Roadha Mihaaru
ބެންކޮކް މޯލް ހަމަލާ: ދިވެއްސަކަށް އަނިޔާވިތޯ ބަލަނީ

ބެންކޮކް މޯލްއަށް ދިން ބަޑީގެ ހަމަލާ؛ ދިވެއްސަކަށް އަނިޔާވިތޯ ބަލަނީ

03 އޮކްޓޯބަރ 2023

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ މޯލްއެއްގެ ތެރޭގައި ބަޑިޖަހައި މީހުންތަކެއް މަރާލި ހާދިސާގައި ދިވެއްސަކަށް އަނިޔާއެއްވެފައި ވޭތޯ ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ މޯލްއެއްގެ ތެރޭގައި ބަޑިޖަހައި މީހުންތަކެއް މަރާލި ހާދިސާގައި ދިވެއްސަކަށް އަނިޔާއެއްވެފައި ވޭތޯ ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ ހަމަލާ ދީފައި ވަނީ ވިޔަފާރިއަށް އާއްމުކޮށް ދިވެހިން ގޮސް އުޅޭ ތައިލޭންޑްގެ ވެރިރަށް ބެންކޮކުގެ ސިއަމް ޕެރެގަން އަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ހާދިސާ އާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

"މިހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެންދަނީ ބަލަމުން. އަދި ހާދިސާ ހިނގި ވަގުތު އެއްވެސް ދިވެއްސަކު އެ މޯލްގައި ތިބިތޯ ވެސް ދަނީ ބަލަމުން،" މިނިސްޓްރީން ބުންޏެވެ.

އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާނަމަ އަދި އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ނުވަތަ ބެންކޮކުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ތައިލެންޑްގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ބަޑިއެއް ހިފައިގެން ވަދެ މޯލްގައި ތިބި މީހުންނަށް ހަމަލާދޭން ފެށީ 14 އަހަރުގެ ކުއްޖެކެވެ. ހަމަލާދިން ކުއްޖާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.

އެ ހާދިސާގައި މިހާތަނަށް ތިން މީހަކު މަރުވެ، އިތުރު ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ބަޑީގެ އަޑުއިވިގެން މޯލް ތެރޭގައި ތިބި ގިނަ ބަޔަކު ދުވެފައި ނުކުމުގެންދާ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.