Roadha Mihaaru
ރަޝިޔާގެ ބޯޓަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި

ރަޝިޔާގެ ބޯޓަކުން ޖައްސައި އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި

15 މާޗް 2023

ޔޫކްރޭންގެ ދެކުނުން އޮންނަ ކަޅު ކަނޑުގެ މަތިން ދަތުރުކުރަމުން ދިޔަ އެމެރިކާގެ ޑްރޯން މަތިންދާބޯޓެއްގައި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން އިއްޔެ ޖައްސައި ވައްޓާލައިފި އެވެ.

ޔޫކްރޭންގެ ދެކުނުން އޮންނަ ކަޅު ކަނޑުގެ މަތިން ދަތުރުކުރަމުން ދިޔަ އެމެރިކާގެ ޑްރޯން މަތިންދާބޯޓެއްގައި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން އިއްޔެ ޖައްސައި ވައްޓާލައިފި އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރަޝިޔާގެ މަތިންދާބޯޓު ޖައްސައި ވައްޓައިލި އިރު، އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ ޑްރޯން ދަތުރުކުރަމުން ދިޔައީ ކަނޅު ކަނޑުގެ މަތިން، ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުންނެވެ. އެމްކިޔޫ-9 ރޭޕާގެ ނަން ދީފައިވާ ޑްރޯން އެ ސަރަހައްދުން ދަތުރުކުރަނިކޮށް އެއަށް ހުރަސްއެޅީ، ރަޝިޔާގެ ސުކޯއީ-27 މަރުކާގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓެކެވެ.

ރަޝިޔާގެ ދެ މަތިންދާބޯޓު އެމެރިކާގެ ޑްރޯންގެ ކުރިމައްޗަށް އަރައި ހުރަސް އެޅުމަށް ފަހު، އެމެރިކާގެ ޑްރޯންގެ މައްޗަށް އެތައް ފަހަރަކު ތެޔޮ ބުރުއްސި އެވެ. އެއަށް ފަހު އޭގެ ތެރެއިން އެއް މަތިންދާބޯޓު، އެމެރިކާގެ ޑްރޯންގެ ފަހަތަށް ގޮސް، ޑްރޯންގެ ފަހަތުގައި އިންނަ އޭގެ ބުރަފަތީގައި ޖެއްސުމުން، ބުރަފަތި ހަލާކުވެ އޭގެ ކޮންޓްރޯލް ނެއްޓިގެން ގޮސް ވެއްޓުނީ އެވެ.

ރަޝިޔާގައި އުފައްދައި ބޭނުންކުރަމުން އަންނަ، ސުކޯއީ-27 (ސު-27) މަރުކާގެ އަސްކަރީ މަތިންދާބޯޓެއް

ރަޝިޔާގައި އުފައްދައި ބޭނުންކުރަމުން އަންނަ، ސުކޯއީ-27 (ސު-27) މަރުކާގެ އަސްކަރީ މަތިންދާބޯޓެއް

އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޕެޓްރިކް ރައިޑާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ދެ މަތިންދާބޯޓު، އެމެރިކާގެ ޑްރޯންގެ ވަރަށް ކައިރިން 40 ވަރަކަށް މިނެޓް ވަންދެން ވަށައިގެން ބުރުޖަހަމުން ދުއްވި އެވެ. އެއަށް ފަހު ޑްރޯންގެ ބުރަފަތީގައި ޖައްސައި ވައްޓައިލީ އެވެ. އެހާދިސާގައި އެމެރިކާގެ ޑްރޯން ވަނީ ވެއްޓި ކަޅު ކަނޑުގެ ތެރެއަށް ގެއްލިފަ އެވެ.

ރަޝިޔާގެ މަތިންދާބޯޓުތަކުން ހިންގި މި އަމަލަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި، އަދި ޑްރޯންގައި ޖެއްސި ރަޝިޔާގެ މަތިންދާބޯޓުވެސް ވެއްޓިދާ ފަދަ ހާދިސާއެއް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި މިއީ ރަޝިޔާގެ ޕައިލެޓުން ހިންގި، ޒިންމާދާރުކަން ވަރަށް ކުޑަ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ މީގެ އެއް އަހަރު ކުރިން ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކާއި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓަކާ ދެމެދު ހިނގި މިފަދަ ފުރަތަމަ ކުރިމަތިލުމެވެ. މި ހާދިސާއާ ގުޅިގެން، އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު އިއްޔެ ވަނީ އެމެރިކާގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އެމެރިކާގެ ޚާރިޖިއްޔާ އަށް ހާޒިރުވުމަށް ފަހު، ރަޝިޔާގެ ސަފީރު އެނަޓޮލީ އެންޓަނޯވް ވިދާޅުވީ އެމެރިކާ އާއި ރަޝިޔާއާ ދެމެދު ކުރިމަތިލުމެއް ހިނގަން ރަޝިޔާ ބޭނުން ނުވާ ކަމަށެވެ. އަދި ގަސްދަކާ ނުލައި އެއްވެސް ކުރިމަތިލުމެއް ހިނގާ ފަދަ ހާލަތެއް މެދުވެރިކުރަން ވެސް ރަޝިޔާ ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސަރަހައްދަކީ ރަޝިޔާ އިން މިހާރު ފަށާފައިވާ ޚާއްސަ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެއްކަން އަހަރެމެން އޮންނާނީ މާ ކުރިން ވެސް އެމެރިކާ އަށް އަންގާފައި. އެ ސަރަހައްދަށް ނުވަނުމަށާއި އެ ސަރަހައްދު ފޫއަޅުވައިނުލުމަށް އަހަރެމެން ކުރިން ވެސް އޮންނާނީ އެމެރިކާ އަށް އިންޒާރުކޮށްފައި،" ރަޝިޔާގެ ސަފީރު ވިދާޅުވި އެވެ.

"ރަޝިޔާގެ ޑްރޯންއެއް ނިއު ޔޯކް ކައިރިން ނުވަތަ ސެން ފްރެންސިސްކޯގެ ކައިރިން ދަތުރުކުރަމުން ދާ ނަމަ، އެމެރިކާ އިން ކަންތައް ކުރާނީ ކިހިނެއްބާ،" ރަޝިޔާގެ ސަފީރު ސުވާލު އުފެއްދެވި އެވެ.

ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ރަޝިޔާ ސިފައިން ތައްޔާރުވާން ފެށީއްސުރެ އެމެރިކާ އިން އަންނަނީ، ކަޅޫ ކަނޑުގެ މަތިން އެމްކިޔޫ-9 ރޭޕާ މަރުކާގެ ޑްރޯންތައް އުދުއްސައިގެން އެ ސަރަހައްދުގެ ހަރަކާތްތައް ބަލަމުންނެވެ. އަދި ހަނގުރާމަ ފެށުމާ އެކު، ޑްރޯންތަކުގެ އެހީގައި ހިންގާ ޖާސޫސީ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ.

އެމްކިޔޫ-9 ރޭޕާ މަރުކާގެ ޑްރޯންތަކަކީ 50000 ފޫޓު އުހުގައިވެސް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ، އޭގައި ހަރުކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި، ބިންމަތީގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބަލައިލެވޭ ގޮތަށް އުފައްދާފައިވާ ޑްރޯންއެކެވެ.