ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތާ ބެހޭ ގޮތުން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
08 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތާ ބެހޭ ގޮތުން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) ހުށަހެޅުއްވި ބިލް ފާސްވުމުން ހުރިހާ ކައުންސިލަރުންގެ ޝަރުތު އޮންނާނީ އެއް މާއްދާއެއްގަ އެވެ. ލާމަރުކަޒީ ގާނޫނުގައި ކުރިން އޮންނަނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ މެމްބަރުންގެ ޝަރުތުތައް ވަކިވަކިންނެވެ.
އެކަމަކު މިއަދު ފާސްކުރި ބިލްގައި ކުރިން ހިމެނުނު މުހިންމު އެއް މާއްދާ ނުހިމެނެ އެވެ. އެއީ "އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމެ"ވެ. އެފަދަ ކުށެއް ސާބިތުވެފައިވާ މީހަކަށް ކައުންސިލް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އެކަމަކު މިހާރު ގެނައި އިސްލާހާ އެކު އިިންތިޚާބުގައި ހަމައެކަނި ބައިވެރިނުވެވޭނީ ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް އެކަންޏެވެ. މިއީ ކުރިން ވެސް އޮތް ޝަރުތަކެވެ. ސަރުކާރުން ފުރަތަމަ އިސްލާހު ހުށަހެޅީ އެފަދަ ކުށްވެރިންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އެކަމަކު ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ދެކޮޅުހެދުންތަކާ އެކު ރޭ ވަނީ އެ ބައި، ކުރިން ވެސް އޮތް ގޮތަށް އިސްލާހުކޮށްފަ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ވުން ނުވަތަ އަދަބު މައާފްކޮށްދެވުނުތާ ހަތް އަހަރު ފާއިތުވެއްޖެ ނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިހާރު ވާދަކުރެވޭނެ އެވެ.
ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ތެރެއިން 46 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް 19 މެމްބަރުން ވޯޓުދެއްވި އެވެ.
ބިލު ފާސްކުރީ އާންމުކޮށް ވޯޓަށް އަހާ ގަޑިއަށް ވުރެ ކުރިން ހެނދުނު 11 ޖަހާކަންހާއިރު އެވެ. އާންމުކޮށް ވޯޓަށް އަހަނީ މެންދުރުފަހު 1:30 ގަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ ބިލަށް ވޯޓަށް އަހާ ގަޑި ބަދަލުކުރަން ނިންމީ އެއީ މުހިންމު ބިލަކަށް ވާތީ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މަޖިލީހުގެ ރައީސް ނުދެއްވަ އެވެ. ބިލަށް ވޯޓަށް އެހުމަށް ފަހު، އަންނަ ހޯމަ ދުވަހު ޖަލްސާ ބާއްވާނެ ކަން އިއުލާންކުރައްވައި، ޖަލްސާ ވަނީ ނިންމާލައްވައިފަ އެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މައްސަލައަކާ ގުޅޭ ގޮތުން ވޯޓު ނަގާ ވަގުތަކީ ވަކި ވަގުތެއް ކަމަށް މަޖިލީހުގެ ރައީސަށް ކަނޑައެޅިދާނެ އެވެ. އެ ގޮތަށް ވަގުތު ކަނޑައަޅަންވާނީ ހުށަހެޅިފައިވާ މައްސަލާގެ ބާވަތަށާއި ވާހަކަދައްކަން އެދިފައިވާ މެންބަރުންގެ އަދަދަށް ބަލައި، އެ މައްސަލައާ މެދު އެކަށީގެންވާ ގޮތެއްގައި ބަހުސް ކުރުމުގެ ފުރުސަތު މެންބަރުންނަށް ދިނުމަށް ފަހުގަ އެވެ.
އިސްލާހު ހުށަހެޅުއްވި މެމްބަރު އަލީ މުހައްމަދު: އޭނާ ހުށަހެޅުއްވި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައި --ފޮޓޯ: މަޖިލިސް
ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އިންތިހާބެއް ބޯމަތިވެފައި އޮއްވާ ކުރިމަތިލެވޭ ޝަރުތު ބަދަލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރާ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ.
އެކި ފަހަރު މަތިން އިންތިޚާބު ފަސްކުރަމުން ދަނީ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ފެކްޝަނަށް ބޭނުންވާ ބަޔަކު ނުލިބިގެން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"ޝަރުތުތައް މިގޮތަށް ބަދަލެއް ނުކުރެވޭނެ އިންތިހާބު ބޯމަތިވެފައިވަނިކޮށް، ވަކި ތާރީހެއްގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް މުސްތަޝާރު ފެކްޝަނުން ބޭނުންވެގެން އިންތިހާބު ފަސް ކުރަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ސިޔާސީ މަގާމުތަކަށް އަންނަ މީހުންނަކީ ކުށްވެރިންނަށް ވެގެން ނުވާނެ ކަމަށެވެ. އެ ގޮތުން ޖިނާއީ ކުށްތައް ކުރާ މީހުންނަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ.
"އިންތިހާބު ނުބާއްވައި ބަހަނާތައް ދެއްކޭނެ އުސޫލުތަކެއް ހާމަވެގެންދާ މަންޒަރު ފެންނަނީ. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ފަސްކުރަން ޖެހޭ ހާލަތަކަށް މި ގައުމު ނުދޭ، އެފަދަ ހާލަތަކަށް ދިޔައީމަ ފަސްކުރަން ޖެހޭނީ."
އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ކަމާ ގުޅޭ ކޮމެޓީއަށް ބިލު ފޮނުވައިގެން ކުރި ދިރާސާއަށް ފަހު، އެކަށީގެންވާ ބަދަލެއް ބިލަށް ގެނެސްފައިވާ ކަމަށެވެ.
"މި ގާނޫނަކީ މިހާރުގެ ހާލަތަށް ބަލާއިރު ރަނގަޅު ކޮންމެވެސް އެއްގޮތަކަށް ބައްޓަން ކުރަން ޖެހިފައި އޮތް ގާނޫނެއް. ފަހަރަކު އަކުރެއް ބަދަލުކުރާ ނަމަ، ގާނޫނަށް އަމަލު ކުރުމުގައި ދަތިވޭ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އެހެން މެމްބަރުން ވިދާޅުވީ ޖިނާއީ ކުށްތައް ކޮށްފައި ތިބޭ މީހުންނަށް ސިޔާސީ ކަންކަމުގައި މުޅި އުމުރަށް ބައިވެރިނުވެ ތިބުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ މީހުންނަށް އިސްލާހުވާން ފުރުސަތު ދީ، ވަޒީފާ އަދާކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް
ކައުންސިލަރުންގެ އާ ޝަރުތަށް ޕީޕީއެމުން ވެސް ދެކޮޅު
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި
އިންތިހާބުން ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް: ގަފޫރު
ކައުންސިލް އިންތިހާބުގައި 1487 ކެންޑިޑޭޓުން ވާދަކުރޭ
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
ކުށްވެރިންނަށް ވާދަކުރުމުގެ ފުރުސަތާއެކު ކަންބޮޑުވުން!
ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ލުޔެއް