Roadha Mihaaru
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ

މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ: މިލޯ

02 އޮކްޓޯބަރ 2023

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު، ޖެހިލުން ނުވާނެ ކަމަށާއި މެޗުން މާޒިޔާ އަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސްލިއާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު، ޖެހިލުން ނުވާނެ ކަމަށާއި މެޗުން މާޒިޔާ އަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ބޮސްނިއާގެ މިލޯމިރް ސެސްލިއާ ބުނެފި އެވެ.

މާޒިޔާ އާއި މޯހަން ބަގާން ވަނީ އޭއެފްސީ ކަޕްގައި މީގެ ކުރިން ތިން ފަހަރު ބައްދަލުކޮށްފަ އެވެ. މިދިޔަ އަހަރު ސެންޓްރަލައިޒްކޮށް ކޮލްކަތާގައި ކުޅުނު ގުރޫޕް ސްޓޭޖް މެޗުގައި 5-2 އިން މާޒިޔާ ބަލިކޮށް މޯހަން ބަގާން ގުރޫޕްގެ އެއްވަނަ ހޯދި އެވެ. އޭގެ ކުރިން 2017 ވަނަ އަހަރު މޯހަން ބަގާންގެ ދަނޑުގައި 1-0 އިން މާޒިޔާ މޮޅުވިއިރު، ގަލޮޅު ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 5-2 އިންނެވެ.

އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި މިލޯ ބުނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުރީ މެޗަށް ވުރެ ރަނގަޅަށް ކުޅެ ނަތީޖާ ނެރެން މަސައްކަތް ކުރަން ޓީމު ތައްޔާރަށް އޮތް ކަމަށެވެ.

"އެ މީހުންގެ [މޯހަން ބަގާންގެ] އެޓޭކްތައް ވަރަށް ވަރުގަދަ. އަހަރެމެން މި އައީ ފުޓްބޯޅަ ކުޅެ، ނަތީޖާއެއް ނެރެން މަސައްކަތް ކޮށް އަހަރެމެންގެ ކުރިއެރުން ވަޒަން ކުރަން. އަހަރެމެންނަށް ގެއްލޭނެ އެއްޗެއް ނެތް، އަދި ޖެހިލުމެއް ވެސް ނުވާނެ. އެމީހުންގެ ސްޓްރެންތުތައް ފާހަގަ ކޮށްފިން، ދެން އޮތީ އަހަރެމެން ހިތްވަރު ކޮށްގެން ކުރީ މެޗަށް ވުރެ ރަނގަޅަށް ކުޅެން މަސައްކަތް ކުރުން، އެއީ ކުޅުން މިން ކުރާނީ ވެސް ނަތީޖާއިން،" މިލޯ ބުންޏެވެ.

"އިންޑިއާ އާއި ރާއްޖޭގެ މޫސުމާއި މާހައުލު ތަފާތު. އެކަމު ފުޓްބޯޅައިގައި މާ ބައިވަރު ބަހަނާއެއް ނުދެއްކޭނެ، ކޮންމެ ހާލަތެއްގައި ވެސް ކުޅެން ތައްޔާރަށް ތިބެން ޖެހޭނެ. ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް ވެސް ފުުސަތު އޮންނާނެ މޮޅުވާން. ގޯލަށް ބޯޅަ ފޮނުވާލައިގެން ސްކޯ ކުރެވޭނީ. އެޓީމުގެ ސްކޮޑްގައި ގައުމީ ޓީމުގެ ކޮލިޓީ ކުޅުންތެރިން އެބަތިބި. އަހަރެމެން އައީ ޑިފެންސިވް ފުޓްބޯޅައެއް ކުޅޭކަށް ނޫން. އަހަރެމެން އިދިކޮޅު ޓީމަށް ޕްރެޝަރު ކޮށްލައިގެން ގޯލު ޖެހޭނެ. އަހަރެމެން އައީ މޮޅުވާން، އެހެންވެ އެކަމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނަން."

ކޯޗު ބުނީ މޯހަން ބަގާންއަށް އިހުތިރާމް އަދާކުރަން ކަމަށް ބުނެ އަބަދު ޑިފެންސް ކުރަން ނުތިބެވޭނެ ކަމަށާއި އެއާ އެއްވަރަށް އެއްވަރަށް އެޓޭކް ކުރެވިއްޖެ ނަމަ މެޗު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް އިތުބާރު އެބަ އޮތް ކަމަށް ވެސް ކޯޗު މިލޯ ބުންޏެވެ.

"އަހަރެންގެ ކުޅުންތެރިންނަށް އިތުބާރު ކުރަން، އެއީ އަހަރެން ރާއްޖެ އައީ އެ ގައުމުގެ ރައްޔިތުންނަށް ދައްކައިދޭން، އެމީހުން ގަބޫލުކުރާ ވަރަށްވުރެ މޮޅު ކުޅުންތެރިން ރާއްޖޭގައި ތިބި ކަމަށް. އަހަރެމެންގެ ސްކޮޑް ވަރަށް ރަނގަޅު އެކަމު ބަލިފައި ހުންނާނެ، އެކަންކަން ފާހަގަކޮށް އެެ ކަންކަން ރަނގަޅުކުރަން މަސައްކަތް މި ކުރަނީ،" ރާއްޖޭގެ ކުޅުންތެރިންނާ ގުޅޭގޮތުން މާޒިޔާގެ ކޯޗު މިލޯ ބުންޏެވެ.

"ބޯހަން ބަގާން ކުޅުންތެރިންނަށް އެޑްވާންޓޭޖް އޮންނާނެ އެމީހުންގެ ފިޒިކަލް އަށް ބެލިއަސް، އަދި އެމީހުން އަންނަނީ ގަވާއިދުން މެޗު ކުޅެމުން. އެކަމު މިއީ ފުޓްބޯޅަ. އަހަރެމެން މިހާރު މިތިބަ ހިސާބާއި ކުރިއަށް އޮތް ތާނގައި ކުރެވެން ހުރި ކަންކަމަށް އެބަ ވިސްނަން. ފުރަތަމަ މެޗުގައި [ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް] ދައްކާލީ އަހަރެމެންގެ 50 ޕަސެންޓް، އަހަރެމެންގެ ހަގީގީ ފެންވަރު އަދި ދައްކައި ނުލެވޭ."

މިއަހަރު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި މާޒިޔާ ވަނީ ގަލޮޅު ދަނޑުގައި 3-1 އިން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކޮށްފަ އެވެ. މޯހަން ބަގާނުން ވަނީ ރަށުން ބޭރުގައި 4-0 އިން އެ ގައުމުގެ އޮޑީޝާ އެފްސީ ބަލިކޮށްފަ އެވެ.

ކޮލްކަތާގައި މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.