Roadha Mihaaru
ތިން މަހުގެ ކެމްޕެއިނުން ދައުލަތް ބަލިކޮށްފިން: އަމްރު

ތިން މަސް ތެރޭގައި ކުރި ކެމްޕެއިނުން ދައުލަތް ބަލިކޮށްފިން: އަމްރު

10 ސެޕްޓެމްބަރ 2023

އާ ސިޔާސީ ޕާޓީއެއް އުފައްދައި، ވާދަވެރި ރިޔާސީ އިންތިހާބަކަށް ކުރިމަތިލައި، އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ކުރި ކެމްޕެއިނުން ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ބަލިކުރެވިއްޖެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ހުސެއިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާ ސިޔާސީ ޕާޓީއެއް އުފައްދައި، ވާދަވެރި ރިޔާސީ އިންތިހާބަކަށް ކުރިމަތިލައި، އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ކުރި ކެމްޕެއިނުން ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ބަލިކުރެވިއްޖެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ހުސެއިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ލިބުނު ނަތީޖާގެ އުފަލުގައި ސަޕޯޓަރުންނަށް މިއަދު ދެއްވި ހަވީރުގެ ސަޔަށް ފަހު އަމްރު ވިދާޅުވީ ރަށްރަށުގައި އެ ޕާޓީގެ ކެމްޕެއިން ދިޔައީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެކަން ކުރެވުނީ ކެމްޕެއިން ޓީމުތަކުގެ މެދުގައި އޮތް ބަދަހިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުން ފެނުނީ އެ ކެމްޕެއިން ވަރުގަދަ ކަމުގެ ނަތީޖާ އެވެ.

ސިޔާސީ ޕާޓިއެއް ހަދައިގެން ނުކުމެ، ތިން މަސް ތެރޭގައި ކުރި ކެމްޕެއިނަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އޮތީ މުޅި ދައުލަތެއް ބަލިކޮށްފައި: އަމްރު

"ސިޔާސީ ޕާޓިއެއް ހަދައިގެން ނުކުމެ، ތިން މަސް ތެރޭގައި ކުރި ކެމްޕެއިނަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އޮތީ މުޅި ދައުލަތެއް ބަލިކޮށްފައި. އެހެންކަމުން ތިބޭފުޅުންނަށް އަޅުގަނޑުމެންގެ ހިފަހެއްޓުމެއް ނެތް ޝުކުރު ދަންނަވަން،" އަމްރު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ޕާޓީގެ ލީޑާޝިޕް ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ޕާޓީގެ ލީޑާޝިޕް ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ ހަތް ޕަސެންޓެވެ.

އަމްރު ވަނީ އެ ޕާޓީގެ ކެމްޕެއިނަށް އެކި ގޮތްގޮތުން އެހީތެރިވި މީހުންނާއި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިއަދު ބޭއްވި ސައިގައި އިލްޔާސް ވިދާޅުވީ އޭނާގެ ކެމްޕެއިން ޓީމަކީ ހަގީގަތުގައި ވެސް "ވަރަށް ގަދަ ބައެއް" ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އަދި ފެށުން ކަމަށާއި ދެން އޮތީ އެ ޕާޓީ "ބާރަށް ކުރިއަށް" ދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޕީޑް މަޑެއް ނުކުރެވޭނެ، މިސްރާބު ކައްސައެއް ނުލެވޭނެ. އަޅުގަނޑުމެން ދާނީ ސީދާ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، އެ ޕާޓީން މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރީ ވަރަށް ގިނަ ގޮންޖެހުންތަކުގެ ތެރެއިންނެވެ. އެފަދަ ކޮންމެ ވަގުތެއްގައި ޕާޓީއަށް މަގު ދައްކައި ގޮންޖެހުންތަކުން އަރައިގަތުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ، މި ވަގުތު ރާއްޖޭގެ ޑިމޮކްރަސީގައި އެންމެ ތަޖުރިބާކާރު ލީޑަރު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޑިމޮކްރެޓްސް އިން މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި އިލްޔާސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި ކޯލިޝަން ހަދާނެ ޕާޓީއެއް އަދި ނުނިންމާ ކަމަށެވެ. ދެވަނަ ބުރަށް ދިޔަ އެމްޑީޕީ އާއި ޕީޕީއެމާ އެކުގައި ވެސް މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.