Roadha Mihaaru
ސިކުގެ މަރާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓް ފޮނުވާލައިފި

ސިކުގެ މަރާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓް ކެނެޑާއިން ފޮނުވާލައިފި

19 ސެޕްޓެމްބަރ 2023

ކެނެޑާގައި މަރައިލި އިންޑިއާ ނަސްލުމުގެ ސިކު ހަރަކާތްތެރިއެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖާރްގެ މަރުގެ ފަހަތުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކުރެވޭތީ، ކެނެޑާގައި ހުންނަ އިންޑިއާގެ އިސް ޑިޕްލޮމެޓަކު އެ ގައުމުން ފޮނުވާލައިފި އެވެ.

ކެނެޑާގައި މަރައިލި އިންޑިއާ ނަސްލުމުގެ ސިކު ހަރަކާތްތެރިއެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖާރްގެ މަރުގެ ފަހަތުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކުރެވޭތީ، ކެނެޑާގައި ހުންނަ އިންޑިއާގެ އިސް ޑިޕްލޮމެޓަކު އެ ގައުމުން ފޮނުވާލައިފި އެވެ.

އިންޑިއާގެ ޕަންޖާބުގައި ސިކުންގެ ވަކި ވެރިކަމެއް ގާއިމުކުރުމަށް ގޮވާލައި އެކަމަށް ތާއީދު ހޯދުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހަރްދީޕް އަކީ އިންޑިއާ ސަރުކާރުން ހައްޔަރުކުރަން ބޭނުންވެގެން، ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. މީގެ އަހަރުތަކެއް ކުރިން ކެނެޑާ އަށް ބަދަލުވެ ދިރިއުޅެމުން އަންނަނިކޮށް، ހަރްދީޕްގެ ގަޔަށް ބަޑިޖަހައި މަރައިލީ، ކެނެޑާގެ އެންމެ ހުޅަނގު ޕްރޮވިންސް، ބްރިޓިޝް ކޮލަމްބިއާގައި ހުންނަ ސިކުންގެ ފައްޅިއެއްގެ ޕާކިން ޒޯންގައި، އޭނާގެ ލޮރީގައި އިންދައި، މިއަހަރުގެ ޖޫން 18 ވަނަ ދުވަހު އެވެ.

ދެ މީހަކު ދިން ބަޑީގެ ހަމަލާތަކުގައި ހަރްދީޕް ޒަޚަމްކޮށްލުމަށް ފަހު، އެ ދެ މީހުން ވަނީ ދުރުގައި އިންތިޒާރުގައި އޮތް ކާރެއްގައި ފިލައިފަ އެވެ. ބަޑީގެ ހަމަލާގެ ރިޕޯޓްކުރުމުން ފުލުހުން އެ ތަނަށް އައި އިރު ހަރްދީޕްގެ ފުރާނަ ހުރި ނަމަވެސް، ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި އޭނާ ވަނީ މަރުވެފަ އެވެ.

ކެނެޑާގެ ތަހުގީގީ އިދާރާއިން ކުރި ތަހުގީގުގެ ނަތީޖާއަށް ބަލާއިރު، ހަރްދީޕަށް ހަމަލާ ދިނުމުގައި އިންޑިއާގެ ސިއްރު އޭޖެންޓުންގެ ބައިވެރިވުން އޮތް ކަމަށް ބާރު ލިބިދޭ ހެކިތަކެއް ވަނީ ފެނިފަ އެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު މެލެނީ ޖޮލީ އިއްޔެ ވިދާޅުވި ގޮތުގައި ހަރްދީޕްގެ މަރާއި އިންޑިއާ ސަރުކާރާ ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭތީ، ކެނެޑާގައި ހުންނަ އިންޑިއާގެ އެކްސްޓާނަލް އިންޓެލިޖެންސް އޭޖެންސީ (ރޯ) ގެ ވެރިޔާ މިހާރު ވަނީ ކެނެޑާ އިން ފޮނުވާލައިފަ އެވެ. ނަމަވެސް އޭނާ ކެނެޑާ އިން ފޮނުވައިލީ ކޮން ދުވަހަކު ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވިދާޅުވީ މި މަހުގެ ކުރީކޮޅު އިންޑިއާގައި އޮތް ޖީ7ގެ މަހާސިންތާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވުމުން، ވެސް އެ މައްސަލައިގެ ކަންބޮޑުވުން މޯދީ އަށް ދެންނެވި އެވެ.

"ކެނެޑާގެ ރައްޔިތަކު ކެނެޑާގެ ފަސްގަނޑުގައި މަރައިލުމުގައި ބޭރު ގައުމެއްގެ ސަރުކާރުގެ ބައިވެރިވުމެއް އެއްވެސް ސިފައެއްގައި އޮތުމަކީ، ގަބޫލުކުރެވޭނެ ކަމެއް ނޫން، އަދި އެއީ ކެނެޑާގެ ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް. މި މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި މި މައްސަލައިގެ އެންމެ ފުނަށް ވާސިލުވުމުގައި އިންޑިއާ ސަރުކާރުގެ ފުރިހަމަ ބައިވެރިވުން ކެނެޑާ ސަރުކާރަށް ދިނުމަށް އެންމެ ފުރިހަމަ މާނައިގައި އިންޑިއާ އަށް ގޮވައިލަން،" ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް އިންކާރުކޮށް އިންޑިއާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެނެޑާ އިން ދައްކަނީ ތާކުންތާކު ނުޖެހޭ ހޮޅި ވާހަކަތަކެއް ކަމަށެވެ.

އިންޑިއާގެ އިސް ޑިޕްލޮމެޓު ކެނެޑާ އިން ބޭރުކޮށްލުމާ ގުޅިގެން، އެކަމުގެ ރައްދުގައި އިންޑިއާ އިން ވަނީ އެ ގައުމުގައި ހުންނަވާ ކެނެޑާގެ އިސް ޑިޕްލޮމެޓަކު ގައުމުން ބޭރުވާން އަންގައިފަ އެވެ. ނަމަވެސް އެއީ ކެނެޑާގެ އެމްބަސީގައި ކޮން މަގާމެއްގައި ހުންނެވި ކާކު ކަމެއް އިންޑިއާ އިން ނުބުނެ އެވެ.