Roadha Mihaaru
ރާއްޖެއަށް އޮތް ފުރުސަތު ގެއްލުވާލައި ނޭޕާލް ސެމީއަށް

ރާއްޖެއަށް އޮތް ފުރުސަތު ގެއްލުވާލައި ނޭޕާލް ސެމީއަށް

25 ސެޕްޓެމްބަރ 2023

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 4-1 އިން ރާއްޖޭގެ ޒުވާން ޓީމު ބަލިކޮށް ނޭޕާލް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 4-1 އިން ރާއްޖޭގެ ޒުވާން ޓީމު ބަލިކޮށް ނޭޕާލް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ނޭޕާލްގައި ކުރިއަށްދާ މުބާރާތުގެ ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު، މިއަދުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް އޮތެވެ. ނަމަވެސް ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ހޯދި ޕޮއިންޓާ އެކު ރާއްޖެއަށް މުބާރާތް ނިމުނީ އެވެ.

ގުރޫޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ބަލިވި ނޭޕާލް ސެމީއަށް ދިޔައީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގެ އެއްވަނަ ހޯދީ ޕާކިސްތާނެވެ.

ސެމީ ފައިނަލްގައި ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރާ ޓީމެއް ޔަގީންވާނީ، މިއަދު އިންޑިއާ އާއި ބޫޓާން ބައްދަލުކުރާ ގުރޫޕް ބީގެ ފަހު މެޗަށް ފަހު އެވެ. ގުރޫޕް ބީ ގައި ވާދަކުރި ބަންގްލަދޭޝް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ނޭޕާލާއި ރާއްޖެ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އުދީޕްތު ސިންގު

ނޭޕާލާއި ރާއްޖެ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އުދީޕްތު ސިންގު

މިއަދުގެ މެޗުގައި ނޭޕާލުން މެޗުގައި ލީޑު ނެގީ 17 ވަނަ މިނިޓުގައި ޕްރަޝާންތު ލަކްސަމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއިން ކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަން ބޯޅައަކުންނެވެ. އަދި ލީޑު ފުޅާކުރި ގޯލު 30 ވަނަ މިނިޓުގައި ޖަހައިދިނީ ސާމިރު ތަމަންގް އެވެ.

ނޭޕާލުން ލީޑު ފުޅާކުރި ފަހުން ވޯޓާ ބްރޭކަކަށް މެދުކަނޑާލާފައި އަލުން ކުޅުން ފެށުމުގެ ކުރިން ރެފްރީ އާއި އެސިސްޓެންޓް ރެފްރީން ގިނަ އިރުތަކެއް ވަންދެން މަޝްވަރާ ކުރުމަށް ފަހު، ދެން ފެނުނީ ނޭޕާލްގެ ސުޖަން ޑަންގޯލް އާއި ރާއްޖޭގެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އިޔާން ހަސަން އަށް ރެފްރީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި ތަނެވެ.

މެޗުގެ ބާކީ ބައިގައި ރާއްޖޭގެ ޓީމު ލީޑް ކުރީ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކެޕްޓަން ބޭންޑް އެޅި ފޯވާޑް ޝަނާން ރަޝާދެވެ.

ދެވަނަ ހާފު ފެށިގެން ދެ މިނިޓު ވެސް ނުވަނީސް ނޭޕާލުން ތަނަވަސް ކުރި ފުރުސަތެއްގައި ސާމިރު ތަމަންގް ފޮނުވާލި ނުރައްކާތެރި ހަމަލާ، ރާއްޖޭގެ ކީޕަރު މުހައްމަދު ޔަމާން ވަނި ދިފާއުކޮށްފަ އެވެ. ފުރަތަމަ ހާފުގައި ވެސް ނޭޕާލުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ގިނަ ބޯޅަތަކުގައި ރާއްޖޭގެ ކީޕަރު ވަނީ ހުޝިޔާރުކަން ދައްކައިފަ އެވެ.

ލަޔާން، ނޭޕާލް ކޮޅަށް ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އުދީޕްތު ސިންގު

ލަޔާން، ނޭޕާލް ކޮޅަށް ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އުދީޕްތު ސިންގު

މި ހާފުގައި ރާއްޖެއަށް ފަރަގު ކުޑަކުރަން ފުރަތަމަ ފުރުސަތު ލިބުނީ އަބްދުﷲ ލޫތު އިބްރާހިމަށެވެ. ނަމަވެސް ޝަނާން ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ލޫތަށް އަތުވާގޮތެއް ނުވި އެވެ. ރާއްޖޭން ފަރަގު ކުޑަކުރި ގޯލު 57 ވަނަ މިނިޓުގައި އަހުމަދު ޒަހާން ނަޒީރު ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ގޯލުގެތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އާދަމް ލަޔާން ރަޝީދެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވެފައި ވަނިކޮށް، މުހައްމަދު ފައުޒާން ފަޒީން އަށް ވަނީ އެއްވަރު ކުރަން ހުސް ފުރުސަތެއް ލިބިފަ އެވެ. ޝަނާން ދިން ތުރޫ ބޯޅަ ހޯދައި އޭރިއާ ތެރެއަށް ވަދެ ފައުޒާން ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ނޭޕާލުން ތިންވަނަ ގޯލު ޖެހީ 88 ވަނަ މިނިޓުގަ އެވެ. އޭރިއާ ތެރެއަށް ތިރިތިރިން ހުރަސް ކޮށްލި ބޯޅަ ނިރަންޖަން ދާމީ ގޯލަށް ފޮނުވާލީ މުޅިން ހުސްކޮށް ފާ ޕޯސްޓުގައި ހުރެފަ އެވެ. އަދި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ލިބުނު ކޯނަރެއްގެ އެހީގައި ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެން ހަތަރުވަނަ ގޯލު ޖަހައިދިނީ ސާމިރު ތަމަންގް އެވެ.

މެޗުގެ ކުޅުން ނިމުމަށް ފަހު ރާއްޖޭގެ ޑިފެންޑަރު އަފްޒަލް މުހައްމަދު ރެފްރީއާ ދިމާއަށް ގޮސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރުމުން އޭނާ އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.