ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ދޭން ކަމާގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
16 އޮކްޓޯބަރ 2023
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ދޭން ކަމާގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އަލީ އާދަމް މަގާމުން ވަކިކުރަން އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރާ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ނިންމީ، މީގެ ކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް، މި މައްސަލާގައި ވެސް ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ އެއް ގޮތަށްތޯ ބެލުމަށެވެ.
އެކަމަކު، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ފާހަގަކުރެއްވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ހުށަހަޅުއްވާފައިވާ ގޮތަށް، މި ފަދަ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކީ ތުހުމަތުވާ ފަނޑިޔާރަށް ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެވެ.
"އާދައިގެ ކަމެއްގެ ވާހަކައެއް ނޫން އަޅުގަނޑުމެން މި ދައްކަނީ. ލައިފްޓައިމަށް އެޕޮއިންޓުކޮށްފަ ހުންނަ މީހަކު ރައްޔިތުންގެ މަޖިލީހުން ވޯޓެއް ދޭ އިރު، އަޅުގަނޑަށް ފެނޭ މި ކޮމިޓީއަށް ހާޒިރުވާން ބޭނުން ކަމަށްވާ ނަމަ، އެ ފަނޑިޔާރު މީހާ ކޮމިޓީއަށް ވެސް ހާޒިރުކޮށްފައި ސުވާލު ކުރަން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
ފަނޑިޔާރުގެ އިތުރުން ޖޭއެސްސީގެ ކަމާގުޅޭ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށް، ކަމުގެ މައުލޫމާތު ސާފުކުރަންޖެހޭ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
އެ ހުށަހެޅުއްވުމަށް ތުލުސްދޫ ދާއިރާގެ މިނިވަން މެމްބަރު އިބްރާހިމް ނަސީރު ތާއީދު ކުރެއްވުމުން، އެ ހުށަހެޅުން ފާސްވެފައިވަނީ މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެކަމަކު ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މި ފަހަރު މި ގޮތަށް ފާސްކުރި ނަމަވެސް، މިއީ މިފަދަ ކޮންމެ މައްސަލައެއްގައި އަމަލުކުރާނެ ގޮތް ކަމަށް ކަނޑައަޅަން ދަތިވާނެ ކަމަށެވެ.
ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތެރޭގައި ތިއްބަވާ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކޮށްގެން، މައްސަލަތައް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމެވެ. އެހެންކަމުން، މި ގޮތަށް އަމަލުކުރާނީ ކޭސް ބައި ކޭސް އުސޫލުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޖޭއެސްސީން ހޯދާފައިވާ މައުލޫމާތުތަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްތަކަށް ރިއާޔަތްކޮށް، އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކުރީ މިދިޔަ މެއި މަހު އެވެ.
އެކަމާ ގުޅޭގޮތުން ޖޭއެސްސީން މީގެ ކުރިން ބުނެފައިވަނީ އަލީ އާދަމް، މައްސަލައިގެ ހަސްމަކަށް ގުޅައި މެސެޖުކޮށް މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހެޅުމާއި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތާއި އެ ނޫން ވެސް ޒާތީ އެކި މެސެޖުތައް ކުރި ކަމަށެވެ. އަދި އެ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މުއާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ.
އެކަމަށް އަލީ އާދަމް އިއުތިރާފު ވެސް ވެފައިވާ ކަމަށާއި އެ މެސެޖްތައް ހުރިގޮތަށް ބަލާއިރު އެއީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން، އެ ހަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ކުރި މެސެޖްތަކެއް ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ މާއްދާތަކާ ހިލާފު އަމަލުތަކެއްކަން ސާބިތުވާތީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.
މީގެކުރިން ވެސް އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަތަކެއް ޖޭއެސްސީން ބަލާފައިވެ އެވެ.
އަލީ އާދަމް ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމެޓީ
ފުޅަދޫގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ކޮމިޓީއަށް
ފަނޑިޔާރު ހަމީދު ވަކިކުރަން ފާސްކޮށްފި
ފަނޑިޔާރުން ވަކިކުރުން އަދުލުވެރިތަ؟
ދެ ފަނޑިޔާރުންގެ މައްސަލަ:މަޖިލީހާއި ޖޭއެސްސީ ކޯޅެނީ
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
އިސް މެޖިިސްޓްރޭޓް ޝުކޫރު ވަކިކުރަން ކޮމެޓީން ފާސްކޮށްފި
މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
މުއުތަސިމާއި ސުއޫދު އައްޔަންކުރަން މަޖިލިހުން ރުހުންދީފި