Roadha Mihaaru
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ

ގޯތި/ފްލެޓް ލިސްޓުން ވަކިވެ، ސިންގަލް އެޕްލިކެންޓެއްގެ ގޮތުގައި ގޯއްޗަށް ކުރިމަތިލެވޭނެ: ރައީސް

27 ސެޕްޓެމްބަރ 2023

އާއިލާގެ އިތުރު ބަޔަކާ ގުޅިގެން މީގެ ކުރިން ގޯއްޗަށް ކުރިމަތިލި މީހުންނަށް ވެސް، އެ ލިސްޓުން ވަކިވެ، ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާއިލާގެ އިތުރު ބަޔަކާ ގުޅިގެން މީގެ ކުރިން ގޯއްޗަށް ކުރިމަތިލި މީހުންނަށް ވެސް، އެ ލިސްޓުން ވަކިވެ، ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާއި ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނާ ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި، އާއިލާގެ އިތުރު ބަޔަކާ ބައިވެރިވެގެން ގޯއްޗަށް ކުރިމަތިލި މީހުންނަށް، މި ސަރުކާރުން އިތުރަށް ހުޅުވާލާ ގޯއްޗަށް ކުރިމަތިލެވޭނެ ކަމާ މެދު ސުވާލު އުފައްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖޮއިންޓްކޮށް ކުރިމަތިލައިގެން ގޯތި ލިބުނު މީހުން އެ ލިސްޓުން ނުކުމެ ސިންގަލް އެޕްލިކެންޓެއްގެ ގޮތުގައި ކުރިއަށް އޮތް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގޯއްޗާ މެދު އެ މީހުން ތިބީ ޝައްކުތަކެއްގެ މަތީގައި ކަމަށްވާތީ އެ ލިބޭނެ ކަމުގެ ޔަގީންކަން ބޭނުންވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަށް، ޖަވާބު ދެއްވަމުން ރައީސް ވަނީ މި ދައުރު ނިމުމުގެ ކުރިން، އަންނަ ނޮވެމްބަރު 5ގެ ކުރިން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ހުޅުމާލޭގައި އަލަށް ހިއްކާ ސަރަހައްދާއި ގުޅީފަޅު އަދި ގިރާވަރުފަޅަށް ކަރަންޓާއި ފެނާއި ނަރުދަމާ ފޯރުކޮށްދީ މަގުތައް ވެސް ދެ އަހަރުގެ ތެރޭގައި ހަދައި ނިންމާނެ ކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވި އެވެ.

ބިންވެރިޔާގެ މަޝްރޫއުގެ ދަށުން ލިބުނު ގޯތިތައް ހެދުމާ ގުޅޭ ގައިޑްލައިނެއް އެޗްޑީސީން ވަނީ މިދިޔަ ހަފުތާގައި އިއުލާނުކޮށްފަ އެވެ.

އެ ގައިޑްލައިނުން ވެސް، ގޯތީގައި ދޫކުރަންޖެހޭ ހުސްޖާގަ ބޮޑުވުމުގެ ސަބަބުން ގޯތި ލިބުނު މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ ބޮޑަށް ގޯތި ހެދޭނެ ވަރަށް ގޯތި ދޫކުރާނެ ކަމަށެވެ. އެ ކޮންމެ ތަނެއް ވެސް 10 ބުރިއަށް ހެދޭނެ ކަމަށް ވިދާޅުވި އެވެ.