Roadha Mihaaru
ޓޯކުރި ސައިކަލެއް ނައްތާލުމުން ބަދަލަށް 82،000ރ.

ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލުމުން ބަދަލަށް 82،000ރ. ދޭން ޖެހިއްޖެ

15 ޖެނުއަރީ 2024

ފުލުހުން ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލެވިފައިވާތީ ސައިކަލުގެ ވެރިފަރާތަށް 82،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުން ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލެވިފައިވާތީ ސައިކަލުގެ ވެރިފަރާތަށް 82،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޭޕްރީލް، 2022 ގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ޓޯކުރި ސައިކަލެއް ހުޅުމާލޭ ޓޯ ޔާޑުގައި ހުއްޓާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނުމުން ސައިކަލުގެ ވެރިފަރާތުން ފުލުހުންނާ ދެކޮޅަށް ދައުވާކުރީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ކޯޓުގައި ދައުލަތުން ވަނީ އެ ސައިކަލު އޮޅިގެން ނައްތާލެވިފައިވާ ކަމަށް ބުނެފަ އެވެ.

ކޯޓުގެ ހުކުމުގައިވަނީ ސައިކަލުގެ އަގު ކަމަށްވާ 57،000ރ. އާއި ސައިކަލުގެ ވެރިފަރާތުން އެ މައްސަލާގައި ވަކީލަށް ހަރަދު ކުރަން ޖެހުނު 25،000ރ. އާ އެކު ޖުމްލަ 82،000ރ. ދައުލަތުން އެ މީހާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.

އެ މައްސަލާގައި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި 19،000ރ. ނަގައިދޭން އެދުނަސް ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ. ސަބަބަކީ އެ ބާވަތުގެ ބަދަލަކީ ގަސްދުގައި ކުރާ ކަންކަމަށް ނަގައިދޭ ބަދަލެއް ކަމަށްވާއިރު، އެ މައްސަލާގައި ސައިކަލު ނައްތާލެވުނީ އޮޅިގެން ކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ. އަދި ސައިކަލަށް އިތުރު ހަރަދެއް ކޮށްފައި ވިޔަސް، އެ ހަރަދު ހޯދުމަށް އިތުރު ދައުވާއެއް ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެ ކުރިން ފުލުހުންގެ ޓޯކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލި މައްސަލައެއްގައި ކާރުގެ އަސްލު އަގު ކަމަށްވާ 250،000ރ. ބަދަލެއްގެ ގޮތުގައި ދޭން ސިވިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރި އެވެ. އޭރު ބަދަލު ދޭން ޖެހުނީ ކާރު ޓޯކުރި ކަން އިއުލާން ކުރުމުގެ ކުރިން ކާރު ނައްތާލާފައިވާތީ އެވެ.