Roadha Mihaaru
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ

ތައުރީފާ އެކު، އިންތިހާބީ ރައީސަށް މާލެ ސިޓީ ކައުންސިލްގެ މަރުހަބާ

02 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީ އަށް މާލޭ ސިޓީ ކައުންސިލުން މިއަދު މަރުހަބާ ކިޔައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީ އަށް މާލޭ ސިޓީ ކައުންސިލުން މިއަދު މަރުހަބާ ކިޔައިފި އެވެ.

އެ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މޭޔަރެއްގެ ހައިސިއްޔަތުން މާލެ އަށާއި މާލެ އަށް ޒިޔާރަތްކުރާ މީހުންނަށާއި އަދި އެހެން ރަށްރަށުގެ މީހުންނަށް ވެސް އެތައް ހިދުމަތެއް ކުރައްވަމުން ގެންދަވާ މުއިއްޒު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ހޯއްދެވި ކާމިޔާބީ ފާހަގަކޮށް، އެ ކައުންސިލްގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ މާލޭގެ މޭޔަރު ކަމުގައި މުއިއްޒު ހުންނަވައިގެން ފާއިތުވި ދެ އަހަރު ދުވަހު މާލެއަށް ހިދުމަތްކުރެއްވުމުގައި ނުހަނު ބުރަކޮށް މަސައްކަތްކުރައްވައި ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކުރައްވައި ހިދުމަތްތައް ފުޅާކުރައްވައި އަދި ޒަމާނީ ހަލުވި ހިދުމަތްތައް ވެސް ތައާރަފު ކުރެއްވި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ޑރ. މުއިއްޒު އެ ކައުންސިލްގެ މެމްބަރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ޑރ. މުއިއްޒު އެ ކައުންސިލްގެ މެމްބަރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް

ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ މަހުފޫމްގައި ތަރުތީބުން ކުރައްވައި، ކައުންސިލްގެ އާމްދަނީ އިތުރު ކުރައްވައި ރައްޔިތުންގެ އަޑުއައްސަވައި މަޝްވަރާ ކުރައްވައި ރައްޔިތުން ކައިރިއަށް ވަޑައިގެން ހާލު ބައްލަވައި މަޝްވަރާ ބައްދަލުވުންތައް ބޭއްވި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ސިޓީ ކައުންސިލްގެ ޓީމް ގޮވައިގެން މަނިކުފާނު މަސައްކަތްކުރެއްވި ދުވަސްތަކަކީ މުވައްޒަފުންނަށް އުފާވެރިކަން ގެނެސްދިން، މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވި އަދި މަސައްކަތްކުރުމަށް މަގުފަހިކޮށްދެއްވި ދުވަސްތަކެއް ކަން މިފުރުސަތުގައި ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ސިޓީ ކައުންސިލުން ބުނީ މުއިއްޒަކީ ޝައުގުވެރިކަމާއި މުރާލިކަމާ އެކު، ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާ ބޭފުޅަކަށް ވީ ހިނދު މިއަދު ސިޓީ ކައުންސިލް ދޫކުރައްވާ އެމަނިކުފާނު ވަޑައިގަންނަވަނީ އެއަށް ވުރެ މަތިވެރި އަމާނާތަކާ ހާވާލުވެވަޑައިގެން، އެއަށް ވުރެ މަތިވެރި ހިދުމަތްތަކެއް ގައުމަށް ކުރެއްވުމަށް ކަމަށް ވާތީ، އެއީ ސިޓީ ކައުންސިލަށް ލިބޭ ޝަރަފެއް ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުކޮށް، އެ މަގާމާ ހަވާލުވެވަޑައިގަތީ މެއި 17، 2021 ގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ހޯއްދަވައިގެންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.