Roadha Mihaaru
ސިޓީ ކައުންސިލްގެ މެމްބަރު ޒަމީރު، މުއިއްޒުގެ ފަހަތަށް

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒަމީރު ޑރ. މުއިއްޒުގެ ފަހަތަށް

06 ސެޕްޓެމްބަރ 2023

މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު އިދިކޮޅު ޕީޕީއެމަށް މިއަދު ސޮއިކުރައްވައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު މިއަދު މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ޒަމީރު ވަނީ އޭނާގެ ފޯމު މުއިއްޒާ ހަވާލު ކުރައްވައިފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަމުގައި ތިންވަނަ ދައުރު ފުރުއްވަމުން ގެންދަވާ ޒަމީރު "މިހާރު" އަށް މިރޭ ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި މުއިއްޒު ވަރުގެ ގާބިލް އަދި ތަރައްގީ ގެނެވޭނެ ކެންޑިޑޭޓަކު ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު ނުކުމެވަޑައިގަތީ މާލެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭނެއް ހިފައިގެން ކަމަށާއި މިހާތަނަށް އެ ޕްލޭންގެ 75 ޕަސެންޓް ހާސިލް ކޮށްފި ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު، ޒަމީރަށް މަރުހަބާ ވިދާޅުވެ އޭނާގެ ގައިގައި މިއަދު ބައްދާލައްވަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު، ޒަމީރަށް މަރުހަބާ ވިދާޅުވެ އޭނާގެ ގައިގައި މިއަދު ބައްދާލައްވަނީ.---ފޮޓޯ: ޕީޕީއެމް

"ހާސިލް ނުކުރެވި އޮތް ކަމެއް ވިއްޔާ ނުވެ އޮތީ ސަރުކާރުގެ ސަބަބުން. އެހެން ނޫނިއްޔާ މިހާރު ބޮލަށް ވެއްޓެން ކައިރި ވެފައިވާ ސިނަމާލެ ފްލެޓްތައް ވެސް ހުންނާނީ އަޅާފައި. ޕާކިން އަށް ވެސް ހައްލު އަންނާނެ. މާލޭގެ 10 މަގުގައި ވެސް އޮންނާނީ ތާރު އަޅާފައި. މި ސަރުކާރުގެ ގޯސްކަމުން އެ ކަންކަން ނުވީ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރަކީ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއްކޮށް މިހާތަނަށް ހުންނެވި ބޭފުޅެކެވެ. އެކަމަކު، ފަހަކަށް އައިސް ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި ހިމޭނުންނެވެ.

ޒަމީރު ވިދާޅުވީ، މާލޭގެ 10 މަގެއްގައި ތާރު އަޅަން ސިޓީ ކައުންސިލުން އާރުޑީސީއާ ހަވާލުކުރުމުން މި ސަރުކާރުން "ބަޖެޓް ފޭރިގަތީ" ކަމަށެވެ.

"އެހެން ނޫން ނަމަ މިހާރު އޮންނާނީ މާލޭގެ 10 މަގުގައި ތާރު އަޅައި ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އޮތީ ޕީޕީއެމަށެވެ.