Roadha Mihaaru
ދެ މުބާރާތުގައި ވެސް ރާއްޖެއާއި އިންޑިއާ ދެ ގުރޫޕަކަށް

ސާފްގެ ޖޫނިއާ ދެ މުބާރާތުގައި ވެސް ރާއްޖެ އާއި އިންޑިއާ ދެ ގުރޫޕަކަށް

22 ޖުލައި 2023

އަންނަ ސެޕްޓެމްބަރު މަހު 1-10 އަށް ބޫޓާނުގައި އޮންނަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި، ސެޕްޓެމްބަރު 21-30 އަށް ނޭޕާލުގައި ބާއްވާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ރާއްޖޭގެ ޓީމުން ގުރޫޕް ސްޓޭޖުގައި އިންޑިއާ އާ ދެ ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަންނަ ސެޕްޓެމްބަރު މަހު 1-10 އަށް ބޫޓާނުގައި އޮންނަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި، ސެޕްޓެމްބަރު 21-30 އަށް ނޭޕާލުގައި ބާއްވާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ރާއްޖޭގެ ޓީމުން ގުރޫޕް ސްޓޭޖުގައި އިންޑިއާ އާ ދެ ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލާއި ބޫޓާންގެ އިތުރުން ބަންގްލަދޭޝް އާއި ޕާކިސްތާން ވެސް މި ދެ މުބާރާތުގައި ވާދަ ކުރާނެ އެވެ. ދެ މުބާރާތުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ވެސް މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ބޫޓާންގެ ތިމްޕޫ ސިޓީގެ ޗަންގްލިމިތަންގް ސްޓޭޑިއަމްގައި ކުރިއަށް ގެންދާ 16 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ޕާކިސްތާނާއި މުބާރާތް ބާއްވާ ގައުމު ބޫޓާނާ އެކު ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދާނީ ނޭޕާލްގެ ކަތަމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގަ އެވެ. ރާއްޖެ ހިމެނެނީ ޕާކިސްތާނާއި މުބާރާތް ބާއްވާ ގައުމު ނޭޕާލާ އެކު ގުރޫޕް އޭގަ އެވެ. އިންޑިއާ އާއި ބޫޓާން އަދި ބަންގްލަދޭޝް ހިމެނެނީ ގުރޫޕް ބީގަ އެވެ.

ދެ މުބާރާތުގައި ވެސް ގުރޫޕް ސްޓޭޖުގައި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމު ސެމީ ފައިނަލަށް ދާނެ އެވެ. އަދި ފައިނަލަށް ދާނީ ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބު ކުރާ ޓީމުތަކެވެ.

މިއީ 16 އަހަރުން ދަށަށް ސާފް ޗެމްޕިއަންޝިޕް ބާއްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ތިން ފަހަރު 15 އަހަރުން ދަށަށް ވެސް މި މުބާރާތް ބާއްވައިފަ އެވެ. އެންމެ ފަހުން މިދިޔަ އަހަރު ބޭއްވީ 17 އަހަރުން ދަށަށް އަމާޒު ކޮށްގެންނެވެ. ރާއްޖޭޏް މީގެ ކުރިން 16 އަހަރުން ދަށުގައި ދެ ފަހަރު، 15 އަހަރުން ދަށުގައި ދެ ފަހަރު އަދި މިދިޔަ އަހަރުބޭއްވި 17 އަހަރުން ދަށުގެ މުބާރާތް ވެސް ނިންމާލީ ގުރޫޕް ސްޓޭޖާ ހަމައިންނެވެ. މީގެ ތެރެއިން ރާއްޖެއަށް ގޯލެއް ޖެހުނީ 2015 ވަނަ އަހަރު 16 އަހަރުން ދަށަށް ބޭއްވި މުބާރާތުގަ އެވެ އެ މުބާރާތުގައި ރާއްޖޭން ވަނީ އަފްގާނިސްތާނު ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ.

ރާއްޖޭޏް ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި 18 އަހަރުން ދަށަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ތިންވަނަ ހޯދައި ބްރޯންޒް މެޑަލް ހާސިލް ކޮށްފަ އެވެ. މިއީ އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕް މުބާރާތަކުން ޒުވާން ޓީމު ހޯދި ފުރަތަމަ ކާމިޔާބީ އެވެ. އޭގެ ކުރިން 2017 ގައި 18 އަހަރުން ދަށަށް ބޭއްވި މުބާރާތާއި 2015 ވަނަ އަހަރު 19 އަހަރުން ދަށަށް ބޭއްވި މުބާރާތުގެ ހުރިހާ މެޗަކުން ރާއްޖެ ބަލިވި އިރު، މިދިޔަ އަހަރު 20 އަހަރުން ދަށަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ނިންމާލީ އެންމެ ޕޮއިންޓަކާ އެކު އެވެ.