Roadha Mihaaru
ސަރުކާރުގެ ފްލެޓް ކޮންޓްރޯލް އަގެއްގައި ކުއްޔަށް ދެވޭނެ

ސަރުކާރުން ދޭ ފްލެޓް ކޮންޓްރޯލް އަގެއްގައި ކުއްޔަށް ދެވޭ ގޮތަށް ހަދާނަން: ފައްޔާޒު

25 އޯގަސްޓް 2023

ސަރުކާރުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދެވޭނެ ވަކި މިންގަނޑެއް ކަނޑައަޅައި، އޭގެ އަގު ކޮންޓްރޯލް ކުރުމުގެ ވިސްނުން ސަރުކާރުގައި އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދެވޭނެ ވަކި މިންގަނޑެއް ކަނޑައަޅައި، އޭގެ އަގު ކޮންޓްރޯލް ކުރުމުގެ ވިސްނުން ސަރުކާރުގައި އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ހުލުމާލޭ ފޭސް ދޭއްގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ފައްޔާޒު ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ކުޑަ އަގުގައި ސަރުކާރުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދިނުމުގައި އުސޫލުތަކެއް ކަނޑައެޅުމުގެ ވިސްނުން އެބަ އޮތް ކަމަށެވެ.

"ވިސްނުމުގައި އެބައޮތް ސަރުކާރުން ސަބްސިޑައިޒްކޮށްގެން ސަރުކާރުން ކުޑަ ލުއި ގޮތަށް ދޫކުރާ ފްލެޓްތަކުގައި އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭ ކަމުގައި ވަންޏާ، ކުއްޔަށް ދޭ ކަމުގައި ވަންޏާ ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުން،"

ފައްޔާޒު ވިދާޅުވީ ހެޔޮ އަގުގައި ފްލެޓްތައް ދޫކުރަނީ އެތަންތަން ކުއްޔަށް ދީގެން ވަކި ބަޔަކު މުއްސަނދިވުމަށް ނޫން ކަމަށެވެ. އަދި ހެޔޮ އަގުގައި ފްލެޓް ދެނީ ދަތި ހާލުގައި އުޅޭ މީހުންނަށް ބޯހިޔާވަހިކަމެއް ހޯދައިދޭން ކަމަށާއި އެކަމަކު އެމީހުން އާމްދަނީ ހޯދަން އެ ފްލެޓް ބޭނުންކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ގަބޫލު ކުރައްވަނީ އެ ކުއްޔަކީ ކޮންޓްރޯލް ކުރެވިފައި އޮންނަން ޖެހޭ އެއްޗެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންނަމަވެސް ބޯހިޔާވަހިކަމެއް ނެތިގެން އެތަނަށް ވަންނަ މީހާއަށް ދައްކަންޖެހޭ އެއްޗަކީ ކޮންމެވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން -- ފައްޔާޒު

ފައްޔާޒު ވިދާޅުވި ގޮތުގައި ވެރިކަން އަލުން ލިބިއްޖެ ނަމަ އެ ނިންމުން ނިންމާނީ ރައްޔިތުންނާ މަޝްވަރާކޮށް، އެންމެނަށް ވެސް ފައިދާވާނެ ގޮތަށެވެ.

ފައްޔާޒު އެގޮތަށް ވިދާޅުވިއިރު މިހާރު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ކުއްޔަށް ދިރިއުޅެނީ އެތަން ސަރުކާރުން ދޫކޮށްފައިވާ އަގަށް ވުރެ ދެގުނަ ބޮޑު އަގުގަ އެވެ. އެހެންވެ، ނިކަމެތި ހާލުގައި ދިރިއުޅޭތީ ކަމަށް ބުނެ ސަރުކާރުން ދިން ފްލެޓްތައް ކުއްޔަށް ދޫކުރާތީ ވެސް އާންމުން ފާޑު ކިޔަ އެވެ. އަދި އެހެން ބަޔަކު ދިރިއުޅެން ފްލެޓް ކުއްޔަށް ދިނުމަކީ ވެސް ހިޔާ ފްލެޓް އެއްބަސްވުމުގެ ދަށުން މަނާ ކަމެކެވެ.