Roadha Mihaaru
ސަރުކާރުގެ ހަފުލާތަކުގައި ކެއިންބުއިމުގެ ގައިޑްލައިނެއް

ސަރުކާރުގެ ހަފުލާތަކުގައި ކެއިންބުއިމުގެ ގައިޑްލައިނެއް އާންމުކޮށްފި!

23 އޮކްޓޯބަރ 2023

ސަރުކާރުގެ އިދާރާތަކުން އިންތިޒާމްކުރާ ހަރަކާތްތައް ސިއްހީގޮތުން ދުޅަހެޔޮ ހަރަކާތްތަކަށް ގެންދިއުމަށް ބާރު އަޅައި އެޗްޕީއޭ އިން ގައިޑްލައިނެއް ހަދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ އިދާރާތަކުން އިންތިޒާމްކުރާ ހަރަކާތްތައް ސިއްހީގޮތުން ދުޅަހެޔޮ ހަރަކާތްތަކަށް ގެންދިއުމަށް ބާރު އަޅައި އެޗްޕީއޭ އިން ގައިޑްލައިނެއް ހަދައިފި އެވެ.

އެ އެޖެންސީން މިދިޔަ އޮގަސްޓް މަހު ނެރުނު ގައިޑްލައިން ވަނީ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ބާއްވާ ކުޅިވަރާއި ފެއާތަކާއި މިއުޒިކް ޝޯތަކާއި މުބާރާތްތައް އަދި ޖަލްސާތަކާއި އެއްވުންތައް ބާއްވާއިރު ސަމާލުކަންދަން ދޭންޖެހޭ ކަންކަން ހިމަނައިފަ އެވެ.

އެ ގައިޑްލައިން ބަހާލާފައިވަނީ މައިގަނޑު ތިން ކަމަކަށެވެ. ފުރަތަމަ ބައިގައި ހިމަނާފައިވަނީ ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓުކުރުމަށް ދުންފަތުގެ ބާވަތްތައް އިސްތިހާރު ނުކޮށް، ހެލިފެލިވެ އުޅުމަށާއި ސިއްހަތަށް ފައިދާހުރި އެއްޗެހި އެ ހަރަކާތެއްގައި ބެހެއްޓުމަށް ލަފާދީފަ އެވެ.

ދެ ވަނަ ކަމަކަށް، ތިމާވެއްޓާއި ސާފުތާހިރު ކަމަށް އިސްކަންދިނުމެވެ. އެގޮތުން، ކާބޯތަކެއްޗާއި ފެނުގެ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް އިސްކަންދިނުމަށް ގައިޑްލައިންގައި ހިމަނާފައިވެ އެވެ.

އެޗްޕީއޭއިން ވަނީ އެކްސިޑެންޓުތައް ނުވާނެ ގޮތަށް ރައްކާތެރިވުމާއި ފަސްޓް އެއިޑް ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް އަންގައިފަ އެވެ.

ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް، އެކަން ހާސިލްކުރުމުގެ ބޭނުމުގައި ސަރުކާރުން ބާއްވާ ހަރަކާތްތަކުގައި ސިނގިރޭޓް ބޯން ހުސްވަގުތު ދިނުމުގެ ބަދަލުގައި ކަސްރަތުކުރުމަށާއި ފެނާއި ނަމާދު ކުރުމަށް ބްރޭކް ދިނުމަށް އެޗްޕީއޭއިން އެދިފަ އެވެ.

އިވެންޓުތަކުގައި ސިއްހަތަށް ފައިދާ ހުރި ކެއުމާއި ބުއިންތައް ހުރުމަކީ މަޖުބޫރު ކަމެއް ކަމަށް ވެސް އެ ގައިޑްލައިންގައިވެ އެވެ. ހާއްސަކޮށް ފެނާއި މޭވާ ބަހައްޓަން ޖެހެ އެވެ. އޭގެ އިތުރުން، އެނާޖީ ޑްރިންކާއި ފޯކާއި ސުޕާރި އަދި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ސޮސެޖް ފަދަ ޕްރޮސެސް ކޮށްފައި ހުންނަ މަހާއި ޖަންކް ފުޑާއި ތެލާއި ހަކުރު އަދި ލޮނު ގަދަ ކެއުންތައް ވެސް އެ ފަދަ ހަރަކާތްތަކުގައި ނުބަހައްޓަން ގައިޑްލައިންގައި އެދިފައި އެވެ.

އެޗްޕީއޭއިން ވަނީ ޓްރެއިނިން ހަރަކާތްތަކާއި ގިނައިރު އެއް ތަނެއްގައި އިށީނދެގެން އިންނަ ނަމަ ކަސްރަތުކުރުމަށާއި ސްޓްރެކްޗް ކުރުމަށް ހުސްވަގުތާއި ފުރުސަތު ދިނުމަށް އަދި ކޮންމެ 30 މިނެޓާއި އެއް ގަޑިއިރުން ކޮޅަށް ތެދުވެ، ހަރަކާތްތެރިވުމަށް ވެސް އެ އެޖެންސީގެ އުސޫލުގައިވެ އެވެ.

އެޗްޕީއޭއިން ވަނީ އެ އެޖެންސީގެ ގައިޑްލައިނަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އަމަލުކުރުމަށް އެދިފަ އެވެ. އަދި އެ ގައިޑްލައިންގައިވާ ކަންކަން ތަންފީޒުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން މޮނީޓާކުރައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށް، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓުކުރަން އުފައްދާފައިވާ އެޖެންސީން ބުންޏެވެ.