Roadha Mihaaru
ރީތި ފުޓްބޯޅައެއް ކުޅެވޭނީ ރޭގަނޑު މެޗު ކުޅެގެން

ރީތި ފުޓްބޯޅައެއް ކުޅެވޭނީ ރޭގަނޑު މެޗު ކުޅެގެން: ހާބަސް

20 އޯގަސްޓް 2021

ހަވީރުގެ ގަދަ ހޫނުގައި މެޗު ކުޅުމަކީ ވަރަށް ބޮޑު އުނދަގުލެއް ކަމަށް، އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗް އެންޓޯނިއޯ ލޯޕޭޒް ހާބަސް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހަވީރުގެ ގަދަ ހޫނުގައި މެޗު ކުޅުމަކީ ވަރަށް ބޮޑު އުނދަގުލެއް ކަމަށް، އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗް އެންޓޯނިއޯ ލޯޕޭޒް ހާބަސް ބުނެފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގައި، މޯހަން ބަގާން ކުޅުނު ފުރަތަމަ މެޗު ކުޅުނީ ހަވީރު އެވެ. އެ ޓީމުގެ ދެ ވަނަ މެޗުގައި މާދަމާ ރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ހާބަސް ބުނީ ބަލާހިތްވާ ކަހަލަ ގޭމެއް ކުޅޭނަމަ، މެޗު ކުޅެންވީ ރޭގަނޑު ކަމަށެވެ.

"ހަވީރު 4 ޖާހާއިރު ފުޓްބޯޅަ ކުޅުމަކީ އާދަޔާހިލާފަށް އުނދަގޫވާ ކަމެއް،" ހާބަސް ބުންޏެވެ. "ހަވީރު ގަޑީގައި ދަނޑުގެ ވިނަގަނޑު ވެސް އޮންނަނީ ވަރަށް ބޮޑަށް ޑްރައިކޮށް. އެއީ ކުޅުންތެރިންނަށް މެޗު ކުޅެން އުނދަގޫ ވާނެ ކަމެއް. ވިނަގަނޑު ޑްރައިވެފައި އޮތީމަ އަހަރެމެންނަށް ވަރަށް އުނދަގޫ. އިދިކޮޅު ޓީމަށް ވެސް އުނދަގޫ ވާނެ ކަމަށް ބެލެވެނީ."

"ފަހަރެއްގައި ރާއްޖޭގެ ޓީމުތަކަށް މިހާލަތު [ހަވީރުގައި ކުޅުން] މާ ރަނގަޅު ކަމަކަށް ފެނިދާނެ. އެކަމަކު އަހަންނަށް ހީވަނީ ރަނގަޅު ފުޓްބޯޅައެއް ކުޅޭނަމަ ރޭގަނޑު މެޗު ކުޅުންހެން އެއީ އެންމެ ރަނގަޅު ގޮތަކީ. ހަވީރު 4 ޖަހާއިރު ކުޅުމަށް ވުރެ ރޭގަނޑު 9 ޖާހާއިރު ކުޅެންޏާ މާރަނގަޅު ފުޓްބޯޅައެއް ވެސް ކުޅެވޭނެ."

ދެކުނު އޭޝިއާގެ ޒޯނުން އަނެއް ބުރަށް ދާނީ އެއް ޓީމެވެ. ކޮންމެ ޓީމެއް ވެސް ވަނީ އެއް މެޗު ކުޅެފަ އެވެ. މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް، ކުޅުނު މެޗުތައް ކާމިޔާބު ކުރީ 2-0 އިންނެވެ. ޕޮއިންޓާއި ފައިދާގެ ގޯލްގެ ގޮތުން ވެސް ދެ ޓީމު އެއްވަރެވެ. އޭއެފްސީ ޕޮއިންޓް ތާވަލުގައިވާ ގޮތުން ދެކުނު އޭޝިއާ ޒޯންގެ ކުރީގައި އޮތީ މޯހަން ބަގާން އެވެ. އެ ޓީމު އެންމެ ފަހު ކުޅުނު މެޗުގައި ވަނީ ޑޮމެސްޓިކް ވާދަވެރިޔާ ބެންގަލޫރު އެފްސީ ބަލިކޮށްފަ އެވެ.

އެކަމަކު ވެސް، މާދަމާ ރޭގެ މެޗުގައި މޯހަން ބަގާން އަކީ ފޭވަރިޓް ކަމަށް ހާބަސް ގަބޫލެއް ނުކުރެ އެވެ.

"ރެފްރީ ފަހު ކަށިގަނޑު ފުމެލާ ފަހުން މެޗުގެ ނަތީޖާ އޮންނަ ގޮތަކުން ފޭވަރިޓް ޓީމު އެނގޭނީ،" ހާބަސް ބުންޏެވެ. "އަހަންނަކަށް އަދި ފޭވަރިޓެއް ނެތް. ފުޓްބޯޅައިގައި ފޭވަރިޓެއް ބުނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ކުޅުންތެރިންނަށް އެނގޭނެ އެންމެ ފަހު ކަށިގަނޑާ ހަމައަށް ވެސް މެކްސިމަމް ނެރެން ޖެހޭނެކަން."