Roadha Mihaaru
އަމިއްލަ ބާރު އޮތުމުން ސެމީގެ އުންމީދު ބޮޑު: ޝާކިއްޓޭ

އަމިއްލަ ބާރު އޮތުމުން ސެމީގެ އުންމީދު ބޮޑު: ޝާކިއްޓޭ

24 ސެޕްޓެމްބަރ 2023

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ނުކުންނައިރު ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު އޮތުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) މިއަދު ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ނުކުންނައިރު ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު އޮތުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) މިއަދު ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި 19 އަހަރުންދަށުގެ މުބާރާތުގެ ރާއްޖެ ވާދަކުރި ފުރަތަމަ މެޗުގައި އިއްޔެ ޕާކިސްތާނާ ވާދަކޮށް އެއްވަރުވީ 1-1 އިންނެވެ. ރާއްޖޭން ތިން ޕޮއިންޓާ އެކު މެޗު ނިންމަން ދަނިކޮށް ޕާކިސްތާނުން ވަނީ ފަހު ވަގުތު ނަތީޖާ އެއްވަރުކޮށްގެން ހަތަރު ޕޮއިންޓާ އެކު ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.

"އަހަރެމެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރަން މަސައްކަތް ކުރިން، އެކަމަކު ޕާކިސްތާނުގެ ވަރަށް އޯގަނައިޒްޑް ޑިފެންސެއް އޮތީ، އެ ބްރޭކް ކޮށްލަން އުނދަގޫވި. ދެން ޕާކިސްތާން ގޯލެއް ޖެހީ މެޗު ނިމެނިކޮށް ކައުންޓާ އެއްގައި. ޖުމްލަކޮށް ރާއްޖޭގެ ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ، ވަރަށް އާ ކުޅުންތެރިންތަކެއް މިއީ، މި ލެވެލްގެ ގިނަ މެޗުތަކެއް ލިބިގެން ތަޖުރިބާއާ އެކު މި ކުދިންގެ މުސްތަގުބަލް އިރާދަ ކުރެއްވިއްޔާ ވަރަށް އުޖާލާ ވާނެ،" ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ކޯޗު ކޮށްދޭ ޝާކިއްޓޭ ބުންޏެވެ.

"ފުރިހަމަ އަމިއްލަ ބާރު އެބަ އޮތް ސެމީގެ ފުރުސަތެއް ހޯދުމުގަ، އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އިރާދަ ކުރެއްވިއްޔާ ނޭޕާލް ބަލިކޮށްފަ ކުރިއަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބަ އޮތް."

ރާއްޖޭން އިއްޔެގެ މެޗުގައި ޕާކިސްތާން ކޮޅަށް ގޯލު ޖެހީ ފުރަތަމަ ހާފު ނިމެނިކޮށެވެ. މި ގޯލު ޖަހައި ދިނީ ޔޫވީ އަށް ކުޅޭ ފޯވާޑް ޝަނާން ރަޝާދު، 18، އެވެ. މުބާރާތުގައި ރާއްޖޭ ކެޕްޓަންގެ ޒިންމާ ވެސް އަދާ ކުރާ ޝަނާން ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވެސް މިހާތަނަށް ހަތަރު ގޯލު ޖަހައި، މުހިއްމު ގޯލުތަކެއް އެސިސްޓް ކޮށްދީފަ އެވެ.

ޕާކިސްތާނުން ވަނީ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ނޭޕާލް 1-0 އިން ބަލިކޮށްފަ އެވެ. ރާއްޖޭން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ރާއްޖެއަށް ސެމީގެ ފުރުސަތު ޔަގީން ވާނެ އެވެ.

ނޭޕާލާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މާދަމާ މެންދުރު، ރާއްޖެ ގަޑިން 12:45ގަ އެވެ.

މުބާރާތުގެ ގުރޫޕް ބީގައި އިއްޔެ ބޫޓާން ވަނީ ފަހަތުން އަރައި 4-3 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެ ގުރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. ބޫޓާނާއި އިންޑިއާ އަށް ސެމީ އިން ފުރުސަތު ޔަގީން ވެފައި ވާއިރު، މި ގުރޫޕުގައި ދެން އޮތީ ގުރޫޕްގެ އެއްވަނަ ކަނޑައަޅަން ބޫޓާނާއި އިންޑިއާ ބައްދަލުކުރާ މެޗެވެ.