Roadha Mihaaru
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"

ރައީސާ އެކުވާން ގޮވާލުމުން ނަޝީދު ވިދާޅުވީ "ދެން އެކަން ވާކަށް ނެތް" ކަމަށް

12 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރިހާ އެންމެން މަޝްވަރާކޮށް އެއްގަލަކަށް އަރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ގޮވާލެއްވުމުން، "ދެން އެކަން ވާކަށް ނެތް" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ވިސްނުންފުޅު ހާމަކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރިހާ އެންމެން މަޝްވަރާކޮށް އެއްގަލަކަށް އަރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ގޮވާލެއްވުމުން، "ދެން އެކަން ވާކަށް ނެތް" ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ވިސްނުންފުޅު ހާމަކުރައްވައިފި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ދާދިފަހުން އެމްޑީޕީ އާ ގުޅިވަޑައިގަތް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ ވެސް އެމްޑީޕީ އާ އެއް ފިކުރެއްގެ ތިބި ރައްޔިތުންގެ ވޯޓު ކަމަށެވެ.

އެހެންކަމުން މި ފިކުރު އެއްކޮށްފައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޖާބިރު ވަނީ ޑިމޮކްރެޓްސް އާ އެކު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަޝިޕަށް ގޮވާލައްވައިފަ އެވެ.

"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށޭ... ހުރިހާ ބޭފުޅުން އަވަހަށް ނެގޯސިއޭޝަން ހައްދަވައި، އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާށޭ،" ޖާބިރު ގޮވާލެއްވި އެވެ.

ޖާބިރުގެ ވާހަކަ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ހުއްޓުވައިފަ އެވެ.

"...އަޅުގަނޑު އެބަޖެހޭ ފާހަގަކޮށްދޭން. ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،" ޖާބިރުގެ ވާހަކައަށް ޖަވާބެއްގެ ގޮތުގައި ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ހޯއްދެވުނީ 101،635 ވޯޓެވެ.

އެއާ އެކު ދެވަނަ ބުރުގައި މުއިއްޒުގެ މައްޗަށް ކުރި ހޯއްދަވަން ރައީސަށް ނަޝީދުގެ ތާއީދު ބޭނުންވާ އިރު، އެ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރެވެމުންނެވެ.