Roadha Mihaaru
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް

ކޯލިޝަން ނުހެދީ ހުރިހާ ގޯހެއްގެ ޒިންމާ ކޮންމެ ފަހަރަކު ނަގަން ޖެހޭތީ: ގާސިމް

16 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީއަށް ވެސް ތާއީދުނުކުރައްވަން ނިންމެވީ އޭނާގެ ތާއީދާ އެކު ވެރިކަމަށް ގެންނަ ކޮންމެ ސަރުކާރަކުން ހަދާ ގޯސްތަކުގެ ޒިންމާ އެންމެފަހު ވަގުތު އޭނާއަށް ނަގަން ޖެހޭތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީއަށް ވެސް ތާއީދުނުކުރައްވަން ނިންމެވީ އޭނާގެ ތާއީދާ އެކު ވެރިކަމަށް ގެންނަ ކޮންމެ ސަރުކާރަކުން ހަދާ ގޯސްތަކުގެ ޒިންމާ އެންމެފަހު ވަގުތު އޭނާއަށް ނަގަން ޖެހޭތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމީ ދެވަނަ ބުރުުގައި ސައިލެންޓްކޮށް ތިބެ ޕާޓީ ކުރިއަރުވަން މަސައްކަތް ކުރުމަށެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި ގާސިމް ސިފަކުރެއްވި ގޮތުގައި، އޭނާގެ ތާއީދާ އެކު ގެނައި މިދިޔަ ސަރުކާރުތަކުން ވަނީ އޭނާއަށް "ލަނޑު ދީފަ" އެވެ.

"ހުރިހާ ކަމެއް ބޮލުގައި އެޅޭއިރު އަޅުގަނޑުގެ ބޮލުގައި ވެސް އެބަ އެޅޭ. އަޅުގަނޑު ތައީދުކޮށްގެން އައި ސަރުކާރުތަކެއް، ރައްޔިތުން އަޅުގަނޑުމެންގެ ބޮލުގައި އެބަ އަޅުވާ. އަޅުގަނޑުމެން ނުދެނެހުރީމޭ، އެއްވެސް މީހަކު އެގޮތަށް ކާ ކަމެއް. ނުހައްގުން އެތައް ބައެއްގެ މައްޗަށް ދައުވާކުރޭ އެބަ މިހާރު ވެސް،" ގާސިމް ވިދާޅުވި އެވެ.

"ތާއީދު ނެތީއެއްނުންތޯ، އެކަހަލަ ވިޔާނުދާ ސަރުކާރުތައް ގެންނަން މަ މަސައްކަތްކޮށް ދޭތީ. ކިއްކުރަންތޯ މަގޭ އިންޒަތާއި ނަފުސު ނަގާލަން މި ކަހަލަ ވިޔާނުދާ ސަރުކާރު ގެންނަން، ކޮރަޕްޝަނާއި ހިޔާނާތްތެރިވާ މީހުން ވެރިކަމަށް ގެނެސްދޭން މަސައްކަތް ކުރުމުގެ ބޭނުމަކީ."

އެހެން އިންތިހާބުތަކުގައި ތިން ވަނަ ހޯދާ ޖޭޕީ މި އިންތިހާބުގައި 5،000 ވޯޓާ އެކު ވެއްޓުނީ ވެސް ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކޮށްފައިވާތީ ކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެހެންވެ ދެ ވަނަ ބުރުގައި އެ ޕާޓީ އޮންނާނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރައި ކަމަށް ގާސިމް ވިދާޅުވި އެވެ.

"ސަރުކާރަކަށް ތާއީދުކޮށްގެން ގެންނަނީ އެއްވެސް އިރެއްގައި ރައްޔިތުންނަށް ނިކަމެތި ގޮތް ހަދާކަށް ނޫން، ހިޔާނާތްތެރި ނުވެ އަމާނާތްތެރިކަމާ އެކު ވާ ވައުދާއި އަހުދާ އެކު ދަމަހައްޓައި ނަގަހައްޓަން. މިހާރު މިއީ ތިން ވަނަ ސަރުކާރު މިދިޔައީ އަޅުގަނޑުމެން ތާއީދުކޮށްގެން އައިސްފައި. ހުރިހާ ސަރުކާރުތަކުން ވެސް ރައްޔިތުންނަށް ދޮގު ހަދައި ވައުދުތައްވެ މީހުންނަށް ނިކަމެތިކަން ލިބެނީ. އަޅުގަނޑުމެންގެ ޕާޓީއަށް ވެސް އެ ވާ ވައުދުގެ ތެރެއިން ކުޑަ މިންވަރެއް ނޫނީ، މި ސަރުކާރުން ފުއްދި ކުޑަ މިންވަރެއް ނޫނީ ނުލިބޭ،" ކުރީގެ ދެ ސަރުކާރުން ކޯލިޝަނުން ބޭރުކޮށްލި ކަން ފާހަގަކުރައްވައި ޖޭޕީގެ ނިންމުމުގެ ތަފުސީލު ދެއްވި އެވެ.

ޖޭޕީގެ ތާއީދާ އެކު ގެންނަ ސަރުކާރުތަކުން ކަންކަން ކުރާ ގޮތުން އެ ޕާޓީއަށް ބަދުނާމު ރައްދުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވިޔާނުދާ ސަރުކާރުތައް ގެންނަން މަސައްކަތް ކުރަންވީ ކީއްވެ؟ މަގޭ ފުރާނަދަންދެން ގައުމު ތެދުމަގަށް އަޅުވަން ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާނަން،" ގާސިމް ވިދާޅުވި އެވެ.

"މާ ރެލަވަންޓް މީހަކަށް ހެދިގެން މާބޮޑު މީހަކަށް ހެދިގެން އުޅޭކަށް ބޭނުމެއް ނޫން. އުމަރު ނަސީރަށް ވުރެން ވެސް މާ ދަށުން މި އިންތިހާބުގައި ވޯޓު ލިބުނީ،" ގާސިމް ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ގާސިމް ވިދާޅުވީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ ގަދަކުރެވުނީ ސަރުކާރުތަކާ ހެދި ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާ އަދި މި ސަރުކާރު ވެސް ހިމެނޭ ކަމަށެވެ. މި ސަރުކާރުން އެއްބަސްވުންތަކެއްގައި އިންޑިއާއާ އެކު ސޮއިކޮށްފައިވާ އިރު އެކަމާ ހިތްހަމަނުޖެހޭ ކަމަށާއި އަދި ޕީޕީއެމްއާ އެކު ކުރިއަށް ނުދާން ނިންމީ އެ ޕާޓީގެ ވެރިކަމުގައި ވެސް ވަރަށް ބޮޑެތި ހިޔާނާތްތައް ހިންގާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ އަކީ އަޅުގަނޑުމެންނާ ރަހުމަތްތެރި ގައުމެއް. އިންޑިއާ ސަރުކާރުން ވެސް ނުހަނު ބޮޑު އެހީތެރިކަމެއް ވެދޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ވެސް އޮންނާނެ ލައިނެއް ކްރޮސް ކުރަން ޖެހޭ. އިންޑިއާ މީހުން މިތާ ތިބީ އޭރެއްގައި އޮންނަ ސަރުކާރަކުން ހުއްދަ ދީގެން އެ ސަރުކާރުން ހުއްދަ ދޭ ގޮތެއްގެ މަތިން. އެހެންވީމަ އެއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލަކަށް ނުވޭ. އަދި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން އޮންނަނީ އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ނޫނީ މޮރިޝަސްގެ ޕްރައިމް މިނިސްޓަރަށް ސިޓީ ނުފޮނުވޭނެ،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން: އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން: އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެ ޑޮކިއުމެންޓް ބަލާފައި އެއީ ރަނގަޅަށް ހުރި ކަންތައްތަކެއް ނަމަ އަޅުގަނޑު ހުންނާނީ އެ ބޭފުޅާ އަރިހުުގައި ދެއްތޯ. ހުސްއެކަނި މި ސަރުކާރަކުން ނޫން. ފުރަތަމަ ރައީސް ނަޝީދުގެ ސަރުކާރުން ހެލިކޮޕްޓަރު ގެނައީ. އެގްރިމަންޓުގައި ހުރި ކަންތައްތައް ހުރީ އަޅުގަނޑު ގަބޫލުކުރާ ބައުންޑަރީން ބޭރުވެފައި. ހަމަ އެގޮތަށް ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ކާނަލް ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ހެލިކޮޕްޓަރެއް ގެނައުމަށް ނިންމާފައި، އެއީ ލ. އަތޮޅުގައި އޮތް އެތި."

ރާޑަރާއި އުތުރު ތިލަފަޅު ވާހަކަ ވެސް ޔާމީންގެ ސަރުކާރުގައި ދައްކާފައި އޮތް ކަމަށާއި އޭގެ ފަހުން މި ސަރުކާރުން ކަންކަން ކޮށްފައި އޮތީ ކުރީގައި ވާހަކަ ދެކެވިފައި ހުރި ފޯމެޓަށް ކަމަށް ވިދާޅުވި އެވެ.

"އޭގެއިން އަޅުގަނޑަށް ފެނޭ، ގާނޫނީ ގޮތުން ހުރި ނުރައްކާތައް. އޭގެ ތަފްސީލް އަޅުގަނޑު ދޭކަށް ބޭނުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، އެއްވެސް ޕާޓީއަކަށް ތައީދު ނުކުރެއްވިއްޔަސް، އޭނާ ސިޔާސީ މައިދާނުން ދުރަށް ވަޑައިނުގަންނަވާނެ އެވެ. އޭނާ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ދެން ވެސް ކުރައްވަނީ ހަމަ އެ މަސައްކަތެވެ.

ގާސިމް ވިދާޅުވީ ދެވަނަ ބުރަށް ކޯލިޝަން ހަަދަން އެމްޑީޕީ އާއި ޕީޕީއެމުން ވެސް ޕްރޮޕޯސަލް ހުށަހެޅި ކަމަށާއި ތަފްސީލް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. މިވަގުތަށް ބޭނުންވަނީ، ޕާޓީ ކުރިއަރުވަން ކަމަށް ވިދާޅުވި އެވެ.