Roadha Mihaaru
އޭސީ ސިސްޓަމް ރަނގަޅުކުރަން ދެ ހަފުތާ ނަގާނެ: އައިޖީއެމްއެޗް

އޭސީ ސިސްޓަމް ރަނގަޅުކުރަން ދެ ހަފުތާ ނަގާނެ: އައިޖީއެމްއެޗު

23 އެޕްރީލް 2019

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމްގެ އެއާކޮންޑިޝަންތައް ހަލާކުވެ، އެތަން ހޫނުގަދަ ކަމަށް ކުރާ ޝަކުވާތައް ހައްލުވާން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމްގެ އެއާކޮންޑިޝަންތައް ހަލާކުވެ، އެތަން ހޫނުގަދަ ކަމަށް ކުރާ ޝަކުވާތައް ހައްލުވާން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުގައި އެންމެ ގިނަ އަދަދަކަށް މީހުން ފަރުވާ ހޯދާ އިމަޖެންސީ ރޫމުގެ އޭސީތައް ހަލާކުވެ، އެތަން "އަވަނަކަށް" ބަދަލުވެފައިވާ ކަމުގެ ޝަކުވާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ހޫނު ގަދަކަމުން މިނިޓެއްހާ އިރު ވެސް ކެތްކޮށްނުލެވޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވެފައި ވަނީ މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ އެވެ.

މިކަމާ ގުޅޭ ގޮތުން، އައިޖީއެމްއެޗުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ، ކުއްލި ފަރުވާދޭ ކޮޓަރި އެހާ ހޫނު ގަދައީ އެ ހޮސްޕިޓަލުގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި އެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ފަށައި ބޭނުންވާ ކޫލިން ޓަވަރުތަކަށް ބޭރުން އޯޑަރު ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

"އޭޕްރީލް މަހުގެ ފަހު ހަފުތާގައި މި ކޫލިން ޓަވަރު ލިބި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވިފައި ވަނީ މެއި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގަ އެވެ،" އައިޖީއެމްއެޗުން ބުންޏެވެ.

އޭގެ އިތުރުން، އެ ހޮސްޕިޓަލުގެ ޖެނެރަލް ވޯޑުތަކުގައި އޭސީ ހަރުކުރުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗު މަރާމާތު ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. އެ ގައުމުގެ އެހީގައި އެ ހޮސްޕިޓަލް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއް 2017 ގައި ކުރިއަށް ގެންދިޔަ އެވެ.