Roadha Mihaaru

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދަށް ދައުވާކޮށްފި

ކޮރަޕްޝަންގެ މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 ޑިސެމްބަރ 2024

ކޮރަޕްޝަންގެ މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކުރަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރުމުން ކަމަށެވެ.

އެ މައްސަލައިގައި ބްލޭޒް ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ސައީދު އަދި ދީނާގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.

ޕީޖީ އޮފީހުން ބުނީ ފެނަކައިގެ އެ ނިންމުމުގެ ސަބަބުން ނުވަ ލައްކައަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ފެނަކައިގެ މައްސަލައެއްގައި ސައީދުގެ މައްޗަށް ދައުވާ އުފުލިއިރު، އޭސީސީން މިހާރު ވެސް އަންނަނީ އޭނާއާ ގުޅޭ މައްސަލަތަކެއް ބަލަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް އަމާޒުވި އެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއަށް އޭރު ހުށަހެޅި އެވެ.

އެކަމަކު އެ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅެއް އޭސީސީން އޭރު އަޅާފައެއް ނުވެ އެވެ.