Roadha Mihaaru
ދިރާގު މުވައްޒަފުންގެ އަގުވަޒަން ކޮށްފި

ދިރާގަށް 35 އަހަރު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

14 އޮކްޓޯބަރ 2023

ދިރާގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ކުންފުންޏަށް 35 އަހަރު ހިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ކުންފުންޏަށް 35 އަހަރު ހިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި މި ރަސްމިއްޔާތުގައި، 1988 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ވަނީ ދީފައެވެ. މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަން އިސްމާއިލް ވަހީދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑާޝިޕް ޓީމްގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

މި ހަފްލާގައި ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮޓޯ ފޮތް 'ލީޑިން ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާނީ އޮފް ދަ މޯލްޑިވްސް' ފޮތް ވަނީ އިފްތިތާހު ކޮށްފައެވެ. މި ފޮތް އިފްތިތާހުކޮށްދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާއިލް ވަހީދު އާއި އަދި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

މި ފޮތް މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުންނާނެ އެވެ. މި ފޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ވަނީ ހިމަނާފަ އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހަފްލާގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާއި ހާއްސަ ލަކީ ޑްރޯއެއް ވަނީ ބާއްވާފަ އެވެ.

ދިރާގަށް 35 އަހަރު ފުރުނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.