Roadha Mihaaru
ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ

ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ

16 މާޗް 2023

ކަޅު ކަނޑުގެ މަތިން ދަތުރުކުރަމުން ދަނިކޮށް، ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ޖައްސައި މިދިޔަ އަންގާރަ ދުވަހު ވައްޓައިލި، އެމެރިކާގެ ޑްރޯން މަތިންދާބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމެރިކާ އާއި ރަޝިޔާ އިން ވެސް ބުނެފި އެވެ.

ކަޅު ކަނޑުގެ މަތިން ދަތުރުކުރަމުން ދަނިކޮށް، ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ޖައްސައި މިދިޔަ އަންގާރަ ދުވަހު ވައްޓައިލި، އެމެރިކާގެ ޑްރޯން މަތިންދާބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމެރިކާ އާއި ރަޝިޔާ އިން ވެސް ބުނެފި އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ޑްރޯންގެ ބައިތައް ވެއްޓުނު ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދުގައި ރަޝިޔާގެ މަނަވަރުތައް ހަރަކާތްތެރިވަމުން ދާތީ، ޑްރޯންގެ ބައިތައް ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި އެ ޑްރޯންގެ ބައިތައް ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުގެ ކަނޑުގައި 1220-1520 މީޓަރުގެ ފުންމިން ހުރުމަކީ ވެސް، އެ ބައިތައް ހޯދުމުގައި ކުރިމަތިވަ ގޮންޖެހުމެކެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މާކް މިލޭ ވިދާޅުވި ގޮތުގައި ޑްރޯންގެ ބައިތައް ވެއްޓިފައިވާނީ ކަޅު ކަނޑުގެ ވަރަށް ފުން ސަރަހައްދަކަށް ކަމަށް ބެލެވެ އެވެ. އަދި އެ ޑްރޯންގެ ބައިތައް ކަނޑުގެ ތެރެއަށް އެޅުނު ސަރަހައްދުގެ ބޮޑުމިން ދެނެގަތުމަށް ވެސް ދުވަސްތަކެއް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމަށްވާ ނަމަ، އެ ޑްރޯންގެ ބައިތައް ހޯދުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އަށް ޑްރޯންގެ ބައިތައް ލިބުނަސް އޭގައި ރައްކާކޮށްފައި ހުރި މުހިންމު މައުލޫމާތުތައް ރަޝިޔާއަށް އަތުނުވާނެކަން ކަށަވަރުކުރުމަށް މިހާރު ވާނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ޑްރޯންގެ ބައިތައް ވެއްޓުނު ސަރަހައްދުގައި ރަޝިޔާގެ މަނަވަރުތައް ހަރަކާތްތެރިވަމުން އަންނަ ވާހަކަ، ނޫސްތަކުގައި ޝާއިއުކުރުމާ ގުޅިގެން ރަޝިޔާ ސަރުކާރުން ބުނީ، ވެއްޓުނު ޑްރޯންގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ނިކޮލާއި ޕަޓްރުޝޭވް މިއަދު ވިދާޅުވި ގޮތުގައި އެމެރިކާގެ ޖާސޫސީ ޑްރޯންގެ ބައިތައް ފެނޭތޯ ރަޝިޔާ އިން މަސައްކަތް ކުރާނެ އެވެ. އެ ޑްރޯންގެ ބައިތައް ފެންނާނެކަން މުޅިން ޔަގީން ނުވިޔަސް، ފެނޭތީ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑްރޯން ވެއްޓުނު މައްސަލައިގައި ރަޝިޔާ އިން ތަކުރާރުކޮށް ބުނަމުން އަންނަނީ ރަޝިޔާގެ މަތިންދާބޯޓަކުން އެ ޑްރޯންގައި ނުޖައްސާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ ޑްރޯން ރަޝިޔާ ކައިރިން ކަޅު ކަނޑުގެ މަތިން ދަތުރުކުރަމުން ދިޔައީ އޭގެ ޓަރާންސްޕޮންޑާތައް ނިއްވާލައިގެން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

އުޅަނދުތަކުގައި ހުންނަ ޓްރާންސްޕޮންޑާތަކަކީ، އެ އުޅަނދެއް އެ ވަގުތަކު އޮތް ތަނެއް އަންގައިދިނުމުގެ ގޮތުން ރޭޑިއޯ ސިގްނަލްތަކެއް ފޮނުވައިދޭ ވަސީލަތެކެވެ.

އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު އެނަޓޯލީ ނިކޮލައި ވިދާޅުވި ގޮތުގައި އެމެރިކާއާ އެތައް ހާސް މޭލެއްގެ ދުރަށް ރަޝިޔާއާ ކައިރިއަށް އެމެރިކާ އިން ޑްރޯންތަކެއް ފޮނުވައިގެން އެ ޑްރޯންތަކުގެ އެހީގައި، ރަޝިޔާއާ ބެހޭ މައުލޫމާތު އެއްކުރަނީ، ރަޝިޔާއާ ދެކޮޅަށް ހަމަލާ ދިނުމުގައި ޔޫކްރޭން ސިފައިން އެ މައުލޫމާތުގެ ބޭނުން ހިފުމަށްކަން ސާބިތުވެ އެވެ.

ޑްރޯން ހާދިސާގެ ސަބަބުން ރަޝިޔާ އާއި އެމެރިކާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރު އުފެދިފައިވާ މި ދަނޑިވަޅުގައި، އެމެރިކާ އާއި ރަޝިޔާގެ ވާހަކަތައް ވެސް މިހާރު ހުރީ، މަސްރަހު ފިނިކުރަން ބޭނުންވާ މޭރުމަކުންނެވެ.

އެމެރިކާގެ ޑްރޯންގައި ރަޝިޔާގެ މަތިންދާބޯޓަކުން ޖައްސާފައިނުވާނެ ކަމަށް، ރަޝިޔާ އިން ތަކުރާރުކޮށް ބުނަމުން އަންނަ އިރު، އެމެރިކާ އޮފިޝަލުން ވެސް މިހާރު ވިދާޅުވަމުން އަންނަނީ، އެމެރިކާގެ ޑްރޯންގައި ރަޝިޔާގެ މަތިންދާބޯޓު ޖެހުނީ ގަސްދުގައި ކަމަށް ނުބެލެވޭ ކަމަށެވެ.

ޖެނެރަލް މިލާ ވިދާޅުގައި ގޮތުގައި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެމެރިކާގެ ޑްރޯން އަށް ހުރަސްއަޅައި ޖެއްސުން ކުރީ ގަސްދުގަ އެވެ. ނަމަވެސް ރަޝިޔާގެ މަތިންދާބޯޓަށް ވެސް އަދި އޭގައި އިން ޕައިލެޓްގެ ފުރާނައަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑުއިރު، ރަޝިޔާގެ ބޯޓުން ގަސްދުގައި ޑްރޯންގެ ބުރަފަތީގައި ޖައްސާނެ ކަމަކަށް ނުބެލެވެ އެވެ.

މި މައްސަލައިގައި އެމެރިކާގެ ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް، ޖެނެރަލް މާކް މިލޭ އިއްޔެ ވަނީ ރަޝިޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފްސް، ޖެނެރަލް ވެލެރީ ގެރަސިމޯވް އަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފަ އެވެ. އޭގެ އިތުރުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވެސް އިއްޔެ ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫއާ ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވި އެވެ.