Roadha Mihaaru
ދައުލަތަށް ހޯދަން އެންގި ފައިސާ ނުލިބޭތީ ފިޔަވަޅުއަޅަނީ

ދައުލަތަށް އަނބުރާ ހޯދަން އެންގި 50 މިލިއަން ރުފިޔާ ނުލިބޭތީ އޭސީސީން ގާނޫނީ ފިޔަވަޅު އަޅަނީ

16 މެއި 2024

ދައުލަތަށް އަނބުރާ ހޯދަން މިދިޔަ އަހަރު އެންގި 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭތީ، އެ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތަށް އަނބުރާ ހޯދަން މިދިޔަ އަހަރު އެންގި 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭތީ، އެ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ ވަރު ބަލައި މޮނިޓާ ކުރުމަށް 2022 ވަނަ އަހަރު އެކަމަށް ހާއްސަ ނިޒާމެއް އެ ކޮމިޝަނުގައި ގާއިމްކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެ ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލު ކޮށްފައިވާ ވަރު އެ ކޮމިޝަނުން ބެލިއިރު، ދައުލަތުގެ އިދާރާތަކުން އެކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ ގާނޫނީ ގޮތުން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީ އިން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައ، ދައުލަތަށް ލިބެން ޖެހޭ 50,370,512.75ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭގެ ތެރެއިން މިދިޔަ އަހަރު ހޯދުނީ އެންމެ 234,531ރ. ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.

"ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަން ޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެންޓ-ިކޮރަޕްޝަން ކޮމިޝަނުގައި ނޫންކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ނަމަވެސް، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައ،ި ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެ ނަމަ އެ ފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައ،ި އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައ،ި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގެ ތެރޭގައި؛

- އެމްއެމްޕީއާރުސީ އަށް 40,475,200ރ. ހޯދުމަށް އަންގާފައިވޭ.

- އެމްޓީސީސީ އަށް 8,481,000ރ. ހޯދުމަށް އަންގާފައިވޭ.

- ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342ރ. ހޯދުމަށް އަންގާފައިވޭ.

އޭސީސީ އަށް މިދިޔަ އަހަރު 1،151 މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން 650 މައްސަލައެއް ރަޖިސްޓަރީ ކުރިއިރު، ރަޖިސްޓަރީ ނުކޮށް 501 މައްސަލަ ދޫކޮށްލި އެވެ. އޭގެ ތެރެއިން ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 16 މައްސަލައެކެވެ. އެ މައްސަލަތައް 29 ފަރާތަކަށް ރައްދުވެ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތަކަށް ރައްދުވާ މައްސަލަތަކެވެ. އެ ތަންތަނަށް 209 މައްސަލަ ހުށަހެޅި އެވެ. ދެ ވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަކްސްޓްރަކްޗާއާ ގުޅޭ މައްސަލަތަކެވެ. އެ މިނިސްޓްރީއާ ގުޅޭގޮތުން 190 މައްސަލައެއް ހުށަހެޅި އެވެ.