Roadha Mihaaru
ވިއްސާރަޔާ ހެދި ރާއްޖޭގެ ފަހު މެޗު ހުއްޓާލައިފި

ވިއްސާރަ ވުމުން ރާއްޖޭގެ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުގެ ފަހު މެޗު ޖެހުނީ ހުއްޓާލަން

20 އޮކްޓޯބަރ 2023

މެލޭޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ފިރިހެނުންގެ 19 އަހަރުން ދަށުގެ ޕްރިމިއާ ކަޕް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗު ވިއްސާރައިގެ ސަބަބުން ހުއްޓާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލޭޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ފިރިހެނުންގެ 19 އަހަރުން ދަށުގެ ޕްރިމިއާ ކަޕް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗު ވިއްސާރައިގެ ސަބަބުން ހުއްޓާލައިފި އެވެ.

ފަހު މެޗުގައި ބުދަ ދުވަހު ރާއްޖޭން ނުކުތީ ކުވެއިތާ ދެކޮޅަށެވެ. ކުވެއިތަށް ޓޮސް ދިމާވުމުން ރާއްޖޭން ވަނީ ކުޅެން އަރައި 18 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައި ވެގެން 56 ލަނޑު ހަދައިފަ އެވެ. ވާރޭ ވެހެން ފެށުމުން މެދު ކަނޑާލިއިރު، ފަހުން އޭސީސީން ނިންމީ އިތުރަށް މެޗު ކުރިއަށް ނުގެންދާށެވެ.

ފަންސާސް އޯވަރަށް ކުޅޭ މި މުބާރާތަކީ 19 އަހަރުން ދަށުގެ އޭޝިއާ ކަޕުގެ ކޮލިފައިން ގޮތުގައި ބާއްވާ މުބާރާތެކެވެ. ޑިސެމްބަރު މަހު ޕާކިސްތާނުގައި ބާއްވަން ތާވަލް ކޮށްފައިވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ޕްރިމިއާ ކަޕްގެ ފައިނަލަށްދާ ދެ ޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމެވެ.

ރާއްޖެ އާއި ސިންގަޕޫރު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭސީސީ

ރާއްޖެ އާއި ސިންގަޕޫރު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭސީސީ

ސޯޅާ ޓީމާ އެކު ހަތަރު ގުރޫޕަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނުނީ ކުވެއިތާއި ސިންގަޕޫރު އަދި ތައިލެންޑާ އެކު ގުރޫޕް ސީގަ އެވެ. ނޮކައުޓް ބުރަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓިމެކެވެ.

ރާއްޖޭގެ ޓީމު ވަނީ ފަހު މެޗުގައި ކުވެއިތާ ދެކޮޅަށް ނުކުތުމުގެ ކުރިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ. މިމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުން 178 ލަނޑުން ބަލިވިއިރު، މިދިޔަ ހޯމަ ދުވަހު ތައިލެންޑް އަތުން ބަލިވީ އަށް ވިކެޓުންނެވެ.

ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގައި ސިންގަޕޫރަށް ޓޮސް ދިމާވެގެން އެޓީމުން ވަނީ ފުރަތަމަ ކުޅެން އަރައި 49.5 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން 290 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި ރާއްޖޭގެ އާދަމް ހަލަފް ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭސީސީ

ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭސީސީ

ޖަވާބުގައި ކުޅެން އަރައި ރާއްޖެ އަށް 38.1 އޯވަރު ތެރޭ ކުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 112 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 23 ލަނޑު ހެދި މަބްސަރު އަބްދުﷲ އެވެ. ވިކެޓްކީޕަރު ޔަނީއު އަލީ ވަނީ 54 ބޯލައިން 23 ލަނޑު ހަދައިފަ އެވެ.

ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮސް ދިމާވީ ތައިލެންޑަށެވެ. އެއާއެކު ރާއްޖޭން ފުރަތަމަ ކުޅެން އަރައި 25.2 އޯވަރު ތެރޭ ކުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 21 ލަނޑު ހެދި ކެޕްޓަން މުހައްމަދު ރަޔާން އެވެ. ތައިލެންޑުން ވަނީ ޖަވާބުގައި ކުޅެން އަރައި 11.5 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން 86 ލަނޑު ހަދައި މެޗު ކާމިޔާބު ކޮށްފަ އެވެ.

މި ގުރޫޕުގެ އެއްވަނަ ހޯދައި ނޮކައުޓް ބުރުން ފުރުސަތު ހޯދީ ތިން މެޗު ވެސް ކާމިޔާބުކުރި ސިންގަޕޫރެވެ.