Roadha Mihaaru
ޖިރޫޑްގެ ހަމައެކަނި ލަނޑުން މިލާން މޮޅުވެ އެއްވަނައަށް

ޖިރޫޑްގެ ހަމައެކަނި ލަނޑުން އޭސީމިލާން މޮޅުވެ އެއްވަނައަށް

27 އޮކްޓޯބަރ 2021

މިލާން (އޮކްޓޯބަރު 27) - އިޓާލިއަން ސެރީ އާ ގައި އޭސީ މިލާނުން 1-0 އިން ޓޮރީނޯ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (އޮކްޓޯބަރު 27) - އިޓާލިއަން ސެރީ އާ ގައި އޭސީ މިލާނުން 1-0 އިން ޓޮރީނޯ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

އޭސީ މިލާނުގެ ހަމައެކަނި ލަނޑު މެޗުގެ 14 ވަނަ މިނިޓުގައި ޖަހައިދިނީ މި ސީޒަނުގައި ޗެލްސީން އެ ޓީމާ ގުޅުނު ފްރާންސްގެ އޮލިވިއޭ ޖިރޫޑެވެ. މިއީ ޖިރޫޑް އޭސީ މިލާނަށް ލީގުގައި ކުޅެދިން ހަ މެޗުގައި ޖެހި ހަތަރު ވަނަ ލަނޑެވެ. އަދި މިއާ އެކު ޖިރޫޑް ވެފައި ވަނީ 2013 ވަނަ އަހަރު މާރިއޯ ބަލޮޓެލީ އަށް ފަހު ލީގުގައި މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިލާނުން ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް، ނުވަ މެޗުން މޮޅުވެފައި ވާއިރު، މީގެ ކުރިން އެ ޓީމުގެ ތާރީހުގައި ވެސް މިފަދަ ނަތީޖާއެއް ނެރުނީ 1954-1955 ގެ ސީޒަނުގަ އެވެ. އެ ސީޒަނުގައި މިލާނުގެ ބަލިނުވުމުގެ ރެކޯޑަށް ނިމުމެއް އައީ ލީގުގެ 11 ވަނަ މެޗުގައި 2-1 އިން ރޯމާ އަަތުން ބަލިވެގެންނެވެ. އަދި އެ ސީޒަނުގައި އޭސީ މިލާނުން ލީގު ކާމިޔާބު ކުރިއިރު، މި ސީޒަނުގައި އޭސީ މިލާން ލީގުގައި ދެން ނުކުންނާނީ ވެސް ރޯމާއާ ދެކޮޅަށެވެ.

އޭސީ މިލާން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2011 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި އެޓީމު ލީގު ނިންމާލީ ތާވަލުގެ ދެވަނައިގައި އޮވެ އެވެ.

މިއާ އެކު އޭސީ މިލާން އެއްވަނައިގައި އޮތީ 10 މެޗު ކުޅެގެން ދެވަނައިގައި އޮތް ނަޕޯލީ އަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެން، 28 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ.

ނަޕޯލީ އާއި އޭސީ މިލާނަކީ މިހާތަނަށް އިޓާލިއަން ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމެވެ. ދެ ޓީމު ވެސް ކުޅުނު އެއް މެޗު އެއްވަރު ވެފައި ވާއިރު ބާކީ ހުރިހާ މެޗަކުން ވެސް އަންނަނީ ކާމިޔާބު ހޯދަމުންނެވެ.