Roadha Mihaaru
އެއާޕޯޓްގައި ޕްރެޝާ ފެޑްތައް ބޭނުންކުރުން ހުއްޓާލައިފި

އެއާޕޯޓްތަކުގައި ޕްރެޝާ ފެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

22 އޮކްޓޯބަރ 2023

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދިޔަ ހަފުތާގައި ޕްރެޝާ ޕެޑެއް ގޮވައި ބަޔަކަށް އަނިޔާވި ހާދިސާއަށް ފަހު، އެއާޕޯޓްތަކުގައި ހުރި މި ސިސްޓަމްތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދިޔަ ހަފުތާގައި ޕްރެޝާ ޕެޑެއް ގޮވައި ބަޔަކަށް އަނިޔާވި ހާދިސާއަށް ފަހު، އެއާޕޯޓްތަކުގައި ހުރި މި ސިސްޓަމްތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބެލުމަށް އެ ކުންފުންޏާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ތަހުގީގެއް ވެސް ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މި ކަހަލަ ޕްރެޝާ ފެޑް ސިސްޓަމްތައް ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ވެސް ބޭނުންކުރެ އެވެ. އެހެންވެ، މި ހާދިސާ ހިނގުމުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ހުރިހާ އެއާޕޯޓެއްގައި ހުރި ޕްރެޝާ ފެޑް ސިސްޓަމްތައް ބޭނުންކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފަ އެވެ.

"ވަގުތީ ގޮތުން، އެ އެއްޗެހި ބޭނުންކުރުން ހުއްޓާލައި އެންއެފްޕީއޭ އެޕްރޫވުޑް [ނޭޝަނަލް ފަޔަ ޕްރޮޓެކްޝަން އެސޯސިއޭޝަންގެ ސްޓޭންޑާޑަށް ފެތޭ] ފެކްޓަރީއަކުން އެ ހުރިހާ އެއްޗެއް އަލުން ޗެކުކުރާ ގޮތަށް މިހާރު ވަނީ ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައިގެން އެއާޕޯޓު ސްޓާފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް

ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައިގެން އެއާޕޯޓު ސްޓާފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް

ފްރެޝާ ފެޑް ސިސްޓަމަކީ ފަޔާ ޑްރިލް ނުވަތަ ޓްރެއިނިންތަކުގައި، އަލިފާންނިވާ މީހުން ބޭނުންކުރާ އެއްޗެކެވެ. މި ޕްރެޝާ ފެޑް ސިސްޓަމް ބޭނުންކުރަނީ ފަޔަމަނުން ކޮންމެ ތިން މަހަކުން ހަދަން ޖެހޭ ހޮޓް ފަޔާ ކިޔާ ޑްރިލް އަކަށެވެ. އެ ޑްރިލްގައި ފަޔަމަނުން ޖެހެނީ މި ޕްރެޝާ ފެޑްގައި ރޯ ކުރާ ހުޅުގަނޑު ނިއްވާލާށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުފުއްފުށި އެއާޕޯޓުގައި ނުރައްކާތެރި ހާދިސާއެއް ހިންގީ މި ޕްރެޝާ ފެޑް ސިސްޓަމަށް ބޭނުންވާ ގޭސް އަޅަނިކޮށް، އެ ގޮވައިގެންނެވެ.

އެ ހާދިސާގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ، ފަރުވާ އަށް އޭނާ އިންޑިއާ އަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެ ހާދިސާގައި އިތުރު ތިން މީހަކަށް އަނިޔާވި އެވެ.