Roadha Mihaaru
ތެޔޮ ޓޭންކުތައް އާކުރުމުގެ މަސައްކަތް ހުއްޓުވައިފި

ފެނަކައިގެ ތެޔޮ ޓޭންކުތައް އާކުރުމުގެ މަސައްކަތް އޭސީސީން ހުއްޓުވައިފި

19 އޮކްޓޯބަރ 2023

ފެނަކަ ކޯޕަރޭޝަނުން ބޭނުންކުރާ ތެޔޮ ޓޭންކުތަކަށް ބޭނުންވާ ސާމާނު ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފެނަކަ ކޯޕަރޭޝަނުން ބޭނުންކުރާ ތެޔޮ ޓޭންކުތަކަށް ބޭނުންވާ ސާމާނު ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ މައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން ފަށައި، އެކަމާ ގުޅޭ އެންމެހައި މުއާމަލާތުތައް ހުއްޓާލަން މިހާރު ވަނީ އަންގާފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނިގޮތުގައި، ބައެއް ރަށްރަށުގައި ތެޔޮ ރައްކާ ކުރާ ޓޭންކުތައް އާކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްތައް ވަނީ އޭސީސީން އަންގާފައިވާ ގޮތަށް ހުއްޓާލައިފަ އެވެ.

ފެނަކަ އަކީ ވަރަށް ބޮޑަށް ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ ކުންފުންޏެކެވެ. ގިނަ ދަރަނިތަކެއް ވެސް އޮތް ފެނަކައާ ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅާފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ އެކި މަސައްކަތްތައް ކުރުވައި އެތައް މިލިއަން ރުފިޔާއެއް ކުންފުނިތަކަށް ނުދެއްކުމުގެ އިތުރުން، އެ ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތެވެ.

ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަން މިދިޔަ އޭޕްރީލް މަހު ވެސް އޮތީ އެނގިފަ އެވެ. މިހާރު އެ އަދަދު އެ އަށް ވުރެ ވެސް ބޮޑަށް ވަނީ އިތުރުވެފައި ކަމަށް ވެ އެވެ. އެ ފައިސާތައް ނުލިބިގެން އެކިއެކި އަމިއްލަ ކުންފުނިތަކުން ފެނަކައިގައި އާދޭސް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.