Roadha Mihaaru
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު

ރައީސް އަނބުރާ ފޮނުވާލެއްވި ބިލާ މެދު ގޮތެއް ނިންމުން މިއަދު

28 ފެބުރުއަރީ 2024

އަންނަ މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މަޖިލިސް އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވި މައްސަލައާ މެދު ގޮތެއް ނިންމުން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މަޖިލިސް އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވި މައްސަލައާ މެދު ގޮތެއް ނިންމުން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ދިމާވަނީ ކުރިއަށް އަޮތް ރޯދަމަހާ ކަމަށް ވާތީ، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭނުންވަނީ ،އެ އިންތިހާބު ފަސްކުރާށެވެ. އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ، އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގައި ބުނާ ގޮތުން އިންތިހާބު ރޯދަމަހާ ދިމާވާ ނަމަ ބާއްވަން ޖެހެނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.

ނަމަވެސް އިންތިހާބު ފަސްކުރަން ބޭނުންފުޅު ނުވާތީ ރައީސް މުއިއްޒު ވަނީ އެ އިސްލާހުތައް ތަސްދީގު ނުކުރަން ނިންމަވައި ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.

މި ހަފުތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު، މިއަދު 1:00 އަށް ތާވަލްކުރި ޖަލްސާގެ އެޖެންޑާގައި މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ މައްސަލަ އޮތީ ހިމަނައިފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމާފައި ވަނީ އެ މައްސަލަ ރައީސް އަނބުރާ ފޮނުވާލެއްވިޔަސް އަލުން އޮތް ގޮތަށް ފާސްކުރުމަށެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް ތަސްދީގު ނުކުރަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނެތި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށްފި ނަމަ 15 ދުވަސް ތެރޭގައި އެ ބިލެއް ތަސްދީގު ކުރަން ރައީސަށް ލާޒިމް ވާނެ އެވެ.

ބިލް ތަސްދީގު ނުކުރަން ރައީސް ނިންމެވި ސަބަބުތައް:

1- މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓް ކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން.

2. އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން.

3. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައިވީ ނަމަވެސް ބިލުގައިވާ ގޮތަށް އިންތިހާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިހާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއް ކަމަށް ވުން.

4. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައިވީ ނަމަވެސް އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.

5. އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހް ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށްވުން.