Roadha Mihaaru
ޑިމޮކްރެޓްސް އެދެނީ 25 ގައި ނިޒާމީ ވޯޓު ނަގަން

ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ މި މަހު 25 ގައި ނިޒާމީ ވޯޓެއް ނެގުން

15 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މި މަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑިމޮކްރެޓްސް އިން އަންނަނީ ދެ ވަނަ ބުރުގައި ޕާޓީން ކަންކުރާނެ ގޮތެއް ނިންމުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި އެމްޑީޕީ އާއި ޕީޕީއެމާ އެކު ވެސް ކޯލިޝަން މަޝްވަރާތައް ކުރަމުންނެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ.

އިލްޔާސްގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު އޭގެ ފަހުން މިއަދު ކުރެއްވި ޓުވީޓްތަކެއްގައި އިލްޔާސްގެ ވާހަކަތަކަށް ބާރު ދެއްވައި ވިދާޅުވީ ޑިމޮކްރެޓްސް އިން މަޝްވަރާކުރަނީ އެކަމާ މެދު ކަމަށެވެ.

އަމްރުގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރެވޭނީ އެގޮތަށް މަސައްކަތް ކުރެވޭ ނިޒާމެއް އޮވެގެން ކަމަށެވެ. އެ ކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގޭ ނިޒާމަކުން ކަމަށާއި އެކަން މިދިޔަ ތިން ދައުރުން ވެސް ސާފުވާ ކަމަށް އަމްރު ވިދާޅުވި އެވެ.

"ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިހާބެއްގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭ. އަޅުގަނޑުމެންގެ ހުށަހެޅުމަކީ މިއީ،" އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި ނިޒާމާ ގުޅޭ ވޯޓަކަށް އަހާނީ މި މަހު 25 ގަ އެވެ. އަދި ދެވަނަ ބުރުގެ ވޯޓު ކުރިން ވެސް ތާވަލުކޮށްފައި އޮތް ގޮތަށް 30 ގައި ބާއްވާނެ އެވެ.

އަދި 25 ގައި ނަގާ ވޯޓުގައި ނިޒާމް ބަދަލުކުރަން ރައްޔިތުންނަށް ވޯޓު ދީފި ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އިލްޔާސް ވަނީ ނޮވެމްބަރު މަހު 30ގެ ކުރިން ނިޒާމް ބަދަލުކުރުމާ ގުޅޭ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ކޯލިޝަން މަޝްވަރާއާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން އެންމެ ފަހުން ބޭއްވި އިންޓްރިމް ކައުންސިލްގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ ވިސްނުމަކީ ވެސް އެމްޑީޕީ ނުވަތަ ޕީޕީއެމްއާ މަޝްވަރާ ކުރާއިރު ސަރުކާރުގެ މަގާމްތަކާއި ސަރުކާރުން ވަކި ޕޯޝަނެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކުރާނެ ބަޔަކާއެކީ ކުރިޔަށް ދިޔުމެވެ.

އެ ޕާޓީ ގަބޫލުކުރާ އެންމެ މުހިންމު އެއް ސިޔާސަތެއް ކަމަށް މެންބަރުން ބުނަމުން އައީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ކަމެކެވެ. ނިޒާމީ ވޯޓުގެ ހުށަހެޅުން ޑިމޮކްރެޓްސް އިން ހާމަކޮށްފައި ވާއިރު ރިޔާސީ އިންތިހާބުގައި ދެ ވަނަ އަށް ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މަޝްވަރާކުރައްވަމުންނެވެ.