Roadha Mihaaru
ޖިރޫ ގޯލުގައި ތަފާތު ދައްކައި މިލާން މޮޅުކޮށްދީފި

އަންގި ލައްވައިގެން ޖިރޫ ކީޕަރުގެ ދައުރުއަދާކޮށް މިލާން މޮޅުކޮށްދީފި

08 އޮކްޓޯބަރ 2023

ޖެނޯއާ (އޮކްޓޫބަރު 8) - ރަށުން ބޭރުގައި ރޭ ޖެނޯއާ އާ ވާދަކޮށް 1-0 އިން އޭސީ މިލާން މޮޅުވެ، އިޓާލިއަން ލީގު ތާވަލްގެ އެއްވަނަ މަގާމަށް ޖެހިލި މެޗުގެ ފަހު ވަގުތު ކީޕަރުގެ މަގާމަށް ކުޅެ ސްޓްރައިކަރު އޮލިވިއޭ ޖިރޫ ތަފާތު ދައްކައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޖެނޯއާ (އޮކްޓޫބަރު 8) - ރަށުން ބޭރުގައި ރޭ ޖެނޯއާ އާ ވާދަކޮށް 1-0 އިން އޭސީ މިލާން މޮޅުވެ، އިޓާލިއަން ލީގު ތާވަލްގެ އެއްވަނަ މަގާމަށް ޖެހިލި މެޗުގެ ފަހު ވަގުތު ކީޕަރުގެ މަގާމަށް ކުޅެ ސްޓްރައިކަރު އޮލިވިއޭ ޖިރޫ ތަފާތު ދައްކައިފި އެވެ.

މިލާނުން މެޗުގައި ޖެހި ހަމައެކަނި ގޯލު 87 ވަނަ މިނިޓުގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިކް އެވެ.

ޖިރޫ ގޯލަށް އަރަން ޖެހުނީ، މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި މިލާންގެ ގޯލްކީޕަރު މައިކް މައިނާން އަށް ރެފްރީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ފަސް މިނިޓް ފަހުން ރެފްރީ ވަނީ ޖެނޯއާގެ ގޯލްކީޕަރު ޖޯސެފް މާޓިނޭޒް އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

މިލާނުން މެޗުން ތިން ޕޮއިންޓް ޔަގީން ކުރީ، އިތުރު ވަގުތުގެ 15 ވަނަ މިނިޓުގައި ޖޯޖް ޕުސްކަސް ފޮނުވާލި ހަމަލާ ދިފާއު ކޮށްގެންނެވެ. މައިނާންގެ ޖޯޒީ އާއި އަންގި އަޅައިގެން ގޯލަށް އެރި ޖިރޫ ވަނީ ހުށިޔާރު ކަމާއެކު އެ ބޯޅަދިފާއުކޮށް އަތަށް ނަގައިފަ އެވެ.

މެޗަށް ފަހު ޖިރޫ ބުނީ، ރޭ ގެ މެޗަކީ މިލާންގައި އޭނާ އަށް އެންމެ ހާއްސަ ވަގުތުކޮޅު ކަމަށެވެ. ކީޕަރަށް ރަތް ކާޑް ދެއްކިއިރު ބަދަލުގެ އަދަދު ހަމަވެފައިވުމުން އަންގި ލައްވައިގެން ގޯލަށް އެރީ އޭނާ އެވެ. މެޗުގެ އެންމެ ފަހުވގުތުގައި މުހިންމު ސޭވެއް ވެސް އޭނާ ކުރި އެވެ.

"މި ކީޕަރު ޖޯޒީ ފްރޭމްކޮށްގެން އަހަރެން ގެންގުޅޭނަން،" އޭނާ ބުންޏެވެ.

މި ނަތީޖާއާ އެކު މިލާން ވަނީ އަށް މެޗުން 21 ޕޮއިންޓް ހަމަކޮށް ލީގު ތާވަލްގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ދެވަނައިގައި އޮތީ 19 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާނެވެ. އިންޓަ ރޭ އަމިއްލަ ދަނޑުގައި ބޮލޯނިއާއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

އޭސީ މިލާން ލީގުގައި މިހާތަނަށް ބަލިވެފައި އޮތީ ހަމައެކަނި އިންޓަ އަތުންނެވެ. ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު އިންޓަގެ ހޯމް މެޗުގައި މިދިޔަ މަހު އެޓީމުން މިލާން ބަލިކުރީ 5-1 އިންނެވެ.

މިހާތަނަށް ކުޅުނު އަށް މެޗުން 17 ޕޮއިންޓް ހޯދައިގެން އިޓާލިއަން ލީގުގެ ތިންވަނައިގައި އޮތީ ޔުވެންޓަސް އެވެ. ޔުވެންޓަސް ވަނީ ރޭ އަމިއްލަ ދަަނޑުގައި އަވަށްޓެރި ޓޮރީނޯ 2-0 އިން ބަލިކޮށްފަ އެވެ.