Roadha Mihaaru
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ

ރީތި ހިލޭޖެހުމަކުން ފަހު ސިކުންތުގައި ޕީއެސްޖީ މޮޅުކޮށްދިނީ މެސީ

20 ފެބުރުއަރީ 2023

ޕެރިސް (ފެބްރުއަރީ 20) - އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި ލިއޮނެލް މެސީ ގޯލު ޖަހައި 4-3 އިން ޕީއެސްޖީ މޮޅު ކޮށްދިން މެޗުގައި އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ އަށް އަނިޔާ ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ފެބްރުއަރީ 20) - އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި ލިއޮނެލް މެސީ ގޯލު ޖަހައި 4-3 އިން ޕީއެސްޖީ މޮޅު ކޮށްދިން މެޗުގައި އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ އަށް އަނިޔާ ވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ އަދި 17 ވަނަ މިނިޓުގައި ނޭމާ ޖަހައިދިން ގޯލުތަކުން ޕީއެސްޖީ ކުރީގައި އޮތް ނަމަވެސް ލިލް އިން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައި ލީޑު ހޯދައިފަ އެވެ.

ފުރަތަމަ ހާފުގެ 24 ވަނަ މިނިޓުގައި ބަފޯޑް ޑިއަކީޓޭ ލިލްގެ ފުރަތަމަ ގޯލު ޖަހައިދިން އިރު އެއްވަރު ކުރީ 58 ވަނަ މިނިޓުގައި ޖޮނަތަން ޑޭވިޑް ޖެހި ޕެނަލްޓީއަކުންނެވެ. ލީޑު ނެގި ގޯލު 69 ވަނަ މިނިޓުގައި ޖެހީ ޖޮނަތަން ބަމްބާ އެވެ.

ޕީއެސްޖީ އަށް 87 ވަނަ މިނިޓުގައި އުންމީދެއް ހޯދައިދިނީ އެމްބާޕޭ އެވެ. މޮޅުވި ލަނޑު މެސީ ޖެހީ 22 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުންނެވެ.

މި މެޗުގެ ކުރިން ޕީއެސްޖީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފުރަތަމަ މާސޭ އަތުން ބަލިވެގެން ފްރެންޗް ކަޕުން ކެޓިއިރު، ލީގުގައި މޮނާކޯ އަތުން ވެސް ވީ ބައްޔެވެ. އަދި އެންމެ ފަހުން ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބެޔާން އަތުންވެސް ވީ ބައްޔެވެ.

"އަހަރެން ބުނާނީ މިއީ ހަގީގަތުގައި ވެސް ލިބުނު ވަރަށް ބޮޑު ލުޔެއް،" ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުންޏެވެ.

ރޭގެ މޮޅާ އެލު ޕީއެސްޖީ ލީގު ތާވަލްގެ އެއްވަނައިގައި އޮތީ 24 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ 3-2 އިން ތޫލޫސް ބަލިކޮށް 52 ޕޮއިންޓް ހޯދާފައިވާ މާސޭ އެވެ. ތިން ވަނައިގައި އޮތީ 50 ޕޮއިންޓް ހޯދާފައިވާ މޮނާކޯ އެވެ. ލެންސް އޮތީ 49 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ނޭމާ އަށިގަނޑުގައި ދަނޑުން ބާލަން ތައްޔާރު ވެފައި.-- ފޮޓޯ: އޭއެފްޕީ

ނޭމާ އަށިގަނޑުގައި ދަނޑުން ބާލަން ތައްޔާރު ވެފައި.-- ފޮޓޯ: އޭއެފްޕީ

މި މޮޅާ އެކު ވެސް ޕީއެސްޖީ އަށް އޮތް ހާސް ކަމަކީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި ނޭމާ އަށް އަނިޔާ ވެގެން އަށިގަނޑުގައި ދަނޑުން ބާލަން ޖެހުމެވެ.

ބެލެވޭ ގޮތުގައި އަނިޔާ ވީ ނޭމާގެ ކަނާތު ފައިގެ ކުޑަހުޅަށެވެ. ނިމިދިޔަ ވޯލްޑް ކަޕް ގައި ވެސް ނޭމާގެ އެ ހުޅަށް ވަނީ ސީރިއަސް އަނިޔާއެއް ކުރިމަތިވެފަ އެވެ.

ލީގުގައި ޕީއެސްޖީ އަށް ކުރިއަށް އޮތީ ވެސް މުހިއްމު މެޗެކެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ މާސޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށް ފަހު ނަންޓްސް އާ ދެކޮޅަށް ކުޅެ، ޗެމްޕިއަންސް ލީގުގައި ބެޔާންގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮތީ މާޗު މަހުގެ އަށްވަނަ ދުވަހުގެރެ އެވެ.