތުންނަށް ފޯރާނެ ގޮތަކަށް ހަދައިދޭނަމޭ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެމްކޯގެ އަގުތައް ބޮޑުކޮށްގެން އުޅެނީ އެ ކުންފުންޏަށް ފައިދާ ނުވެގެނެއް ނޫނެވެ. މައްސަލައަކީ އެ ތަން ހިންގަން ނޭނގުން ކަމަށާއި އިހުލާސްތެރި ވެރިން ހަމަޖައްސައިފި ނަމަ އެކަން ހައްލު ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕާކިން ސްލޮޓްތައް ދޫކުރާނީ ޕާކިން ބިލްޑިންގްތަކުގައި

އޭނާ ވިދާޅުވީ، މާލެ އަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގްތައް ހަދާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހަދާ އެ ޕާކިން ބިލްޑިންގްތަކުގައި ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ޖާގަ ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އޭގެ މާނައަކީ މީގެ ފަހުން އިމާރާތްތައް އެޅުނީމައޭ އެއްގޮތަކަށް ވެސް ގޭގެއިން އަގު ބޮޑުކޮށް ގަރާޖު ހޯދާކަށް ނުޖެހޭނެއޭ. އަޅުގަނޑުމެން މިދޭ ޕާކިން ސްލޮޓަކީ އެ ކާރު ނުވަތަ އެ ވެހިކަލް ބާއްވަން ދޭ ގާނޫނީ ބާރުވެރިކަން، ގާނޫނީ ހައިސިއްޔަތު ދީފައިވާ ވެހިކަލް ގަރާޖު ސްޕޭސް. އެ ތަނަށް ރަޖިސްޓަރީ ކުރާނީ ވެސް. އާ ވެހިކަލެއް ގެންނަ ނަމަވެސް އެ ސްލޮޓް ލިބިގެން އެ ތަނަށް ރަޖިސްޓަރީ ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން ބަޔަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަން ބަޔަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދެ ފަރާތް ފެނިވަޑައިގެންފައިވާ ކަމަށާއި ޕާކިން މައްސަލަ އަށް ދާއިމީ ހައްލު ގެންނާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ ރައްޔިތުންގެ ފަރާތުން ހިންގޭނެ ލާމަރުކަޒީ ނިޒާމެއް ސަރުކާރުގެ އެހީތެރިކަމާއެކީގައި ހިންގޭ ތަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދައްކުވައި ދޭނަން،" އޭނާ ވިދާޅުވި އެވެ.