Roadha Mihaaru
އީއޭ ސްޕޯޓްސް އާ ގޭމުގައި ތަރިއަކީ އެމްބާޕޭ

އީއޭ ސްޕޯޓްސް އާ ގޭމުގައި ތަރިއަކީ އެމްބާޕޭ، ގަދަ ފަހެއްގައި މެސީ ނެތް

13 ސެޕްޓެމްބަރ 2023

ކެލިފޯނިއާ (ސެޕްޓެމްބަރު 13) - މަޝްހޫރު ވީޑިއޯ ގޭމް ޕަބްލިޝާ، އިލެކްޓްރޯނިކް އާޓްސް (އީއޭ) ސްޕޯޓްސް އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ 30 އަހަރުވީ ދުވަސްވީ ގުޅުން ނިމުމާ އެކު، މިހާރު ފެށިފައިވާ ފުޓްބޯޅަ ސީޒަނަށް އީއޭ ސްޕޯޓްސް އިން ނެރޭ އާ ފުޓްބޯޅަ ގޭމް، "އީއޭ ސްޕޯޓްސް އެފްސީ 24" ގައި ހިމެނޭ އެންމެ މޮޅު 24 އަންހެން އަދި ފިރިހެން ކުޅުންތެރިންގެ މައުލޫމާތު އާއްމު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެލިފޯނިއާ (ސެޕްޓެމްބަރު 13) - މަޝްހޫރު ވީޑިއޯ ގޭމް ޕަބްލިޝާ، އިލެކްޓްރޯނިކް އާޓްސް (އީއޭ) ސްޕޯޓްސް އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ 30 އަހަރުވީ ދުވަސްވީ ގުޅުން ނިމުމާ އެކު، މިހާރު ފެށިފައިވާ ފުޓްބޯޅަ ސީޒަނަށް އީއޭ ސްޕޯޓްސް އިން ނެރޭ އާ ފުޓްބޯޅަ ގޭމް، "އީއޭ ސްޕޯޓްސް އެފްސީ 24" ގައި ހިމެނޭ އެންމެ މޮޅު 24 އަންހެން އަދި ފިރިހެން ކުޅުންތެރިންގެ މައުލޫމާތު އާއްމު ކޮށްފި އެވެ.

މި މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި ވާ، އީއޭ ސްޕޯޓްސް އެފްސީ ސީރީޒްގެ ފުރަތަމަ ގޭމުގައި ކުޅުންތެރިން އެންމެ މަތިން ރޭޓް ކޮށްފައި ވަނީ 91 ގައެވެ. މިއީފީފާ ސީރީޒްގެ އެންމެ ފަހު ގޭމް، "ފީފާ 23" ގައި ވެސް އެންމެ މަތިން ކުޅުންތެރިއަކު ރޭޓް ކުރެވިފައި ވާ ވަރެވެ.

އީއޭ ސްޕޯޓްސްގެ ފީފާ ސީރީޒްގެ ގޭމުތައް ގިނަ އަހަރުތަކެއް ވަންދެން ޑޮމިނޭޓް ކުރީ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ނަމަވެސް މި ގޭމުގައި، މިހާރު އަރަމުން އަންނަ ގިނަ ކުޅުންތެރިންތަކެއް އެންމެ މަތިން ރޭޓިން ހޯދާފައި ވާއިރު، ލިސްޓުގެ ގަދަ 5 ގައި މެސީ ނުހިމެނެ އެވެ. އަދި ގަދަ 24 ކުޅުންތެރިންގެ ލިސްޓުން ރޮނާލްޑޯ އަށް ޖާގައެއް ނުލިބުނެވެ.

އީއޭ ސްޕޯޓްސް އެފްސީ 24 ގައި، 91 ރޭޓީން ލިބިފައިވާ ފިރިހެން ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ކިލިއަން އެމްބާޕޭ އާއި އާލިން ހާލަންޑް އަދި ކެވިން ޑިބްރޭނާ އެވެ. ކުޅުންތެރިން ރޭންކް ކުރާއިރު އެންމެ ކުރި ލިބެނީ އެމްބާޕޭއަށެވެ. ހާލަންޑަށް ދެވަނަ ލިބޭއިރު ޑިބްރޭނާއަށް ލިބެނީ ތިންވަނަ އެވެ. މި ކުޅުންތެރިންނާ އެއްވަރުގެ ރޭޓިން އެއް ސްޕެއިންގެ އަންހެން ކުޅުންތެރިޔާ އަލެކްސިއާ ޕުޓޭލާސް އަށް ވެސް ވަނީ ލިބިފަ އެވެ.

ކުރީ ގޭމަށްވުރެ ރޭޓިން އެންމެބޮޑަށް މައްޗަށް ޖައްސާލާފައި ވަނީ، މިދިޔަ ސީޒަންގައި 53 މެޗުން 52 ގޯލު ޖެހި މެންޗެސްޓާ ސިޓީއަށް ކުޅޭ ހާލަންޑެވެ. ކުރީ ގޭމުގައި އޭނާއަށް ލިބިފައި ވަނީ 88 ގެ ރޭޓިން އެކެވެ.

ފުރަތަމަ 24 ކުޅުންތެރިންގެ ލިސްޓުގައި އެންމެ ގިނައީ ވެސް މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނެވެ. ސިޓީ އަކީ ފާއިތުވި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕާ އެކު ޓްރެބަލް ކާމިޔާބުކުރި ޓީމެވެ.

ކަރީމް ބެންޒެމާ، ތިބައު ކޯޓުއާ، ހެރީ ކޭން، ރޮބާޓް ލެވަންޑޯސްކީ އަދި މެސީގެ ރޭޓިން އަކީ 90 އެވެ. ނޭމާ، މުހައްމަދު ސަލާހު، ވާޖިލް ވެން ޑައިކް، ވިނީޝިއަސް ޖޫނިއާ، ރުބެން ޑިއާޒް، ރޮޑްރީ، މާކް އަންޑްރޭ ޓާ ސްޓޭގަން އަދި އެލިސަން ވަނީ 89 ގެ ރޭޓިން އެއް ހޯދައިފަ އެވެ.

ގޭމުގައި ކުޅުންތެރިންގެ ރޭންކިން އަށް ބަލާއިރު މެސީއަށް ލިބެނީ ހަވަނަ އެވެ. ފާއިތުވި 13 އަހަރު އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނުނެވެ. މިދިޔަ ޑިސެމްބަރު މަހު އާޖެންޓީނާ އާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު މެސީ ވަނީ އެމެރިކާ ލީގުގައި ކުޅޭ އިންޓަ މަޔާމީ އަށް ބަދަލުވެފަ އެވެ.

އަންހެން ކުޅުންތެރިންގެ ތެރެއިން ޕުޓޭލާސް އަށް ފަހު އެންމެ މޮޅު ކުޅުންތެރިންނަށް ތިބީ ބާސެލޯނާއަށް ކުޅޭ އައިޓާނާ ބޮންމާޓީ އާއި ހަންސެން އަދި ޗެލްސީއަށް ކުޅޭ އޮސްޓްރޭލިއާގެ ސޭމް ކާ އެވެ. މި ތިން ކުޅުންތެރިންގެ ރޭޓިން އަކީ 90 އެވެ. އަންހެން ހަތަރު ކުޅުންތެރިއަކު 89 ގެ ރޭޓިންއެއް ހޯދާފައި ވާއިރު ހަތަރު ކުޅުންތެރިއަކު ވަނީ 88 ގެ ރޭޓިންއެއް ވެސް ހޯދައިފަ އެވެ.