Roadha Mihaaru
ބަރުލަމާނީ އާ ދެކޮޅަށް ރައީސް ނުކުންނަވާނެ

ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބާއްވަން އަމަލީ ގޮތުން މަސައްކަތް ކުރާނަން: ރައީސް

03 އޮކްޓޯބަރ 2023

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، އެ މަނިކުފާނު ތާއީދުކުރައްވާ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، އެ މަނިކުފާނު ތާއީދުކުރައްވާ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ތަކުރާރުކުރެއްވީ ރިޔާސީ ނިޒާމަށް އެ މަނިކުފާނު އަމިއްލަފުޅަށް ކުރައްވާ ތާއީދެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ނިޒާމުގައި ވެސް ރަނގަޅާއި، ގޯސް އެބަހުރި. އެކަމަކު ހުރި މި ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމާ އެކު،" އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ވިދާޅުވި އެވެ.

"ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ވާހަކަ މިރޭ ދަންނަވަން."

ރައީސްގެ އިތުރުން ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ހާމަކުރެއްވީ ނިޒާމު ބަދަލުކުރަން ތާއީދު ނުކުރައްވާ ކަމެވެ.

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ފެށުނީއްސުރެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި އިންތިހާބަކުން ނާކާމިޔާބުވުމުން ވާދަވެރި ކެންޑިޑޭޓަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދިނުމަކީ އެމްޑީޕީގެ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މެޖޯރިޓީ އަށް ތަބާވުމަކީ ޑިމޮކްރަސީގެ އަސާސީ ސިފަ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ގޮތެއް ނިންމާފައިވަނިކޮށް، އެ ނިންމުމަށް ގޮންޖަހައި، މުޅިން އެހެން ގޮތަކަށް ވެރިކަން ހޯދަން ތާއީދުނުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕަސަން އިބްރާހިމް ވަހީދު (އިބްރޭ) ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވައި، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ބުނަމުން ދިޔައީ "އިބޫ ނޫން ގޮތެއް" ކަމަށާއި އެހެންކަމުން ނިޒާމު ބަދަލުކުރުމާ މެދު އެމްޑީޕީން ބުނަން ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް" ކަމަށެވެ.