Roadha Mihaaru
ދެވަނަ ބުރުގައި ވެސް ރައީސްގެ ފަހަތަށް ނަޝީދު ނާރާނެ

ދެވަނަ ބުރެއްގައި ވެސް ރައީސްގެ ފަހަތަކަށް ނާރާނަން: ނަޝީދު

21 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލިޔާސް ލަބީބަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ހާލަތުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އެ ޕާޓީ ނުދާނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލިޔާސް ލަބީބަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ހާލަތުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އެ ޕާޓީ ނުދާނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނ. ވެލިދު އަށް އިއްޔެ ކުރެއްވި ކެމްޕެއިން ދަތުރުގައި ނަޝީދު ވިދާޅުވީ، ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކަކީ އަވަސްއަވަހަށް ސަރުކާރުތައް ބަދަލުވުން ކަމަށެވެ. ތާއަބަދު އެކަކަށް ވެރިކަމުގައި ނުހުރެވޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ވުޖޫދުކުރީ ވެސް އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގައި މޫލާ ގޮތްވެ، ގިނަ ދުވަހު ވެރިކަމުގައި ހުންނެވުމުގެ ޝައުގުވެރިކަން ހުންނާނެ އެވެ. ރައީސަށް ދެވަނަ ދައުރެއް ދޭން ފެނިވަޑައިނުގަންނަވާ ސަބަބަކީ އެއީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓަކީ، ޒުވާން ކެންޑިޑޭޓެއްކަން ފާހަގަކުރައްވައި ގައުމަށް މިހާރު ބޭނުންވަނީ އެފަދަ ވެރިއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިންވަނަ އަށް ނުދާނެ އެއްގޮތެއް ވެސް ނެތް ކަމަށާއި އެ މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އިލްޔާސް މިހާރު ވެސް ހުންނެވީ ދެވަނަ ބުރުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެކި ބޭފުޅުން ލައްވާ ރައީސް އަޅުގަނޑުމެންނާ ގުޅޭތޯ އެބަ ބައްލަވާ. އެކަމަކު ދެވަނަ ބުރެއްގައި ވެސް އަޅުގަނޑުމެން ނުދާނަން ރައީސްއާ އެކުއެއް، ރައީސް ތިންވަނަ އަށް ނުލާ އަޅުގަނޑުމެން ހުއްޓައެއް ނުލާނަން،" ނަޝީދު ވިދާޅުވި އެވެ.

ނ. މާފަރުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދީފި ނަމަ ގާނޫނުއަސާސީ ބަދަލުކޮށްގެން ވެރިކަން ދަންމާލައްވާނެ އެވެ. އެ މަނިކުފާނުގެ ބާރުގެ ދަށުގައި މެންބަރުން ތިއްބެވި ކަމަށް ވިދާޅުވާއިރު، އެއީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ދުވަހުން އެކަމާ ދެކޮޅަށް ކުރާނެ މާބޮޑު މަސައްކަތެއް ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ވާހަކަ އަޅުގަނޑު މި ދަންނަވަނީ އެއްވެސް ޒާތީ ކަމެއް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އަޅުގަނޑުގެ ކުރީގެ ރަހުމަތްތެރިއާ މެދު އޮވެގެނެއް ނޫން. އެކަމަކު ވެރިކަން އަވަސް އަވަހަށް ބަދަލުވެގެން ދިޔުމަކީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާނީ އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނެވެ. މި އަހަރުގެ އިންތިހާބަށް 8 ކެންޑިޑޭޓުން ވާދަކުރާއިރު، އާންމުކޮށް އިންތިހާބުތަކުގައި ދެވަނަ ބުރުގައި ފެންނަ މަންޒަރަކީ ބަލިވާ ކެންޑިޑޭޓުން އެހެން ކެންޑިޑޭޓުންގެ ފަހަތަށް އަރާ މަންޒަރެވެ.

ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ވެސް އެ ފަދަ ގޮތަކަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ އިންތިހާބުގައި ފުރަތަމަ ބުރުގައި ދެވަނަ އަށް ނަޝީދު ވަޑައިގެންނެވިއިރު، ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރެއްވީ ބަލިވި ހުރިހާ ކެންޑިޑޭޓުން ނަޝީދަށް ތާއިދު ކުރެއްވުމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ނަޝީދާ ވާދަކުރައްވައި ވެރިކަމަށް ވަޑައިގަތީ އެ ގޮތަށެވެ.

ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރަައްވާއިރު، ވިދާޅުވެފައިވަނީ އެ މަނިކުފާނަށް ގޮންޖެހުމަކަށް ވާނީ ޕީޕީއެމް އެކަނި ކަމާއި އެހެން ޕާޓީތަކުގައި އެފަދަ ތާއިދެއް ނެތް ކަމަށެވެ. ޔާމީންގެ ތާއިދާ އެކު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.