Roadha Mihaaru
ނަޝީދު، ގޯސްވި ހުރިހާ ކަމެއްގެ މެދުގައި!

ނަޝީދު، ގޯސްވި ހުރިހާ ކަމެއްގެ މެދުގައި!

10 އެޕްރީލް 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ވިޔަސް އެއީ މިވަގުތު އިދިކޮޅު ލީޑަރަކާ އެއްފަދަ ބޭފުޅެކެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލި ކޮށްލެވޭނެ ހުރިހާ ފޯމިއުލާއެއް ގެންދަވަނީ ޖައްސަވަމުންނެވެ. އެމްޑީޕީ ނުވަތަ ސަރުކާރާ ކިރިޔާ ވެސް ދެކޮޅު މީހެއް ނަމަ އެއީ މިއަދު ނަޝީދު އެންމެ ކައިރި މީހުންނެވެ. އެމްޑީޕީ އިސްވެ އޮވެ، ޖުމްހޫރީ ޕާޓީ އާއި އަދާލާތު ޕާޓީ އަދި އެމްއާރްއެމާ އެކު އޮތް ކޯލިޝަން ދަމަހައްޓައިގެން ދެވަނަ ދައުރަކަށް އިންތިހާބުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެއްސެވި ހިސާބު ނާކާމިޔާބު ކޮށްލުމުގެ އެންމެ އިސް ރޯލެއް އަދާކުރެއްވީ ނަޝީދެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ވިޔަސް އެއީ މިވަގުތު އިދިކޮޅު ލީޑަރަކާ އެއްފަދަ ބޭފުޅެކެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލި ކޮށްލެވޭނެ ހުރިހާ ފޯމިއުލާއެއް ގެންދަވަނީ ޖައްސަވަމުންނެވެ. އެމްޑީޕީ ނުވަތަ ސަރުކާރާ ކިރިޔާ ވެސް ދެކޮޅު މީހެއް ނަމަ އެއީ މިއަދު ނަޝީދު އެންމެ ކައިރި މީހުންނެވެ. އެމްޑީޕީ އިސްވެ އޮވެ، ޖުމްހޫރީ ޕާޓީ އާއި އަދާލާތު ޕާޓީ އަދި އެމްއާރްއެމާ އެކު އޮތް ކޯލިޝަން ދަމަހައްޓައިގެން ދެވަނަ ދައުރަކަށް އިންތިހާބުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެއްސެވި ހިސާބު ނާކާމިޔާބު ކޮށްލުމުގެ އެންމެ އިސް ރޯލެއް އަދާކުރެއްވީ ނަޝީދެވެ.

ރިޔާސީ ޓިކެޓު ލިބިވަޑައި ނުގެންނެވި ނަމަވެސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނުގައި ރައްޔިތުންނަށް ވިއްކެވި "އިންތިހާބު ކާމިޔާބު ކުރާނެ ފޯމިއުލާ" ފާޑަކަށް އަތުލައްވައިފަ އެވެ. ސަރުކާރު ކޯލިޝަނަށް އެންމެ މުހިންމު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ވެރިކަން ހޯދައި ދޭން އެ މަނިކުފާނު ވަނީ މަސައްކަތްޕުޅު ފައްޓަވައިފަ އެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު ނަޝީދަށް ސިޔާސީ ގޮތުން އެއްޗެއް "ގެއްލުނަސް" ހުންނެވީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކޮށްލުމުގެ އަޒުމުގަ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ޕާޓީގެ މިހާރުގެ ލީޑަޝިޕާ ދެކޮޅަށް ނަޝީދާއި އެ މަނިކުފާނަށް އެންމެ ވަފާތެރި މެމްބަރުނ "ބޮޑު ހަނގުރާމަ" އަކަށް ނުކުންނަވަން ނިންމެވި އެތައް ސަބަބެއް ދައްކަ އެވެ.

ކުރީގެ ރައީސް ނަޝީދު: މިހާރު ފެންނަނީ ކުރިން ދެއްކެވި ވާހަކަފުޅުތަކާ ދިމާ އިދިކޮޅަށް މަސައްކަތްޕުޅު ކުރައްވާ ތަން.

ކުރީގެ ރައީސް ނަޝީދު: މިހާރު ފެންނަނީ ކުރިން ދެއްކެވި ވާހަކަފުޅުތަކާ ދިމާ އިދިކޮޅަށް މަސައްކަތްޕުޅު ކުރައްވާ ތަން.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރައްޔިތުންގެ "ނޭވާ ހޮޅިން" ވައްކަން ކުރި މައްސަލަ ނުބެލުމެވެ. ކޯލިޝަނެއްގެ ދިފާއުގައި ނުވަތަ ޖުމްހޫރީ ޕާޓީ ރުއްސުމަށް ވެންޓިލޭޓަރު ހިޔާނާތް ހިނގި އިރު މިނިސްޓަރުގެ މަގާމުގައި އަދި ކަމާބެހޭ އެހެނިހެން މަގާމުތަކުގައި ހުންނެވި އެއްވެސް މީހަކަށް ފިޔަވަޅެއް ނޭޅުމެވެ.

އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ، އެމްއެމްޕީއާރްސީގެ މައްސަލަ މި ސަރުކާރުން ސީރިޔަސްކޮށް ނުނެގުމެވެ. އެކަމުގައި ޝާމިލްވާ އަދި ލިސްޓުގައި ހިމެނޭ އެތައް ބަޔަކަށް ފިޔަވަޅެއް ނާޅައި ކައިރިކޮށްގެން ގެންގުޅޭ މައްސަލަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ގޯސްތަކުގެ ވާހަކަ ދައްކައިގެން ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ވެސް އެގޮތަށް އަމަލުތައް ބަހައްޓާ މައްސަލައަކީ ވެސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ މެންބަރުން ކަންބޮޑުވާ މައްސަލަތަކެވެ.

ނަމަވެސް މި ވޭތުވެދިޔަ ދެތިން މަހުގެ ތެރޭގައި މުޅި މަސްރަހު މުޅިން ބަދަލުވެ، ނަޝީދު އެ ހުންނެވީ އެ މަނިކުފާނު ދެކޮޅަށް ވަކާލާތު ކުރެއްވި ހުރިހާ ކަމެއްގެ ސީދާ މެދުގަ އެވެ!

ފޮޓޯތަކުން މާޒީގެ ލައްކަ ވަހަކަ!

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ނަޝީދާއި ގާސިމާއި އެެ ދެބޭފުޅުންގެ އަރިސް ބޭފުޅުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ސޯޝަލް މީޑިއާ އަށް ދޫކޮށްލި ފޮޓޯތަކުން އެތައް ވާހަކައެއް ބުނެދެ އެވެ. ނަޝީދު ގެންގުޅުއްވި ޑިމޮކްރެސީ އާއި ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވި ހުރިހާ ކަމެއް އެ ފޮޓޯތަކާއެކު "ބީވެއްޖެ" އެވެ.

ނަޝީދުގެ ވަށައިގެން ތިއްބެވި ބައެއް ބޭފުޅުންނަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގައި މިހާރު ވެސް ދައުވާ އުފުލާފައިވާ ބޭފުޅެކެވެ. ޝަރީއަތް ކުރިއަށް ދަނީ އެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ ތުުހުމަތު ކުރައްވައި ސީދާ ނަޝީދު ސަރުކާރަށް ކުރެއްވި ފިއްތުންތަކާ ހެދި އެވެ. އެ ދުވަސްވަރު އަމީނާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވި އެއްބޭފުޅަކީ ނަޝީދެވެ.

ސަން އައިލެންޑްގެ ބައްދަލުވުމުގެ އެއް ފޮޓޯ އިން އެ ފެންނަނީ ނަޝީދާއި އެ މަނިކުފާނުގެ އަރިސް މެމްބަރުން އަމީންއާ ވާހަކަ ދައްކަވައި ސަލާން ކުރައްވާ ތަނެވެ. އަދި މިހާރު ގާސިމް އާއެކު ހުންނެވި ކުރީގެ ވިލިމާލެ ދާއިރާގެ ނިހާނާއި ޔާމީންގެ ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވި ބޭފުޅުންނާއެކު ނަޝީދު އެއްމޭޒެއްގައި މަޝްވަރާ ކުރައްވާ ފޮޓޯތަކެއް ވެސް ދައުރުވި އެވެ. އަދި ނަޝީދު މެދުގައި ބަހައްޓަވައިގެން އެ ހުރިހާ މެންބަރުން ގްރޫޕް ފޮޓޯއެއް ވެސް ނެންގެވި އެވެ.

އެ ފޮޓޯތަކާއެކު، އަމީން ވެސް ކުރެއްވީ ކާމިޔާބީގެ ޓުވީޓެކެވެ. ނަޝީދުގެ ފިއްތުންތަކާ ހެދި މަގާމުން އިސްތިއުފާ ދެއްވައި ސިޔާސީ ދާއިރާއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު އަލުން ނުކުމެވަޑައިގެންނެވިއިރު ނަޝީދު ހުންނެވީ އަމީނަށް "ސަލާން" ޖަހާ ހިސާބުގަ އެވެ.

"މި އަހަރުގެ އިރުވައި ނިމި ހުޅަނގުމޫސުން މިއަދު ފެށުނީ އެވެ. މޫސުން ބަދަލުވި ދުވަހު މި ހުރެވުނީ ސަން އައިލެންޑްގަ އެވެ. ސިޔާސީ ސައްލާއަކަށެވެ. މޫސުން ބަދަލުވި އިރު އުޑުމަތި އުޖާލާކަމުން އެނގުމެއް ވެސް ނުވި އެވެ. މޫސުމަކީ ވެސް ގުދުރަތުގެ ހާދަހާ ބޮޑު އަޖައިބެކެވެ،" ނަޝީދާއި އެ މަނިކުފާނުގެ ބައިވެރިންނާ ސަލާން ކުރައްވައި ސިޔާސީ ސައްލާ ކުރައްވާ ފޮޓޯތަކާއެކު ކުރެއްވި ޓުވީޓެއްގައި އަމީން ވިދާޅުވި އެވެ.

ދުރުގައި ތިބި މީހުންނަށް ފެނުނީ މިއަދު ނަޝީދުގެ ސައިޒެވެ.

ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު އޮތް ރޯދަވީއްލުމުގައި ނަޝީދާއި ގާސިމް އަދި އެ ދެބޭފުޅުންގެ ބައެއް އަރިސް ބޭފުޅުން.

ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު އޮތް ރޯދަވީއްލުމުގައި ނަޝީދާއި ގާސިމް އަދި އެ ދެބޭފުޅުންގެ ބައެއް އަރިސް ބޭފުޅުން.

"އަމިއްލަފުޅު ސިޔާސީ ކުރިއެރުން އަދި ސޯލިހުގެ ސިޔާސީ ވެއްޓުމަށް މަގުފަހި ކުރެވެން އޮތް ހަމައެކަނި ގޮތަކީ އުނބަށް ޖަހައިގެން ކަމަށްވާ ނަމަ އެކަން ވެސް އެ އޮތީ ނަޝިދު ކުރައްވާފައި. ވަރަށް ލަދުވެތި މަންޒަރެއް،" ސަރުކާރަށް ތާއީދު ކުރާ ކުރީގެ ޖޭޕީ މެންބަރަކު ވިދާޅުވި އެވެ.

ނަޝީދު ނެންގެވި ގްރޫޕް ފޮޓޯގަނޑާއި އެ މަނިކުފާނު ވަކާލާތު ކުރެއްވި ބައެއް ކަންކަމަށް ބަލާލަން ޖެހެ އެވެ. މެދުގައި ނަޝީދު ހުންނެވި އިރު ނަޝީދުގެ ވާތް ފަރާތުގައި ހުންނެވީ މިހާރު ވެސް އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ކޯޓުގައި މައްސަލައެއް ހިންގަމުން އަންނަ ކުރީގެ މެންބަރެކެވެ. ކަނާތް ފަރާތުގައި ހުންނެވީ ނަޝީދަށް އެތައް ގޮތަކަށް ފާޑު ކިޔަމުން އައި އަދި ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެ ފޮޓޯގައި ދެން ޖެހިގެން ހުންނެވީ ނަޝީދު ވެސް މިނިވަން ކުރަން އޮތް ފެބްރުއަރީ 1، 2018 ގެ އަމުރު ނުކުތުމުން އެ ތަންފީޒު ކުރިޔަ ނުދޭން ޔާމީން އައްޔަން ކުރެއްވި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ. ދެން ތިއްބެވީ ވެންޓިލޭޓަރު ހިޔާނާތާއި އެހެނިހެން އެފަދަ މައްސަލަތަކުގައި ނަޝީދާއި އެ މަނިކުފާނުގެ މެންބަރުން ހައްތަހާވެސް ފާޑު ވިދާޅުވާ މެންބަރުންނެވެ.

މިހާރު ޑިމޮކްރަޓިކް ހުރިހާ އުސޫލަކާ ހިލާފަށް އެމަނިކުފާނު އެ ގެންދަވަނީ އަމަލު ކުރައްވަމުން. ވަކާލާތު ކުރެއްވި ހުރިހާ ކަމަކާ ވެސް ދެކޮޅަށް -- ގަފޫރު

"މިހާރު" އާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެއްގެ މެންބަރެއް ކަމަށްވާ ހަނިމާދޫ ދާއިރާގެ އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވި ގޮތުގައި ނަޝީދަކީ ކޯލިޝަން ހެދުމާ ދެކޮޅަށް ރިޔާސީ ޕްރައިމަރީގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅާ އެވެ. އަދި އިންތިހާބު ނާކާމިޔާބު ވެއްޖެ ނަމަ ޔާމީންގެ ފަޅި އަށް ވެސް ނާރުއްވައި "ގޭގައި އޮންނާނީ" ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސަރުކާރު ތެރޭގައި ޖުމްހޫރީ ޕާޓީގެ ބާރުގަދަ ކަމަށް ވިދާޅުވެ، އެންމެ ބޮޑަށް އެކަމާ ދެކޮޅަށް މަސައްކަތް ކުރެއްވީ ވެސް ނަޝީދު ކަމަށް ގަފޫރު ވިދާޅުވި އެވެ.

"މިހާރު ޑިމޮކްރެޓިކް ހުރިހާ އުސޫލަކާ ހިލާފަށް އެ މަނިކުފާނު އެ ގެންދަވަނީ އަމަލު ކުރައްވަމުން. ވަކާލާތު ކުރެއްވި ހުރިހާ ކަމަކާ ވެސް ދެކޮޅަށް،" އޭނާ ވިދާޅުވި އެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުނު ހުރިހާ ސަބަބަކާއެކީ، މިހާރު ނަޝީދު ހުންނެވުމުގެ ހުއްޖަތަކީ ކޮބައިތޯ އެއީ އެ މަނިކުފާނު ޖަވާބު ދެއްވަން ޖެހޭ ސުވާލެެކެވެ. ދެން އުފެދޭ ސުވާލަކީ ނަޝީދު ދިމާ އިދިކޮޅުވާ ހުރިހާ ކަމަކާއެކު ކިހާ ދުވަހަކު މަސައްކަތްޕުޅު ކުރެވޭނެތޯ އެވެ. ހިޔާނާތުގެ ތުހުމަތު ކުރެވޭ ބައެއްގެ މެދުގައި ހުންނަވައިގެން، ނަޝީދު ދެން ކޮރަޕްޝަނާއި ފަސާދަ އާއި ޔާމީންގެ ވެރިކަމުގައި ހިންގި އެކިއެކި "ޖަރީމާތަކާ" ދެކޮޅަށް އަޑު އުފުލޭނީ ކިހިނެއް ހެއްޔެވެ؟

ނަޝީދު/ގާސިމް: ދިރުވޭނެ ފިކުރެއް ނޫން!

ނަޝީދާއި ގާސިމްގެ ތަފާތު ސިފަ ކުރައްވަމުން ޖޭޕީގެ ކުރީގެ މެންބަރަކު ވިދާޅުވި ގޮތުގައި ނަޝީދަކީ ހުޅަނގުގެ ވިސްނުން ގެންގުޅުއްވައި އެފަދަ ސިޔާސަތުތައް ގަބޫލު ކުރައްވާ ލެފްޓް ވިންގަށް ބުރަވާ ބޭފުޅެކެވެ. އަނެއްކޮޅުން ގާސިމަކީ ސީދާ ނޭޝަނަލިސްޓް ފިކުރުގެ އަދި ހުޅަނގުގެ ބައެއް ކަންކަމާ ސީދާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި ވާހަކަފުޅު ދައްކަވާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި ވާހަކަފުޅު ދައްކަވާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެއް ސިޔާސަތެއް ހިނގާ އެއް ސަރުކާރެއް ތެރޭގައި މި ދެ ފިކުރު މާ ގިނަ ދުވަހަކު ނޯވެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ދެ ބޭފުޅުންގެ ހުންނަ ހިޔާލު ތަފާތުވުން މި ފަހުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ނިޒާމީ ބަހުސްގެ ތެރެއިންނެވެ. ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ބަރުލަމާނީ ނިޒާމް ގެންނަން ގާސިމާ ވެސް އެކި ފަހަރުގެ މަތިން މަޝްވަރާ ކުރެއްވި އެވެ. އެކަމަކު، ގާސިމް ކަނޑައެޅިގެން އެކަމަށް އިންކާރު ކުރައްވައި ރިޔާސީ އިންތިހާބަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. އެހެންވެ، ނަޝީދާއި ގާސިމް އެ ކަމުގައި އެއްގަލަކަށް އަރާނެ ކަމާ މެދު އަދިވެސް ސުވާލު އުފެދެ އެވެ.

އަނެއް ކަމަކީ ކޯލިޝަނެއް އެންމެ އަވަހަށް ރޫޅުމުގެ ރެކޯޑު އަދިވެސް އޮތީ ނަޝީދާއި ގާސިމް އަތްޕުޅުގަ އެވެ. ނަޝީދު ވެރިކަމުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ގާސިމް ނަޝީދުގެ ސަރުކާރުން ވަކިވެވަޑައިގަތެވެ. އޭގެ ފަހުން ކޯލިޝަން އެކީ ރޫޅި ގާސިމް އިދިކޮޅު ފަރާތްތަކާއެކީ ގުޅިގެން މަސައްކަތްތައް ވެސް ފެއްޓެވި އެވެ.

މި ސަރުކާރުގެ ވެސް ގާސިމްގެ ހިއްސާ ބޮޑުވާތީ އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ޝަކުވާތައް ކުރެއްވީ ވެސް އެންމެ ފުރަތަމަ ނަޝީދެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ކައުންސިލް އިންތިހާބުގައި ވެސް ގުޅިފައިވާ ކޯލިޝަނުން ހަދާފައިވާ އެއްބަސްވުމާ އެއް ގޮތަށް ގޮނޑިތައް ބެހުމުގެ ބަދަލުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމަވަން ވެސް ބާރު އެޅުއްވުމުގައި ނަޝީދު ހަރަކާތްތެރިވި ކަމަށް ރައީސް ފެކްޝަންގެ މެންބަރުން ތުހުމަތު ކުރެ އެވެ.

އެހެންކަމުން މާދަމާ ގާސިމް/ނަޝީދުގެ ސަރުކާރެއް އެކުލަވާލައިފި ނަމަ ދެމިއޮންނާނީ ކިހާ ދުވަހަކަށްތޯ އެއީ ގިނަ ބަޔަކު މިހާރު އުފައްދާ ސުވާލެކެވެ. ނުވަތަ ނަޝީދުގެ މަގުސަދަކީ ގާސިމާ އެކު ސަރުކާރެއް އެކުލަވާލުންތޯ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއިލް ކޮށްލުމަށް ފަހު ޕާޓީ އަނބުރާ ހޯދުންތޯ އެއީ ވެސް އުފެދޭ ސުވާލެެކެވެ.