Roadha Mihaaru
އިންތިގާލީ ކޮމިޓީތަކުން މާދަމާ އިދާރާތަކަށް ދާން ފަށަނީ

ކުންފުނިތަކަށް ހަތް ޓީމެއް، މުއައްސަސާތަކަށް އަށް ޓީމަކާ އެކު މާދަމާ އޮފީސްތަކަށް ދާން ފަށަނީ

07 އޮކްޓޯބަރ 2023

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، މި ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތް ބަލައި ދެނެގަތުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން 15 ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީތަކުގެ ބޭފުޅުން މާދަމާ އިން ފެށިގެން ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި އޮފީސްތަކަށް ދާން ފަށަން ނިންމައިފި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، މި ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތް ބަލައި ދެނެގަތުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން 15 ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީތަކުގެ ބޭފުޅުން މާދަމާ އިން ފެށިގެން ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި އޮފީސްތަކަށް ދާން ފަށަން ނިންމައިފި އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ފުރަތަމަ ފަހަރަށް މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް ހާއްސަ ކޮށްގެން ހަތް ކޮމިޓީއެއް އަދި އެކި މުއައްސަސާތަކުން ކަންކަން ކޮށްފައިވާ ގޮތް ބެލުމަށް އަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޓީމުތަކުން ދާ މުއައްސަސާ/ކުންފުނިތަކުގެ ތެރެއިން ވަކިން ހާއްސަ ކަމަކަށް ފޯކަސް ކުރަން ޖެހިއްޖެ ނަމަ އެ ކަމެއް ވެސް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ސަރުކާރުގެ އެންމެ މަތިން ފެށިގެން ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ފެށިގެން މިހާތަނަށް އެކަށީގެންވާ އެއްބާރުލުން އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރަށް ދެއްވަމުން ގެންދަވާ،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މައުލޫމާތު އެއްކުރަން އިންތިހާބީ ރައީސްގެ އޮފީހުން ބޭނުންވަނީ ވަރަށް ފަރުވާތެރިކަމާ އެކު އެވެ. އެއާ އެކު ބާރު ސްޕީޑް ވެސް އެ ކަމަށް ބޭނުންވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީތަކުން މަސައްކަތް ކުރާނީ އެ ދެ ކަމަށް ވެސް ހަމަހަމަކަމާ އެކު ރިއާޔަތް ކޮށްގެން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އުފައްދަވައި، އިންތިހާބީ ރައީސް ބޭނުންފުޅުވެދާނެ ކަމަށްޓަކައި މައުލޫމާތުތައް އެއްކުރަން ވަނީ އަންގަވައިފަ އެވެ.

"އަދި ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަންމަންޓް އީ-ލެޓަ މެނޭޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ވަނީ ދެންނެވުމުގައި ބަޔާންކޮށްފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސް ކުރުމަށް އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކަނޑައަޅުއްވާފައި ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ މަރުހަލާގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ އެ އޮފީހުގެ، ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގެ ދަށުން ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް އައްޔަންކޮށް އޭނާއާ މަގާމުގެ މަސްއޫލިއްޔަތު ސިވިލް ސާވިސް ކޮމިޝަނުން ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.