Roadha Mihaaru
ފާސްކޮށްފިނަމަ އަންނަމަހު ނިޒާމީ ވޯޓަށް އެހޭނެ: ރައީސް

މަޖިލީހުން ނިންމައިފި ނަމަ އޮކްޓޯބަރުގައި ނިޒާމީ ވޯޓު ނަގަން ދެވަނަ ބުރުގެ ކުރިން އީސީ އަށް އަންގާނަން: ރައީސް

19 ސެޕްޓެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު، ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓަށް އަހަން ފެންނަ ކަމަށް ނިންމައިފި ނަމަ، އެކަން ކުރަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު، ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވޯޓަށް އަހަން ފެންނަ ކަމަށް ނިންމައިފި ނަމަ، އެކަން ކުރަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓަކަށްދާ ނަމަ، އެއީ ކުރެވިދާނެ ކަމެއް ކަމަށް ކުރިން ވެސް އެ މަނިކުފާނު ވިދާޅުވެފައިވާނެ ކަމަށާއި އެކަމަކު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެ ވޯޓު ނަގަން އުޅެފި ނަމަ ވަރަށް އުނދަގޫ މައްސަލައަކަށް އެކަން ވާނެ ކަމަށެވެ.

"މިހާރު ހުށަހަޅާފައި އެ އޮތީ އޮކްޓޯބަރު 30 ގައި ވޯޓު ނަގަން. އެހެންވިއްޔާ އެއީ ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވިދާނެ ކަމެއް. އެކަމަށް ތައްޔާރުވާން އެންމެ ކުޑަކޮށް ވެސް 30 ދުވަސް ލިބެންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުން ވެސް ބުނި. އަނެއްކާ މިކަހަލަ ކަމެއްގައި ރައްޔިތުން ހޭލުންތެރިކުރަން ވެސް ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގެ ތެރޭ އެ ވޯޓު ނަގަން ކަނޑައަޅައިފި ކަަމަށްވާ ނަމަ، ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކްއެސްޓް ކުރެވޭނެ."

ބަރުލަމާނީ ނިޒާމެއް ގެންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ވޯޓަކަށް އެހުމަށް ގޮވާލައި ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައިވާ ހުށަހަޅާފައިވަނީ އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓަކަށް ދިޔުމަށެވެ. މަޖިލީހުން މިއަދު ވަނީ އެމްޑީޕީ ބައެއް މެންބަރުންގެ ތާއީދާ ވެސް އެކު އެ ގަރާރު ބަލައިގެންފަ އެވެ.

އެމްޑީޕީގެ މެންބަރުންގެ ތާއިދު މިހާރު އެ ގަރާރަށް އޮތް ނަމަވެސް، ދެވަނަ ބުރުގެ އިންތިހާބުގައި ރައީސަށް ކާމިޔާބުވެއްޖެ ނަމަ، ނިޒާމް ބަދަލު ކުރުމަށް އެމްޑީޕީން ތާއިދު ނުކުރާނެ ކަމުގެ ބިރު އޮތް ކަމަށް މިކަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ނިޒާމް ބަދަލުކުރުމަށް ރައީސް ތާއިދު ކުރައްވަންތޯ މިއަދު ނޫސްވެރިޔަކު ސުވާލުކުރުމުން ސާފު ޖަވާބެއް ނުދެއްވައި ރައީސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާނީ ގޮތެއް ނިމުމުން ކަމަށެވެ.

ރައީސް މިއަދު މާލޭގައި ދޮރުން ދޮރަށް ހިންގަވަނީ: މަޖިލީހުން ނިންމައިފި ނަމަ، ބަރުލަމާނީ ނިޒާމް ގެންނަން ފެނޭތޯ ބަލަން ވޯޓު ނަގަން އީސީ އަށް އަންގަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: އެމްޑީޕީ

ރައީސް މިއަދު މާލޭގައި ދޮރުން ދޮރަށް ހިންގަވަނީ: މަޖިލީހުން ނިންމައިފި ނަމަ، ބަރުލަމާނީ ނިޒާމް ގެންނަން ފެނޭތޯ ބަލަން ވޯޓު ނަގަން އީސީ އަށް އަންގަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: އެމްޑީޕީ

ރިޔާސީ ނިޒާމާ ހިލާފަށް ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގަވަނީ މަޖިލީހުގެ ތެރެއިން އިންތިހާބު ކުރާ ބޮޑުވަޒީރެކެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ގޮތަށް ހުންނަވައި ރަމްޒީ މަގާމެކެވެ.

އެހެންވެ ވެރިކަމުގެ ނިޒާމް ރައްޔިތުންގެ ވޯޓަކުން ބަރުލަމާނީއަށް ފުރޮޅިއްޖެ ނަމަ، ދެ ވަނަ ދައުރެއް ލިބުނަސް ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވަރަށް ބޮޑަށް ހަނިވެގެން ދާނެ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު "މިހާރު" އިން ރައީސްއާ ސުވާލުކުރުމުން އެމަ ނިކުފާނު ވިދާޅުވީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން ނިޒާމް ބަދަލުކުރުމަށް ނިންމައިފި ނަމަ، އެއާ އެއްގޮތަށް ނިޒާމީ ވޯޓަށް ރައްޔިތުންނާ ހަމައަށް ފޮނުވުމަކީ އެ މަނިކުފާނުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްކުރާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކޮށް ރައްޔިތުންނަށް ފެންނަ ގޮތެއް ބަލައި، ދެން ކުރިއަށް ދާނެ ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ނިޒާމް ބަދަލުކުރަން ނުފެންނަ ނަމަ، އަޅުގަނޑު ނުޖެހޭނެ ތަސްދީގު ކުރާކަށް، ފެނިއްޖެއްޔާ ދެން އޮންނާނީ އޭގެ ތެރެއިން ސަރުކާރު ބައްޓަންކުރާ ގޮތް އެކި ގައުމުތަކުގައި އެކި ގޮތަށް އެބަހުރި، ބާރުތައް ބައިކޮށްފައި ވެސް އެބަހުރި ރައީސަކަށް ވަކި ބާރުތަކެއް ދީފައި ބޮޑުވަަޒީރަކަށް ވަކި ބާރުތަކެއް ދީފައި ހުންނަ ނިޒާމެއް ވެސް އެބަ އޮތް، އަދި އެހެން ގޮތްތައް ވެސް އެބަ ހުރޭ. ޑީޓައިލްއަކަށް އަޅުގަނޑުމެން ވާހަކަ ދައްކާނީ ފަހުން،" މާލޭގައި ކެމްޕެއިނަށް ދޮރުން ދޮރަށް ހިންގަވަމުން، ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތަށް ބައެއް ގައުމުތަކުގައި ރައީސާއި ބޮޑުވަޒީރަށް ބާރުތައް ބަހާލާފައި ވެސް އޮވެ އެވެ. ދާހިލީ ބާރުތަކާއި ހާރިޖީ ބާރުތައް ވަކިކޮށްފައި ހުންނަ ގައުމުތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ފްރާންސް އާއި ސްރީ ލަންކާ ފަދަ ގައުމުތައް ހިމެނެ އެވެ.