Roadha Mihaaru
ޑިމޮކްރެޓުން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަނީ

ޑިމޮކްރެޓްސް ބޭނުންވަނީ މެމްބަރުންގެ އަދަދު މަދުކުރަން، ނުވެއްޖެ ނަމަ 93 ގޮނޑި އަށް ކުރިމަތިލާނެ

22 އޮކްޓޯބަރ 2023

އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ކަމަށާއި އެކަން ކާމިޔާބު ނުވެއްޖެ ނަމަ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޑިމޮކްރެޓްސް ޕާޓީ އިން ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ކަމަށާއި އެކަން ކާމިޔާބު ނުވެއްޖެ ނަމަ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޑިމޮކްރެޓްސް ޕާޓީ އިން ނިންމައިފި އެވެ.

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޕާޓީން ބޭއްވި އިންޓެރިމް ކައުންސިލްގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ހުރިހާ ވިސްނުމެއް މިވަގުތު ހުރީ މެންބަރުންގެ އަދަދު މަދުކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލް ފާސްކުރުމަށް ކަމަށެވެ.

ނަމަވެސް، އެ މަސައްކަތް ނާކާމިޔާބުވެއްޖެ ހާލަތެއްގައި، ހަސަން ވިދާޅުވީ މިހާރު އިލެކްޝަންސް އިން ކަނޑައަޅާފައިވާ 93 ގޮނޑިއަށް އެ ޕާޓީ އިން ވާދަކުރަން ޑިމޮކްރެޓްސް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ފާސްކުރީ އިންޓެރިމް ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެެ.

އިލްޔާސް، ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ މަޖިލިސް އެކުލެވިގެންވާނީ 76 މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ އިސްލާހުގެ ދަށުން މަޖިލިސް އެކުލަވައިލެވޭނީ އިދާރީ ދާއިރާތައް ތަމްސީލުވާ 55 މެމްބަރުންގެ މައްޗަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ދެ މެމްބަރުންނާއި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭ ގޮތަށެވެ. އޭގެ ތެރޭގައި ވަކި އަދަދަކަށް އަންހެން މެންބަރުން ވެސް ހިމެނެ އެވެ.

މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވާހަކަ ދެއްކުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތި ވެފައިވާއިރު، އެ ގާނޫނަށް އިސްލާހު ގެންނަން މިއީ އެންމެ ރަނގަޅު ވަގުތެވެ.

މަޖިލީހުގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ އެމްޑީޕީން ކުރިން ވަކާލާތު ވެސް ކުރި ކަމެއް ކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ބިލުގެ ވޯޓާ ހަމައަށް ދާއިރު އެމްޑީޕީގެ ނިންމުން ބަދަލުކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މި ބިލުގެ ވޯޓަށް ދާއިރު ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ބަހުސުންނާއި މަޖިލީހުގެ މެންބަރުންނަށް އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބޭ ފީޑްބެކާއި އެ ކުރައްވާ ޕްރެޝަރެއް ކުރައްވައިގެން ވެސް މި ކަމުގައި ނިންމުން ބަދަލުކުރައްވާނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާއެއް އޮންނަން ވާނެ ކަމަށާއި އެ އެކުލަވާލުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ވެސް މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.