Roadha Mihaaru
ނިޒާމީ ވޯޓާމެދު ރައީސްގެ ސްޓޭންޑު ބަދަލެއް ނުވޭ

ނިޒާމީ ވޯޓާމެދު ރައީސްގެ ސްޓޭންޑު ބަދަލެއް ނުވޭ، އެމްޑީޕީން ގޮތެއް ނިންމާނީ އިންތިހާބަށް ފަހު

23 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ނޭރިނަމަވެސް، ވެރިކަމުގެ ނިޒާމާމެދު ފެންނަ ނުފެންނަ ވޯޓު ނެގުމާމެދު ގެންގުޅުއްވި ސްޓޭންޑު ބަދަލުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ނޭރިނަމަވެސް، ވެރިކަމުގެ ނިޒާމާމެދު ފެންނަ ނުފެންނަ ވޯޓު ނެގުމާމެދު ގެންގުޅުއްވި ސްޓޭންޑު ބަދަލުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްއިން ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމަށް ހުށަހެޅި ޝަރުތަކީ މި މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމެވެ. ނަމަވެސް، އެކަން ވަކި ކޮޅެއްގައި ނުޖެހި އެ ޕާޓީއިން ވަނީ އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ނިންމައިފަ އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ވޯޓަކަށް އެހުމަށް ގޮވާލައި ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކޮށްފައި ވަނީ އެމްޑީޕީ މެންބަރުންގެ ތާއީދު ލިބިގެންނެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ މަޖިލީހުން ގަރާރު ފާސްކުރުމުން، އަންނަ މަހު ނިޒާމީ ވޯޓު ނަގަން އަންގާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ ގަރާރު ފާސްކޮށް މިހާރު އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށާއި އެ ނިންމުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނެތް އެއަށް އިތުރު އިޝޫއެއް. އެކަމަކު ޕާޓީގެ ފަރާތުން އެކަމާ މެދު ގޮތެއް ނިންމާނީ އިންތިހާބަށް ފަހުގައި،" ރައީސް ވިދާޅުވި އެވެ.

ނިޒާމު ބަދަލުކުރުމާމެދު ނަޝީދުގެ ހުށަހެޅުއްވުންތަކަށް ރައީސް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ އެކަމަށް ވަގުތު ނެތް ކަމަށާއި މަސައްކަތް ކުރައްވަނީ ވައުދު ފުއްދުމަށް ކަމަށެވެ. ނިޒާމީ ވޯޓަކަށް ދިއުމަށް ރައީސް އެއްބަސްވެފައި ވަނީ އިންތިހާބުގެ ދެ ވަނަ ބުރާ ދިމާކޮށެވެ. އެކަމާމެދު ރައީސް ވަނީ ނަޝީދާ ފޯނުން ވެސް ވާހަކަފުޅުދައްކަވައިފަ އެވެ.