Roadha Mihaaru
އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލަން ޖެހޭ: މުއިއްޒު

ވެރިކަމަށް މި އަންނަނީ މީހަކަށް ބަދުބަސް ނުބުނެ، އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލަން ޖެހޭ: މުއިއްޒު

17 އޮކްޓޯބަރ 2023

ވެރިކަަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކާ ޒާތީނުވެ، ބަދުބަހެއް ނުބުނެ ކަމަށާއި އެދެނީ ރައްޔިތުން ވެސް އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލައި ރިވެތި ސިފަތައް އަނބުރާ ގެނައުމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވެރިކަަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކާ ޒާތީނުވެ، ބަދުބަހެއް ނުބުނެ ކަމަށާއި އެދެނީ ރައްޔިތުން ވެސް އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލައި ރިވެތި ސިފަތައް އަނބުރާ ގެނައުމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ދޭދޭ ފަރުދުންގެ މެދުގައި އޮންނަން ޖެހޭނީ އުޚުވަތްތެރިކަމުގެ ގުޅުން ކަމަށާއި އެކަކު އަނެކަކާ މެދު ޒާތީވެ، ބަސްބުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ ދީނުގައި ވެސް މަނާ ކުރައްވާފައިވާ ކަމެއް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެއްވެސް ވަރަކަށް އަނެކާއާ ދޭތެރޭ ވާހަކަ ނުދައްކައި، އެކަކު އަނެކަކަށް އުނދަގޫ ނުކޮށް އުޅޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

އަތާއި ދުލުގެ ނުބައިން ސަލާމަތްވާ ބަޔަކަށް ވާން ޖެހޭ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ގާތަށް ގޮސް ބޮޑު ކެމްޕެއިނެއް ކޮށް ވެރިކަމަށް އިންތިހާބު ވެވަޑައިގެންނެވީ އެއްވެސް މީހަކަށް ބަދުބަހެއް ރައްދު ނުކުރައްވާ ކަމަށެވެ.

"އެއްވެސް މީހަކާ ޒާތީނުވަން. އެއްވެސް މީހަކާ ދިމާލަށް އެއްޗެއް ނުބުނަން. ޒާތީ ވާކަށް ނުޖެހޭ. އެކަން ރައްޔިތުން ބަލައިގަތީ ވެސް، އަޅުގަނޑު ބޭނުން ރައްޔިތުންނަކީ ވެސް ޒާތީވުން ދޫކޮށްލައި އެކަކު އަނެކަކާ ދޭތެރޭ ބަދުބަހެއް ވެސް ނުބުނާ ރިވެތި އަހުލާގު އިސްކުރާ ބަޔަކަށް ވާން،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވަން ބޭއްވި ހަފްލާ. --

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވަން ބޭއްވި ހަފްލާ. --

ރިވެތި އަހުލާގާއި އެކަކު އަނެކެއްގެ މެދުގައި އޮތް މަތިވެރި ގުޅުންތައް އަނބުރާ ނުގެނެސް މި ގައުމަށް ބޭނުންވާ ހަގީގީ ތަރައްގީ ނުގެނެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކިތަންމެ ވަރަކަށް އިމާރާތްތައް ހެދިޔަސް، ކިތަންމެ ވަރަކަށް ބްރިޖު އެޅިޔަސް، ކިތަންމެ ބިމެއް ހިއްކިޔަސް، އުމްރާނީ ތަރައްގީ ގެނަޔަސް ހަގީގީ ތަރައްގީ ނާންނާނެ. ނަފްސުގެ މުއްސަނދިކަން ސިކުނޑީގެ މުއްސަނދިކަން ހިތުގެ މުއްސަނދިކަން އަނބުރާ ނާންނަހާ ހިނދަކު ހަގީގީ މާނައިގައި ގައުމު ތަރައްގީ ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ދިވެހިވަންތަކަމާއި ދީނީ ބައެއް ސިފަތައް ނެތި ދަމުން ދާ ކަމަށާއި އެ ކަންކަން އިޔާދަކުރުމަށް މުހިންމު ކަންކަން ކުރަން ޖެހޭ ކަމަށެވެ. ދީން ހިމާޔަތް ކުރުމަށް ޓަކައި ދީނީ ވާހަކަތަކާއި މައުލޫމާތު ދޭ ގޮތްތައް ބަދަލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މިކަންކަން ކުރުމަށް ޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި އިލްމީ ދިރާސާތައް ކުރުމަށް ގްރާންޓް ސްކީމެއް ހިމަނާފައިވާނެ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭގެ އަލީގައި ގައުމަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މުހިންމު ހައްލުތައް ހޯދިގެންދާނެ ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވަން ބޭއްވި ހަފްލާ. --

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވަން ބޭއްވި ހަފްލާ. --

"މުއްސަނދި ހަޒާނާ އެބަހުރި، އެހެންނަމަވެސް މީގެ ބޭނުން ކުރަން އެބަ ޖެހޭ، އިލްމީ ދިރާސާތައް ކުރެވި، ޕްރެކްޓިކަލް ސޮލިއުޝަންތައް ނެރެވެން އެބަޖެހޭ، އޭރުން އަޅުގަނޑުމެންގެ ގައުމު ދެން އޮތް ޖީލަށް ފޯރުކޮށްދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

"އެބަޖެހޭ އަޅުގަނޑުމެންގެ ގައުމު އިލްމީ ގޮތުން މުއްސަނދި އޭގެ ބޭނުން ހިފާ ގައުމަކަށް ހަދަން، އޭރުން އަޅުގަނޑުމެންގެ މުސްތަގްބަލު ސަލާމަތް ކުރެވޭނީ."

ދުވަހަކު ވެސް ދިވެހި ބަހަށާއި އިސްލާމް ދީނަށާއި ސަގާފަތާއި އާދަކާދަތަކަށް ނުދޭ ވަރުގެ އިސްކަމެއް ދީ، ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސައްކަތް އެ މަނިކުފާނުގެ ވެރިކަމުގައި ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ހަގީގީ މާނައިގައި ކުރެވިއްޖެނަމަ ވެގެން ދާނީ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށް. އޭރުން އަޅުގަނޑުމެންނަށް އަމިއްލަ ގައުމަށް ހަގީގަތުގައި ކޮށްދެވުނީ. ހަމަ އަބަދު މިދާ ގޮތަށް ދާން ދޫކޮށްލައިގެން ތިބެވެން ނެތީ އެހެންވެ،" މުއިއްޒު ވިދާޅުވި އެވެ.

ޔުނިވާސިޓީތަކުން ވެސް ސިޔާސީ މީހުން ނިންމާ ނިންމުންތަކުގެ މައްޗަށް، ވަކި ކޮޅަކަށް ބުރަ ނުވާ އިލްމީ ދިރާސާތައް ހެދުމަށާއި އެ ދިރާސާގެ މައްޗަށް ކަންކަން ނިންމަވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވަން ބޭއްވި ހަފްލާ. --

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރައްވަން ބޭއްވި ހަފްލާ. --

"އެ ނިމޭ ނިންމުން ވާނީ ކަން އެނގި ހުރެ ނިންމާ ނިންމުމަކަށް، އެގޮތަކަށް ކަންކަން ވާން ބޭނުންވަނީ، އެހެންވީމާ މި ދަންނަވަނީ ނެޝަނަލް ގްރާންޓް ހަދަން މި ބޭނުންވަނީ،" މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އޭރުން ރައްޔިތުންނަށް އެ ކަންކަން ނިންމަނީ އިލްމީ ބޭފުޅުންގެ އަލީގައި ކަމުގެ ޔަގީންކަން ލިބި، ގައުމަށް އިތުރު ހަމަޖެހުން ލިބިގެން ދާނެ ކަމަށެވެ. ސަރުކާރާ ލާމެހި، އެއް ވިސްނުމެއްގައި އިލްމުވެރިން މި ބީދައިން މަސައްކަތް ކޮށްދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގަންނަވާފަ އެވެ.