Roadha Mihaaru
މޯހަން ބަގާން އަތުން ބަލިވެ މާޒިޔާ ކަޓައިފި

މޯހަން ބަގާން އަތުން ބަލިވެ މާޒިޔާ ކަޓައިފި

21 އޯގަސްޓް 2021

އޭއެފްސީ ކަޕުގައި އޭޓީކޭ މޯހަން އަތުން 3-1 އިން މިރޭ ބަލިވެ މާޒިޔާ މުބާރާތުން ކަޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕުގައި އޭޓީކޭ މޯހަން އަތުން 3-1 އިން މިރޭ ބަލިވެ މާޒިޔާ މުބާރާތުން ކަޓައިފި އެވެ.

މި ނަތީޖާއާ އެކު މާޒިޔާގެ އިތުރުން، ބެންގަލޫރު އެފްސީ ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ. ދެކުނު އޭޝިއާ ސަރހައްދުން އަނެއް ބުރަށް ދަތުރު ކުރާނީ، ގްރޫޕްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ. އެއް ވަނަ ހޯދަން މިހާރު ވާދަކުރާނީ، ހަ ޕޮއިންޓާ އެކު އެއްވަނައިގައި އޮތް މޯހަން ބަގާން އާއި ހަތަރު ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ބަށުންދަރާ ކިންގްސް އެވެ. އަންނަ އަންގާރަ ދުވަހުގެ ހަވީރު އެ ދެ ޓީމު ބައްދަލު ކުރާ މެޗު އެއްވަރު ކޮށްލައިގެން ވެސް މޯހަން ބަގާން އަށް ގުރޫޕްގެ އެއްވަނަ ހޯދޭނެ އެވެ. ބަށުންދަރާ ކިންގްސް އަނެއް ބުރަށް ދާނީ މޯހަން ބަގާން ބަލިކޮށްގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 25 މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އައިސަމް އިބްރާހިމް (ޓޯނީ) އެވެ. މާޒިޔާއިން ލަނޑު ޖެހީ ކައުންޓަ އެޓޭކްގައި ތަނަވަސް ކުރި ފުރުސަތަކުންނެވެ. މޯހަން ބަގާން އަށް ލިބުނު ހިލޭ ޖެހުމެއް ޑޭވިޑް ވިލިއަމްސް ފޮނުވާލުމުން މާޒިޔާގެ ކުޅުންތެރިން އެ ބޯޅަ ހޯދައި އަވަސް އަވަހަށް ކުރިއަށް ދިނެވެ. މާޒިޔާއިން ކުރިއަށް ދިން ބޯޅަ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) ނަގައި ދިނުމުން ޓޯނީ ވަނީ ގޯލްގެ ތެރެއަށް ވައްދައިލަފަ އެވެ.

މޯހަން ބަގާން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފަށް އެ ޓީމު ނުކުތީ ބަދަލަކާއެކު އެވެ. ސުމިތު ރާތީގެ ބަދަލުގައި އާޝްތޯސް މެހެތާ ކުޅެން ނެރުނެވެ. މޯހަން ބަގާން އިން ނަތީޖާ ހަމަހަމަ ކުރުމުގައި އެންމެ ބޮޑު ތަފާތަކަށްވީ ވެސް އެ ބަދަލެވެ. މެޗުގެ 48 ވަނަ މިނެޓްގައި ލިސްޓަން ކޮލާކޯ ލަނޑު ޖެހީ ކަނާތް ފަޅިން މެހެތާ ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ.

މޯހަން ބަގާން އިން ލީޑު ނެގީ މެޗުގެ 63 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޯއީ ކްރިޝްނާ އެވެ. އެ ލަނޑު ޖެހުމުގައި ވެސް ބަގާން އަށް އެހީ އަކަށްވީ އެ ޓީމު ކުރި ބަދަލެވެ. ވިލިއަމްސްގެ ބަދަލުގައި ހޫގޯ ބޮއުމަސް ކުޅެން ނެރުނެވެ. މާޒިޔާގެ މިޑްފީލްޑަރުން ކައިރިން ނައްޓާލާފައި އެ ހަމަލާ އުފައްދަން ފުރުސަތު ތަނަވަސް ކޮށްދިނީ ބޮއުމަސް އެވެ. އެ ފުރުސަތުން ތަނަވަސްވި ބޯޅަ ކޮލާކޯ ފޮނުވާލުމުން މާޒިޔާގެ ކީޕަރު މިރުޒޯހިދު ދިފާއު ކުރުމުން ރީބައުންސަށް ނުކުތެވެ. ރީބައުންސަށް ނުކުތް ބޯޅަ ގޯލަށް ފޮނުވާލީ ރޯއީ ކްރިޝްނާ އެވެ.

މޯހަން ބަގާން އިން ލީޑު ނެގި ފަހުން ވެސް މާޒިޔާ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެ ޓީމުން ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑި އަށް ވެސް އަމާޒުވި އެވެ. ތިން ވަނަ ލަނޑު ޖަހައި ބަގާން އިން ލީޑް ފުޅާ ކުރުމުން ވެސް މާޒިޔާއި ވަނީ އެ ޓީމުގެ ގޭމް ކުޅެން މަސައްކަތް ކޮށްފަ އެވެ.

މޯހަން ބަގާން އިން ލީޑު ފުޅާކުރީ މެޗުގެ 77 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ މަންވީރު ސިންހް އެވެ. އޭނާ ލަނޑު ޖެހީ ބޮއުމަސް އުފެއްދި ފުރުސަތަކުންނެވެ.

މެޗުގެ ފަސް ވަނަ މިނެޓްގައި، ބަގާން އަށް ލަނޑެއް ޖެހުނު ކަމަށް އެ ޓީމަށް ހީކުރެވުނެވެ. ވިލިއަމް ނަގައިދިން ބޯޅައިން ރޯއީ ކްރިޝްނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި ވެސް މެ އެވެ. ނަމަވެސް ރެފްރީ ނިންމީ ކްރިޝްނާ އޮފްސައިޑްގައި ހުރި ކަމަށެވެ.