Roadha Mihaaru
ހަނދަށް އުޅަނދެއް އުދުއްސާލުމުން ރާއްޖޭން މަރުހަބާ

އިންޑިއާއިން ހަނދަށް ފޮނުވަން އުޅަނދެއް އުދުއްސާލުމުން ރާއްޖޭން މަރުހަބާ ކިޔައިފި

24 ޖުލައި 2019

ހަނދުގެ ދިރާސާތަކެއް ކުރަން އިންޑިއާއިން ކާމިޔާބުކަމާ އެކު ޖައްވީ އުޅަނދެއް ފޮނުވައިލުމުން ރާއްޖޭން އެ ގައުމަށް މަރުހަބާ ކިޔައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހަނދުގެ ދިރާސާތަކެއް ކުރަން އިންޑިއާއިން ކާމިޔާބުކަމާ އެކު ޖައްވީ އުޅަނދެއް ފޮނުވައިލުމުން ރާއްޖޭން އެ ގައުމަށް މަރުހަބާ ކިޔައިފި އެވެ.

އިންޑިއާގެ ޖައްވީ އުޅަނދު "ޗަންދުރަޔާން 2" ކާމިޔާބުކަމާ އެކު އުދުއްސައިލުމުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އުޅަނދު ފޮނުވައިލުމަށް އިންޑިއާގެ ސައިންސްވެރިން ކުރި މަސައްކަތް ވެގެން ދާނީ ޖައްވީ ދިރާސާތަކަށް ލިބުނު ކުރިއެރުމަކަށް ކަމަށެވެ.

އިންޑިއާއިން ޖައްވީ ދިރާސާތައް ކުރުމުގައި ހޯދަމުން އަންނަ ކާމިޔާބީތަކަކީ އެ ދާއިރާ ތަރައްގީކުރަން ލިބުނު ހިތްވަރެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އިންޑިއާއިން ކުރި އެ މަސައްކަތް ވެގެންދާނީ ސައިންސާއިން ޓެކްނޮލޮޖީގެ ދާއިރާ އަށް ޒުވާނުން ޝައުގުވެރިކުރުވާނެ ކަމަކަށް ކަމަށް ވެސް ރާއްޖޭން ބުންޏެވެ.

ޖައްވީ އުޅަނދު ޗަންދުރަޔާން 2 އިންޑިއާއިން އުދުއްސައިލީ ހޯމަދުވަހު އެވެ.

މީގެ ހަފުތާއެއް ކުރިން އިންޑިއާ އިން ހަނދަށް ފޮނުވަން އުޅުނު އުޅަނދު އެންމެ ފަހު ވަގުތު ކެންސަލް ކުރީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އިންޑިއާގެ ސްޕޭސް އެޖެންސީ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ވެރިޔާ ވިދާޅުވީ ފުރަތަމަ މިޝަން ނާކާމިޔާބުވި ނަމަވެސް އެނބުރި އައީ "އުދުހޭ ކުލަތަކަކާ އެކު" ކަމަށެވެ. އުޅަނދު އުދުއްސާލާ މަންޒަރު ވަނީ އިންޑިއާގެ ޓީވީތަކުން ވަގުތުން ދައްކައިފަ އެވެ. އަދި އުޅަނދު އުދުއްސާލުމާ އެކު ޖައްވީ އެޖެންސީގެ ކޮންޓްރޯލް ރޫމުން އުފާ ފާޅުކުރަމުން ދިޔަ އެވެ.

އިންޑިއާ އިން އުއްމީދު ކުރަނީ ހަނދުގެ ސައުތު ޕޯލްގައި އުޅަނދެއް ޖައްސާ ފުރަތަމަ ގައުމަށް ވުމަށެވެ. ޖައްވީ އުޅަނދު ޗަންދްރަޔާން-2 ގެ ދަތުރު ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމަށެވެ.

އިންޑިއާގެ ފުރަތަމަ މޫން މިޝަން ކުރިއަށް ގެންދިޔައީ 2008 ގަ އެވެ. ޗަންދުރަޔާން-1 ގެ ހަނދުގައި ނުޖެއްސި ނަމަވެސް ރާޑަރު ބޭނުންކޮށްގެން ހަނދުގައި ފެންހުރިތޯ ބަލާފައިވެ އެވެ.