Roadha Mihaaru
އުސޫލާހިލާފަށް ކާރު ނައްތާލުމުން ބަދަލަށް 250،000

ފުލުހުން ޓޯކުރި ކާރެއް އުސޫލާ ހިލާފަށް ނައްތައިލުމުން 250،000ރ. ބަދަލަށް ދޭން ޖެހިއްޖެ

19 އޮކްޓޯބަރ 2023

ފުލުހުން ޓޯ ކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލުމުން ކާރުގެ ވެރިފަރާތަށް 250،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުން ޓޯ ކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލުމުން ކާރުގެ ވެރިފަރާތަށް 250،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތައި ލެވޭނީ އެ އުޅަނދެއްގެ މައުލޫމާތު އާންމު ކުރުމަށް ފަހު އަދި 60 ދުވަސް ތެރޭގައި ވެރިފަރާތުން އުޅަނދާ ހަވާލު ނުވެއްޖެ ނަމަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ފުލުހުން ޓޯ ކުރި ކާރެއް ނައްތައިލީ އެ މައުލޫމާތު އާންމު ކުރުމެއް ނެތި އަދި އެ ކާރުގެ ވެރިފަރާތަށް ވެސް ނޭނގި އެވެ.

އެ މައްސަލާގައި ކާރުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޓޯ ކުރާ އުޅަނދުތައް ނައްތައިލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭނެ ކަމަށް އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނުގައި ބުނާއިރު، އެ ކާރު ޓޯ ކުރި ކަން ފުލުހުންގެ ވެބްސައިޓްގައި އާންމުކުރީ ކާރު ނައްތާލި ފަހުގެ ތާރީހެއްގައި ކަމަށެވެ. އެހެންވެ، އެ ކާރާ ހަވާލުވުމަށް ކާރުގެ ވެރިފަރާތަށް ފުރުސަތު ލިބިފައި ނުވާ ކަމަށް ހުކުމުގައި ވެ އެވެ.

ފުލުހުންގެ އެ އަމަލުގެ ސަބަބުން ކާރުގެ ވެރިފަރާތަށް އޭނާގެ މުދަލެއް ގެއްލިފައިވާއިރު، އެ ކާރުގެ މައުލޫމާތު ފުލުހުން އާންމު ކުރި ނަމަ އެކަން އެ ގޮތަށް ދިމާވުމުގެ ފުރުސަތު ނެތީސް ކަމަށް ހުކުމުގައި ފާހަގަކުރި އެވެ. އެހެންވެ، އެކަމުގެ ބަދަލު ފުލުހުން ދޭން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ކާރުގެ ވެރިފަރާތުން ކޯޓުގައި އެދުނީ އެ ބްރޭންޑްގެ ކާރެއް ނުވަތަ އޭގެ އަގު ހޯދުމަށް ކަމަށް ވާތީ އާއި އޭގެ އަގު ސާބިތުކުރަން ހެކި ހުށަހަޅާފައިވާތީ ކޯޓުގެ ހުކުމުގައި ވަނީ އެ ބްރޭންޑްގެ ކާރެއްގެ އަގު ކަމަށްވާ 250،000ރ. އެއް މަސް ތެރޭގައި ދައުލަތުން ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ޓޯޔާޑުގައި ހުރި ސައިކަލެއްގެ މައްސަލާގައި ދައުލަތުން ބަދަލު ދޭން ޖެހުނެވެ. އޭރު ބަދަލު ދޭންޖެހުނީ ގެއްލުނު ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަން ސައިކަލުގެ ވެރިފަރާތަށް ފުލުހުން ނާންގާ ތިބުމުން އެ މީހާ އާ ސައިކަލެއް ގަންނަން ޖެހުމުންނެވެ.