Roadha Mihaaru
ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ލުޔެއް

ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ލުޔެއް ދޭން ހުށަހަޅައިފި

06 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ލުޔެއް ދިނުމުގެ ގޮތުން ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ލުޔެއް ދިނުމުގެ ގޮތުން ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) މިއަދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ދިވެހި ރައްޔިތުންނަށް ލުއިކޮށް ދިނުމުގެ ބޭނުމުގަ އެވެ.

"ލޯކަލް ކައުންސިލް އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން ބޭނުން ވަނީ، މިއީ ހަގީގަތުގައި ވަރަށް ލުއިފަސޭހަ ޝަރުތުތަކެއް،" އޭނާ ވިދާޅުވި އެވެ.

މި އިސްލާހުގެ ސަބަބުން އަންނަ އޭޕްރީލް 15 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މި ފުރުސަތުތައް ވަރަށް ބޮޑަށް ފަހިވެގެން ދާނެ ކަމަށް ވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.

މި އިސްލާހުގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ނުވަ ޝަރުތެއް ހިމަނައިފަ އެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ގާނޫނުން އުނިކުރަން ހުށަހަޅައިފަ އެވެ.

އިސްލާހުގައިވާ ގޮތުން ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، ބޭރުގެ ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު ފަސް އަހަރު ފާއިތުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން، އަދި އުމުރުން 18 އަހަރު ފުރިފައިވުމެވެ.

މީގެ އިތުރުން ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިނުވުން، އެއްވެސް ޖިނާއީ ކުށެއް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށް ދެވުނުތާ ދެ އަހަރު ފާއިތުވާން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ކުރިން އޮތް ފުލްޓައިމް ދަރިވަރަކަށް ކައުންސިލަށް ކުރިމަތިނުލެވޭ ގޮތަށް އޮތް ޝަރުތު ވަނީ އުނިކޮށްފަ އެވެ. އަދި ބޭރުގެ ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެ މީހަކަށް ކައުންސިލަށް ކުރިމަތިލެވޭނީ އެމީހަކު ދިވެހި ރައްޔިތަކަށްވެ، އެ މީހަކީ ރާއްޖޭގައި ދިރިއުޅޭ މީހަކަށްވާނަމަ ކަމަށް ބުނާ ޝަރުތު ވަނީ އުނިކޮށްފަ އެވެ.

މީގެ އިތުރުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހުންނާއި ޖިނާއީ ކުށެއް އަދަބު ތަންފީޒު ކުރަމުންދާ މީހުންނަށް ބައިވެރިނުވެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި އޮތް ޝަރުތު ވެސް އޮތީ އުނިކޮށްފަ އެވެ.

ހަމައެއާއެކު އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައި ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކައުންސިލް ކުރިމަތިނުލެވޭ ޝަރުތުތައް ވެސް އޮތީ އުނިކޮށްފަ އެވެ. އަދި ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކުރިމަތިނުލެވޭ ޝަރުތު އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައި ނުވެ އެވެ.

ބައެއް މެމްބަރުން މީގެ ކުރިން ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ޝަރުތުތައް ކަނޑައަޅާފައި އޮތް ގޮތުން ގާބިލް އެތައް ބަޔަކަށް ކުރިމަތިނުލެވުމާއި ކުދިކުދި ހިޔާނާތުގެ މައްސަލާގައި އެ މައްސަލައެއް ނިމިގެން ގޮސް ހުކުމް ވެސް ތަންފީޒުވެނިމި، 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކުރިމަތިނުލެވި އޮތް އޮތުން ނިމުމަކަށް އަންނަން ޖެހެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން މި ނިންމީ، ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައަކަށް ފަހު ތިން ފަހަރެއްގެ މަތިން އިންތިހާބު ފަސްކޮށްފައި ވަނިކޮށެވެ.

މިދިޔަ މަހުގެ 14 ގައި ބާއްވަން އުޅުނު އިންތިހާބު ފަސްކުރަން ފުރަތަމަ ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުސްތަޝާރު ރައީސް ޔާމީނާ ދެމެދު މައްސަލަ ޖެހި ޕާޓީ ދެބައިވުމުން، ކައުންސިލް އިންތިހާބަށް ތައްޔާރުވާން ވަގުތު ނެތް ކަމަށް ބުނެ އެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕީޕީއެމަށް ވާދަ ނުކުރެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ހަމައެއާއެކު އޭޕްރީލް 8 ގައި ބާއްވަން ކުރިން އިއުލާން ކުރި އިންތިހާބު އޭޕްރީލް 15 އަށް ފަސްކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އިންތިހާބު ތިން ވަނަ ފަހަރަށް ފަސްކުރީ ވޯޓުފޮށި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.