Roadha Mihaaru
އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސަން ނިންމައިފި

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސަން ނިންމައިފި

06 އޯގަސްޓް 2023

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ހަމަޖައްސައި، ކެންޑިޑެސީ ފޯމު މިއަދު ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ހަމަޖައްސައި، ކެންޑިޑެސީ ފޯމު މިއަދު ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދި ޑިމޮކްރެޓްސް އިން ވާދަކުރާ އިލްޔާސްގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަން ނިންމިކަމުގެ އަޑުތައް ގަދަވި އެވެ. އީވާގެ ކުށުގެ ރެކޯޑު ސާފުކުރަން ވެސް ހުށަހެޅި އެެވެ.

ރަނިން މޭޓަކަށް އީވާ ހަމަޖައްސަން ނިންމި ނިންމުން ބަދަލުވި ކަމުގެ އަޑުތައް ގަދަވީ، ޑިމޮކްރެޓްސް އިން މި ފަހުން ކުރި ކެމްޕޭން ދަތުރުގައި އަމްރު ބައިވެރިވެވަޑައިގަތް ހިސާބުންނެވެ. އެ ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން އަމްރު ވަނީ ކުރު ބަޔާނެއް ނެރުއްވައި ޑިމޮކްރެޓްސްއާ މެދު އޭނާގެ ހިތްހަމަނުޖެހުން އޮތް ކަމަށް ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ކަމަށާއި އޭނާގެ ތާއީދު އިލްޔާސަށް އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ވާހަކަ ފަތުރަނީ، އަމްރު ވިދާޅުވި ގޮތުގައި، ފިތުނަ އުފައްދައި ޑިމޮކްރެޓްސް ބައިބައިކުރުމަށެވެ.

ޑިމޮކްރެޓްސް އިން މިއަދު ބުނީ އެ ޕާޓީގެ ކެންޑިޑޭޓު އިލްޔާސް އަދި ރަނިންމޭޓު އަމްރުގެ ފޯމު މިއަދު މެންދުރު 1:00 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރެން ފޯމު ހުށަހަޅަން ނިންމާފައިވާއިރު، އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިކުރަން ގިނަ ސިޔާސީ ޕާޓީތަކަކާ އެކު މަޝްވަރާކޮށްފަ އެވެ. ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ކުރިއަށް ނެރެ، އެކަމުގައި ވެސް ޑިމޮކްރެޓުން މަސައްކަތްތަކެއް ކުރި އެވެ.

ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އެކި ޕާޓީތަކާ އެކު އިއްޔެއާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.

އެންމެފަހުން އިއްޔެ ވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީ އާ އެކު މަޝްވަރާ ކޮށްފަ އެވެ. އެކަމަކު އެ މަޝްވަރާތަކުގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.

އެ ބައްދަލުވުމަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވަނީ ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު އިދިކޮޅު ޕީޕީއެމަށް ވެސް ދެއްވައިފަ އެވެ.