Roadha Mihaaru
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި

ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

17 އޯގަސްޓް 2016

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވިލިނގިލީ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 23 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.

ސައުދު ހުށަހެޅުއްވި އިސްލާހަކީ މީގެ ކުރިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާ ދާދި އެއް ކަހަލަ އިސްލާހެކެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މަޖިލީހުން ފާސްކުރި މި އިސްލާހުގެ ސަބަބުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ބޮޑު ތަނުން މަދުވެގެންދާނެ އެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރާއިރު، ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރު ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އޭގެ އިތުރުން ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން ކައުންސިލަރުން ކަމަށް އިސްލާހުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކައުންސިލަރުންގެ އަދަދު މަދު ކުރަން މަޖިލީހަށް ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކައުންސިލަރުންގެ އަދަދު މަދު ކުރަން މަޖިލީހަށް ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު މިހާރު ބުނާ ގޮތުން އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ފަހަކަށް ވުރެ ގިނަ ކައުންސިލަރުން ތިބެން ޖެހެ އެވެ. އަދި ބައެއް އަތޮޅު ކައުންސިލްތަކުގައި ފަހަކާއި ދިހައަކާ ދެމެދުގެ އަދަދަކަށް ކައުންސިލަރުން ތިބެ އެވެ.

މީގެ އިތުރުން 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ނުވަ މެމްބަރުންނާއި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުނިކުރަން ވެސް މިއަދު ފާސްކުރި އިސްލާހުގައިވެ އެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހަށް އިސްލާހު ހުށަހަޅައި ފާސްކުރިއިރު، މަޖިލީހުގެ މެމްބަރުންގެ އަދަދު 85 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް އެކަށީގެންވާ އަދަދަށް ވޯޓު ނުލިބިގެން އެ އިސްލާހު އިއްޔެ ވަނީ ފާސްނުވެފަ އެވެ. ގާނޫނުއަސާސީ އަށް ބަދަލުގެނެވޭނީ 64 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ 47 މެމްބަރެކެވެ.