Roadha Mihaaru
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން

އާއިލާއާއި ރަހުމަތްތެރިންގެ އެހީ ކުރިއަށް ވުރެ މާ ބޮޑަށް މިފަހަރު ބޭނުން: ނޭމާ

20 އޮކްޓޯބަރ 2023

ސައޮ ޕޯލޯ (އޮކްޓޫބަރު 20) - ބްރެޒިލްގެ ތަރި ނޭމާ، 31، އަށް އަނިޔާވެ އަނެއްކާވެސް ކަކުލުގެ ސާޖަރީއެއް ހަދަން ޖެހިއްޖެ އެވެ.

ސައޮ ޕޯލޯ (އޮކްޓޫބަރު 20) - ބްރެޒިލްގެ ތަރި ނޭމާ، 31، އަށް އަނިޔާވެ އަނެއްކާވެސް ކަކުލުގެ ސާޖަރީއެއް ހަދަން ޖެހިއްޖެ އެވެ.

ނޭމާ އަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި ބުދަދުވަހު އުރުގުއޭއާ ވާދަކޮށް 2-0 އިން ބަލިވި މެޗުގަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޑާވިން ނޫޏޭޒް އުރުގުއޭ އަށް ލީޑު ނަގައިދިން އިރު، ފަހު ހާފުގައި ލީޑު ފުޅާ ކޮށްދިނީ ނިކޮލަސް ޑި ލަ ކްރޫޒް އެވެ.

މޮންޓެވީޑިއޯގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުނޭމާގެ ކަކުލަށް އަނިޔާވެގެން އޭނާ ބަދަލުކުރީ ގިނައިރުތަކެއް ވަންދެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އެވެ.

"އަހަރެންނަށް އެނގޭ އަހަރެން ހިތްވަރު ގަދަކަން، އެކަމަކު މިފަހަރު އަހަރެން ބޭނުންވާނެ އާއިލާ އާއި ރަހުމަތްތެރިންގެ އެހީ ކުރިއަށް ވުރެ ބޮޑަށް،" ނޭމާ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓުގައި ލިޔެފައި ވެއެވެ.

އުރުގުއޭ މެޗުގައި ނޭމާ ދަނޑުން ބާލަނީ.-- ފޮޓޯ: އޭއެފްޕީ

އުރުގުއޭ މެޗުގައި ނޭމާ ދަނޑުން ބާލަނީ.-- ފޮޓޯ: އޭއެފްޕީ

ވައަތު ކަކުލުގެ ލިގަމެންޓާއި މިނިސްކަސް އަށް ލިބުނު އަނިޔާއާ ގުޅިގެން މިއީ ނޭމާ މި އަހަރު ސާޖަރީ ހަދަން ޖެހުނު ދެވަނަ ފަހަރެވެ. މިދިޔަ ސީޒަންގެ ފަހުކޮޅު ޕީއެސްޖީ އަށް ކުޅެމުން އޭނާ އަށް ފެބްރުއަރީ މަހު ލިބުނު އަނިޔާ އަކާ ގުޅިގެން ސާޖަރީ ހަދައި ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

އޮގަސްޓްގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވެ، ނޭމާ މުޅިން ރަނގަޅުވެގެން ކުޅެން ފެށީ މިދިޔަ މަހުގެ 15 ގައެވެ. އޭއެފްސީ ޗެމްޕިއަންސް ލީގުގައި ހިލާލަށް ފުރަތަމަ ގޯލު ޖަހައިދިން ނޭމާ މިހާތަނަށް އެ ޓީމަށް ކުޅެދެވުނީ ފަސް މެޗެވެ.

އުރުގުއޭ އަތުން ވީ ބައްޔަކީ ކޮލިފައިންގައި ބްރެޒިލް ވީ ފުރަތަމަ ބައްޔެވެ. އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އުރުގުއޭގެ މިއީ، 22 އަހަރުތެރޭ އެޓީމު ބްރެޒިލް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.

ބްރެޒިލް ހިމެނޭ ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައި ވާއިރު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން އެއްވަނައިގައި އޮތީ އާޖެންޓީނާ އެވެ. އުރުގުއޭ އާއި ބްރެޒިލް އަދި ވެނިޒުއޭލާ އަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.